އީރާނުގެ ނިއުކްލިއާ ޕްރޮގްރާމު އިތުރަށް ތަރައްގީ ކުރިޔަ ނުދިނުމަށް އެމެރިކާއިން އާ ފިޔަވަޅުތަކެއް އަޅައިފިއެވެ. އޮކްޓޯބަރު 1 ގައި އީރާނުން އިޒްރޭލަށް ދިން މިސައިލް ހަމަލާތަކާ ގުޅިގެންވެސް އެޅި ފަދަ ފިޔަވަޅުތަކެއް އަޅާ އެމެރިކާއިން ބުނީ، މިފަހަރު ދަތުކުރަނީ އީރާނުގެ ތެޔޮ ވަގަށް ބޭރުކުރާ 35 ފަރާތަކަށް ކަމަށެވެ.

އެގޮތުން ބޯޓުފަހަރާއި، އެފަރާތްތަކާ ފައިސާގެ މުއާމަލާތު ކުރާ ކުންފުނިތަކާއި މީހުންނަށް ވަނީ ފިޔަވަޅު އަޅާފައެވެ. އެ ފިޔަވަޅުތަކާއެކު މޮނިޓަރިން އިތުރަށް ވަރުގަދަކޮށް، އީރާނުގެ ތެޔޮ ބޭރުކުރާ އެކިއެކި ގޮތްތައް އިތުރަށް ބަލައި ފައިސާގެ މުއާމަލާތް ހިންގާ ގޮތްތައް ދެނެގަނެ ހުއްޓުވާނެ ކަމަށް އެމެރިކާ ބުނެއެވެ.

އެމެރިކާއިން ބުނަނީ އީރާނުގެ ނިއކްލިއާ ޕްރޮގްރާމަށް ހަރަދު ކުރަން ފައިސާ ހޯދުމަށް އީރާނުގެ ތެޔޮ ދުނިޔޭގެ ބާޒާރުތަކަށް ނެރުމަށް ސިއްރު ގިނަ އުކުޅުތައް ބޭނުން ކުރާ ކަމަށެވެ. އެގޮތުން ސައްހަނޫން ލިޔެކިޔުން ހަދައިގެންނާއި އެއް ބޯޓުން އަނެއް ބޯޓަށް ތެޔޮ ބަދަލުކޮށްގެންނާއި، ބޯޓުގައި ހުންނަ ދިދަ ބަދަލު ކޮށްގެންނާއި އެކިއެކި ގައުމުތަކުގެ ގާނޫނީ ބާރު ހިނގާ އެކިއެކި ސަރަހައްދުތަކަށް ބަދަލު ކޮށްގެންނާއި ވެސެލް ޓްރެކިން ސިސްޓަމަށް އޮޅުވާލުން ފަދަ އުކުޅުތައް ބޭނުން ކުރާ ކަމަށެވެ.

އީރާނުގެ އެ އުކުޅުތައް ހުއްޓުވުމަށް އެމެރިކާގެ ހުރިހާ ވަސީލަތެއް ބޭނުން ކުރާނެ ކަމަށާއި، އީރާނުގެ ތެޔޮ ދުނިޔޭގެ ބާޒާރަށް ނެރުން ހުއްޓުވާނެ ކަމަށް ބުނެއެވެ.

އީރާނުގައި ހުންނަވަނިކޮށް ހަމާސްގެ ލީޑަރު އިސްމާއީލް ހަނިއްޔާ އަވަހާރަ ކޮށްލުމާއި އީރާނުން މަދަދު ދޭ ހިޒްބުއްލޯގެ ލީޑަރު ހަސަން ނަސްރުﷲ އަވަހާރަ ކޮށްލި ހާދިސާއާ އެކު، ނިއުކްލިއާ ޕްރޮގްރާމު އިތުރަށް ފައްކާ ކުރާނެ ކަމަށް އީރާނުން ވަނީ ބުނެ އިއުލާން ކޮށްފައެވެ. އީރާނުން ބުނީ، އަތުވެދާނެ ކޮންމެ ހަމަލާއަކުން އެގައުމު ދިފާއު ކުރުމަކީ އީރާނުގެ މައްޗަށް ލާޒިމު ކަމެއް ކަމަށާއި އެހެންކަމުން އެމަގުން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށެވެ.

އެއާއެކު އީރާނުން ވަނީ 'ހަކަތައިގެ ހަނގުރާމަ' އެއް ފެށިއްޖެ ނަމަ ދުނިޔޭގެ ތެލުގެ ބާޒާރުން ދުވާލަކު 12 މިލިއަން ފީފާގެ ތެޔޮ މަދުވާނެ ކަމަށާއި އެއީ މުޅި ދުނިޔޭގެ އުފެއްދުމުގެ 10 ޕަސެންޓް ކަމަށެވެ.