ވޮޝިންގްޓަން ޕޯސްޓުގައި ޝާއިއުކުރި އިންޑިއާ ޖާސޫސީ އިދާރާ، ރޯގެ އެހީގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ވައްޓާލަން ރޭވި ކަމަށް ބުނާ ރިޕޯޓާއި، ޕާކިސްތާނުގައި ޓެރަރިޒަމްގެ ބައެއް ޖަމާއަތްތައް ނައްތާލަން މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރެވޭ އިންޑިއާގެ އެޖެންޓުންނާ ގުޅޭ ރިޕޯޓް އިންޑިއާ ސަރުކާރުން ދޮގުކޮށްފިއެވެ.

އެ ވާހަކަތައް ދޮގުކުރައްވައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް ވިދާޅުވީ، އެ ނޫހާއި އެ ރިޕޯޓަރަކީ އިންޑިއާއާ މެދު "މަޖުބޫރު ދެކޮޅުވެރިކަމެއް" އުފައްދަމުން އަންނަ ބައެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

"އެ ނޫހާއި ސުވާލު އުފެދިފައިވާ ނޫސްވެރިޔާ ވެސް ފެންނަނީ އިންޑިއާއާ މެދު މަޖުބޫރު ދެކޮޅުވެރިކަމެއް އުފައްދަމުން އަންނަ ތަން. އެމީހުންގެ ހަރަކާތްތަކުން ފެންނަނީ ޕެޓާނެއް. އަޅުގަނޑު ތިޔަބޭފުޅުންނަށް ދޫކޮށްލަނީ، އެބޭފުޅުންގެ އިތުބާރު ބެއްލެވުމަށް. އަޅުގަނޑުމެންނަށް ބަލާއިރު، އެބޭފުޅުންގެ އަތުގައި އެއްވެސް އެއްޗެއް ނެތް،" ޖައިސްވާލް ވިދާޅުވިއެވެ.

"ޕާކިސްތާނާ ބެހޭ ގޮތުން (ރިޕޯޓާ ގުޅޭ ގޮތުން) ހިލަރީ ކްލިންޓަން ވިދާޅުވި ވާހަކަތަކަށް އަލިއަޅުއްވާލައްވަމުން އޭނާ ވިދާޅުވީ، އެމީހެއްގެ ގޭގެ ބިއްދަށް ފަރާތުގައި ހަރުފައެއް ބާއްވައިގެން އެ ހަރުފަ ވިހަލާނީ ހަމައެކަނި އަވަށްޓެރިންނަށް ކަމަށް ނުބެލެވޭނެ ކަމަށެވެ.

ކްލިންޓަން މިހެން ވިދާޅުވީ 2011 ވަނަ އަހަރު އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓްގެ މަގާމުގައި ހުންނެވި އިރު ޕާކިސްތާނަށް ފޮނުއްވި ހަރުކަށި މެސެޖެއްގައެވެ.

ވޮޝިންގްޓަން ޕޯސްޓުގެ ތަހުގީގަށް ފަހު ބުނީ، އެ ޕްލޭންގައި "ޑިމޮކްރެޓިކް ރިނިޔުވަލް އިނީޝިއަޓިވް" ނަމުގައި ތައްޔާރު ކޮށްފައިވާ ކަރުދާހެއްގައި އޮތީ، ޕީއެންސީ މެންބަރުން ހިމެނޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ 40 މެންބަރަކަށް ރިޝްވަތު ދީގެން، ރައީސް މުއިއްޒުގެ މައްޗަށް އިތުބާރު ނެތް ކަމަށް ވޯޓު ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މަޖިލީހުގެ މެންބަރުންގެ އިތުރުން، ރައީސް މުއިއްޒުގެ ވެރިކަން ވައްޓާލުމުގެ އެހީތެރިވުމަށް، ދިވެހި ފުލުހުންނާއި ދިވެހި ސިފައިންގެ 10 އިސް އޮފިސަރުންނާއި ރާއްޖޭގައި ހަރަކާތްތެރިވާ ބާރުގަދަ ތިން ގޭންގަކަށް ފައިސާ ދޭން ވެސް ރާވާފައިވާ ކަމަށް ވެއެވެ.

މި ޕްލޭނަށް ހަ މިލިއަން ޑޮލަރު ނުވަތަ ގާތްގަނޑަކަށް 92.5 މިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަަމަށާއި މި ކަމުގެ ފަހަތުގައި ތިބި މީހުން ރާވަމުން ދިޔައީ، އެ ފައިސާ އިންޑިއާ އިން ހޯދުމަށެވެ.

މިއީ ވޮޝިންގްޓަން ޕޯސްޓުގައި ޝާއިއުކުރި ރިޕޯޓާ ގުޅޭގޮތުން އިންޑިއާ ސަރުކާރުން މިކަން ދޮގުކޮށް ވާހަކަ ދެއްކި ފުރަތަމަ ފަހަރެވެ. ނަމަވެސް އެ ރިޕޯޓާ ގުޅޭގޮތުން ދިވެހި ސަރުކާރުން އަދި މިހާތަނަށް އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.