ރައީސުލްޖުމްހޫރިއްޔާ ޑރ. މުއްމަދު މުއިއްޒުގެ އަރިހަށް، އިންޑިއާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ މުނޫ މަހާވަރު، ވަދާއީ ޒިޔާރަތެއް ކުރައްވައިފިއެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށް ދިޔަ މި ބައްދަލުކުރެއްވުމުގައި، ދެ ގައުމުގެ ގުޅުން ކުރިއެރުވުމަށް އިންޑިއާ ސަފީރު ދެއްވާފައިވާ އެހީތެރިކަމަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި އިންޑިއާ ސަފީރުގެ، ސަފީރުކަމުގެ ދައުރަކީ ފަހަކަށްއައިސް ދިވެހިރާއްޖެ އާއި އިންޑިއާގެ އެކުވެރިކަމާއި ދެ ގައުމުގެ ގުޅުން އާރޯވެގެންދިޔަ، މުހިންމު މަރުހާލާއެއްކަމުގައި ރައީސް ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި އިންޑިއާ ސަފީރު ވަނީ، ދިވެހިރާއްޖޭގެ ތަރައްގީއަށް އިންޑިއާގެ އެހީތެރިކަން އަބަދުވެސް ލިބެމުންދާނެކަމުގެ ޔަގީންކަންދެއްވާފައެވެ. އަދި ރާއްޖެއަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރާ މަސައްކަތްތަކުގައި، ދިވެހިރާއްޖޭގެ ރައީސް ދައްކަވާ ލީޑާޝިޕާއި، އެކުގައި މަސައްކަތްކުރެއްވުމުގެ ރޫހު އިސްކުރައްވާކަން ފާހަގަކުރައްވާފައެވެ. އަދި މިކަމަކީ ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަކޮށްދޭ ކަމެއް ކަމުގައިވެސް އިންޑިއާގެ ސަފީރު ވިދާޅުވެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ އާއި އިންޑިއާ ސަފީރު ވަނީ، އޮކްޓޯބަރު މަހު ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި އެކުލަވާލެވުނު "އަ ވިޝަން ފޯ އިކޮނޮމިކް އެންޑް މެރިޓައިމް ސެކިއުރިޓީ ޕާޓްނާޝިޕް" ކަރުދާހުގެ މައްޗަށް އަލިއަޅުއްވާލައްވައި، މީގެ ސަބަބުން ރާއްޖޭގެ ތަރައްގީގައި އިންޑިއާއިން ހިއްސާވާ މިންވަރު އިތުރަށް ފުޅާކުރުމުގެ މަގު ކަނޑައެޅުނުކަން ފާހަގަކުރައްވާފައެވެ.
މިގޮތުން، ދިވެހިރާއްޖޭގައި އިގްތިސާދީ އިސްލާހުތައް ގެނައުމަށާއި، އިޖުތިމާއީ ރައްކާތެރިކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކަށް އިންޑިއާގެ އެހީތެރިކަމާ އެކު ލިބެމުންދާ ކުރިއެރުންތައްވެސް ދެބޭދުޅުން ވަނީ ފާހަގަކުރައްވާފައެވެ.
މިބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި އިންޑިއާ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ދެ ގައުމުގެ ގުޅުން މިހާރު ކުރިއަށްދާ ގޮތުގައި ދެމިއޮންނާނެކަމާއި، އިންޑިއާގެ އެހީގައި ރާއްޖޭގައި ހިންގާ މަޝްރޫއުތައް ވަގުތަށް ނިންމޭނެކަމުގެ ޔަގީންކަން ފާޅުކުރެއްވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި އެކުގައި މަސައްކަތްކުރެވޭނެ ދާއިރާތަކާމެދުވެސް ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.
އިންޑިއާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ކުރެއްވި މި ވަދާއީ ޒިޔާރަތް ނިންމަވާލައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ، އިންޑިއާ ސަފީރަށް ހެޔޮއެދުންތައް އަރިސްކުރައްވައި، ރާއްޖޭގެ ތަރައްގީގެ ކަންކަމުގައި އިތުރަށް ގުޅުން ބަދަހިކުރެއްވުމަށް ޝައުގުވެރިވެވަޑައިގަންނަވާކަމުގައި ހާމަކުރައްވާފައެވެ.