މާލެ އަދި ވިލިމާލެ މަގުތައް ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީ އިން ބުނެފިއެވެ.

އެކްސްގައި ކުރި ޕޯސްޓެއްގައި ކޮންސްޓްރަކްޝަން މިނިސްޓްރީ އިން ބުނީ ޗައިނާ ސަރުކާރުން އައްޔަން ކޮށްފައިވާ ޓީމް އަދި މިނިސްޓްރީގެ ޓެކްނިކަލް ޓީމު ގުޅިގެން މާލެ އަދި ވިލިމާލެ މަގުތަކުގެ ހާލަތު ދެނެގަތުމަށް ކުރިއަށް ގެންދިޔަ އެސެސްމެންޓްތައް ނިންމާލާފައިވާ ކަމަށެވެ.

ފީސިބިލިޓީ ސްޓަޑީގެ މަސައްކަތް ފަށާފައިވަނީ މި މަހުގެ 5 ވަނަ ދުވަހު ކަމަށާއި އަދި މި މަހުގެ 21 ވަނަ ދުވަހާ ހަމައަށް މަސައްކަތް ނިންމާލާފައިވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީ އިން ބުނެއެވެ. ފީސިބިލިޓީ ސްޓަޑީގެ މަސައްކަތް ނިމިފައި ވާއިރު، ދެން ކުރިއަށް އޮތީ މަޝްރޫއުގެ ޑިޒައިން މަރުހަލާ ކަމަށް އެ މިނިސްޓްރީ އިން ވަނީ ބުނެފައެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީއިން ބުނީ މި މަޝްރޫއުގެ މަގްސަދަކީ ހާލަތު ގޯސްވެފައިވާ މަގުތައް ޒަމާނީ ފެންވަރަށް ބަދަލުކުރުމެވެ.

މާލެ އަދި ވިލިމާލޭގެ މަގުތައް ތަރައްގީ ކުރުމަށްޓަކައި ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާއި ދެމެދު ލެޓާ އޮފް އެކްސްޗޭންޖުގައި ސޮއިކޮށްފައި ވަނީ ޗައިނާގެ ބެއިޖިންގައި ބޭއްވުނު ރަސްމިއްޔާތެއްގައެވެ. މި މަޝްރޫއަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މި އަހަރުގެ ކުރީކޮޅު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް އެހީވުމަށްޓަކައި ވެވުނު ފަހުމުނާމާއާ ގުޅިގެން ތަރައްގީގެ މަޝްރޫއުތަކަށް ހިލޭއެހީގެ ގޮތުގައި 130 މިލިއަން ޑޮލަރު ހަމަޖައްސަވާދެއްވުމަށް ނިންމެވިކަން އެމަނިކުފާނު ވަނީ އިއުލާނު ކުރައްވާފައެވެ.