ނ. ހޮޅުދޫގައި ހިނގި ހަމަނުޖެހުމެއްގެ ތެރޭގައި މާރާމާރި ހިންގި މައްސަލައިގައި ހައްޔަރު ކުރި މޫސާ ރިޒްމީ ޝަރުތުތަކަކާ އެކު ދޫކޮށްލައިފިއެވެ.
އޭނާ ހައްޔަރުކޮށްފައި ވަނީ ނ. ހޮޅުދޫގައި މި މަހުގެ 19 ވަނަ ދުވަހުގައި ހިންގި ހަމަނުޖެހުމެއްގެ ތެރެއިން މާރާމާރީއެއް ހިންގި މައްސަލައެއްގައެވެ.
އުމުރުން 30 އަހަރުގެ ނ. ހޮޅަދޫ ނިއުލައިފް، މޫސާ ރިމްޒީ އަކީ ނ. ހޮޅުދޫގައި ޒަހަމްތަކާއެކު މަރުވެފައި އޮއްވައި ފެނުނު ޒަކިއްޔާ މޫސާގެ ދޮށީ ފިރިހެން ދަރިފުޅެވެ. މާރާމާރީ ހިނގާފައިވަނީ ޒަކިއްޔާގެ މަރުގެ މައްސަލައިގައި ކުރި ޒުވާބެއް ހޫނުވުމާ ގުޅިގެންކަން ވަނީ އެނގިފައެވެ.
މި މަހުގެ 23 ވަނަ ދުވަހު އޭނާ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވާއިރު ހައްޔަރު ކުރަން ނެރެފައިވާ ކޯޓު އަމުރުގައި ބުނެފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ރިމްޒީ އަހުމަދު، ޝުޖާއު ނަމަކަށް ކިޔާ މީހެއް ގައިގައި ޖަހައި މާރަމާރި ހިންގާފައިވާ ކަމަށެވެ. އެހެންކަމުން އޭނާގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ކުރިމަތި ވެދާނެ ކަމަށް ފެންނާތީ އާއި އެ މައްސަލައާ ގުޅިގެން ހެކި ފޮރުވުމަށް މަސައްކަތް ކޮށްފާނެ ކަމަށް ބެލެވޭތީ އޭނާ ހައްޔަރުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލައިގައި އޭނާގެ ބަންދުގެ މުއްދަތާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އޭނާ ވަނީ ދޫކޮށްލާފައި ކަމަށް ފުލުހުން ބުނެއެވެ.
އުމުރުން 50 އަހަރުގެ ޒަކިއްޔާ އޭނާ ދިރިއުޅޭ ގޭގެ ތެރޭގައި މަރުވެފައި އޮއްވާ ފެނިފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު ހެނދުނުއެވެ. ޒަކިއްޔާ މަރުވެފައި އޮތްތަނުން ފެނުނު ވަޅީގައި އަދި ޒަކިއްޔާގެ ހެދުމުގައި ލޭ ނެތް ކަމަށް ރަށު ތެރޭގައި ތުހުމަތު ކުރެވުނު ނަމަވެސް، ވަޅި އާއި ހެދުމުގައި ވެސް ގިނަ އަދަދެއްގެ ލޭ ހުރި ކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
ޒަކިއްޔާ މޫސާ މަރާލި ކަމުގެ އެއްވެސް ހެއްކެތް ފެންނަން ނެތްކަމަށާއި އޭނާ މަރުވީ ކަރަށް ލިބުނު ޒަހަމްތަކުގެ ސަބަބުންކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނެފައިވާ އިރު، އެކަމާ ގުޅިގެން ޒަކިއްޔާގެ އާއިލާއިން އަދި ހޮޅުދޫގެ ގިނަ އަދަދެއްގެ ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ މަރުގެ ތަހުގީގު ހިންގައި އިންސާފު ހޯދައި ދިނުމަށް ގޮވާލައި އިހުތިޖާޖުތައް ވެސް ހިންގާފައި ވެއެވެ.