ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް ކުރާ ދައުވާގެ މައްސަލަ އަލުން އިސްތިއުނާފަށް ހައި ކޯޓަށް ހުށަހެޅުމުގެ ހުއްދަ އެ ކޯޓުން ދީފިއެވެ.
ޖިހާދުގެ މައްޗަށް ޕީޖީއިން ކޮށްފައިވާ ދައުވާއަކީ ފުށިދިއްގަރުފަޅު ސްޕެޝަލް ޓުއަރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ޖެނުއަރީ، 2013، ގައި ފައިނޭންސް މިނިސްޓަރަކަށް ހުންނަވައި ޖިހާދު ސޮއި ކުރެއްވި މައްސަލައިގައެވެ.
ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއްވާން އޮތް ކަމެއްގައި އެނޫން ގޮތަކަށް ޖިހާދު އަމަލުކުރެއްވި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ބެލޭނެ ތަނެއް ނެތްކަމަށް ކްރިމިނަލް ކޯޓުން ނިންމުމާއެކު، އެ މައްސަލަ އިސްތިއުނާފުކުރުމަށް ޕީޖީއިން ވަނީ މިދިޔަ އޮގަސްޓް މަހުގެ 11 ވަނަ ދުވަހު ހައިކޯޓަށް ހުށަހަޅާފައެވެ.
ޕީޖީ އޮފީހުން އެ މައްސަލަ ހައި ކޯޓަށް ފޮނުވި ނަމަވެސް ހައިކޯޓުން އެންމެ ފުރަތަމަ އެ މައްސަލަ ބަލައިނުގަންނަން ނިންމާފައި ވަނީ ޖިހާދު ދިރިއުޅުއްވާ ގޭގެ އެޑްރެސް ސާފު ނުކުރެވޭތީ ޗިޓު ހަވާލު ނުކުރެވިގެންނެވެ. އަދި ގޭގެ އެޑްރެސް ސާފުކޮށް އަލުން މައްސަލަ ހުށަހެޅުމަށް ހައިކޯޓުން ވަނީ ޕީޖީއަށް 15 ދުވަހުގެ މުއްދަތެއް ދީފައެވެ.
އެ މުއްދަތުގައި ދިވެހި ފުލުހުންގެ ހިދުމަތް މެދުވެރިކޮށް ޖިހާދު ހުރިތަނެއް ސާފުކުރި އިރު، އޭނާ ރާއްޖެއިން ބޭރަށް ގޮސްފައިވާކަމަށް މައޫލޫމާތުދީފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ. އެހެންކަމުން ކޯޓުން ދިން މުއްދަތުގައި މައްސަލަ އަލުން ހުށަހެޅުމަށް ހުރަހެއް ކުރިމަތިވެފައިވާކަން ބަޔާންކޮށް، މުއްދަތު އިތުރުކޮށްދިނުމަށް ޕީޖީއިން ވަނީ ހައިކޯޓުގައި އެދިފައެވެ.
ޖިހާދު އެނބުރި ރާއްޖެ އައިސްފައިވާކަމަށް އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހު ގައި ދިވެހި ފުލުހުންގެ ހިދުމަތުން ޕީޖީ އޮފީހަށް މައުލޫމާތު ދިނުމާއެކު، ޖެހިގެން އައި ދުވަހު (އޮކްޓޫބަރު 15)ގައި މައްސަލަ ޕީޖީއިން ވަނީ އަލުން ހައިކޯޓަށް ހުށަހަޅާފައެވެ.
ދެވަނަ ފަހަރަށް އެ މައްސަލަ ހުށަހެޅުމުން އެ ކޯޓުން ނިންމީ އަލުން މައްސަލަ ހުށަހަޅަން ދިން މުއްދަތު (15 ދުވަސް) ހަމަވެފައިވާތީ އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށެވެ. ދިން މުއްދަތުގައި މައްސަލަ ހުށަހެޅިފައި ނުވަނީ ހައިކޯޓުގެ ގަވާއިދުގައި ބަޔާންކުރާ އަމިއްލަ ބާރުނުފޯރާ ފަދަ ސަބަބެއް މެދުވެރިވެގެން ކަމުގައިވާތީ މައްސަލަ އިސްތިއުނާފަށް ހުށަހެޅުމުގެ އިތުރު ފުރުސަތެއް ދިނުމަށް ޕީޖީއިން ވަނީ ހައިކޯޓުގައި އެދިފައެވެ.
މި މައްސަލައަކީ ކުރިން ހުށަހަޅާފައިވާ މައްސަލައަކަށްވުމުގެ އިތުރުން އެޑްރެސް ސާފުކުރުމުގައި ކުރެވިފައިވާ މުއާމަލާތުތަކާއި ކަންހިނގާފައިވާ ގޮތަށް ރިއާޔަތްކޮށް، މި މައްސަލަ އިސްތިއުނާފު ކުރުމުގެ ހުއްދަ ދިނުމަށް ފެންނަ ކަމަށް މައްސަލަ ބެއްލެވި ހައިކޯޓުގެ 3 ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ވަނީ ނިންމާފައެވެ.