މޫސުމީ ކާރިސާއަށް ބަލާއިރު ރާއްޖެ ފަދަ ކުދި ގައުމުތަކުގެ އުންމީދުތަކަށް ހުރަސް އަޅަނީ މާލީ ދަތިކަން ކަމަށާއި ކްލައިމެޓް ފައިނޭންސިންއަށް އެހީ ބޭނުންވަނީ ޓްރިލިއަނުން ކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ. މިހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

29 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް29) ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖެއަކީ އެހެން ގައުމުތަކަސް ބަރޯސާވެފައިވާ ގައުމެއްގެ ގޮތުގައި ސިފަ ކުރަމުން އައި ކަމުގައި ވީ ނަމަވެސް ރާއްޖެއަކީ މާޔޫސްކަމުގެ ތެރެއިން ވާހަކަ ދައްކާ ގައުމެއް ނޫން ކަމަށެވެ. ރާއްޖެއިން އަޑު އުފުލަނީ އަމަލު ކުރަމުންދާ އެތައް ކަމެއްގެ މައްޗަށް ބިނާކޮށް ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ 35 އަހަރު ކުރިން ބޭއްވި ފުރަތަމަ ސްމޯލް ސްޓޭޓްސް ކޮންފަރެންސްގައި ވެސް ރާއްޖެއިން ވަނީ މޫސުމަށް އަންނަ ބަދަލުތައް ހަރުދަނާ ކުރުމަށް ގޮވާލާފައި ކަމަށާއި އަދިވެސް ރާއްޖެއިން ގޮވާލާ ގޮވާލުމަށް ބަދަލެއް ނާންނަ ކަމަށް ރައީސް ވިދާޅުވިއެވެ. ރާއްޖެއަށް ތިމާވެއްޓާއި ކަނޑުން ލިބޭ ވަސީލަތްތަކަށް ވުރެ ތިމާވެއްޓާއި ކަނޑު މުހިއްމުވާ ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ. އެ ގޮތުން ތިމާވެއްޓާއި ކަނޑަކީ ރާއްޖޭގެ ސަގާފީ އައިޑެންޓިޓީ ކަމަށާއި ތިމާވެށި ހިމާޔަތްކުރުން ދިވެހިންނަށް މުހިއްމު ވަނީ މި ސަބަބާ ހުރެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮޕް 28 ވަނަ ސަމިޓްގައި މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން ރާއްޖޭގެ ވިސްނުން ހިއްސާ ކުރި ނަމަވެސް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ. އަދި މާލީ ގޮތުން ލިބޭ އެހީ މަދު ކަމަށާއި އެކަމުގެ ސަބަބުން އުންމީދު ކުޑަވެގެން ދިޔަ ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް މި ފަހަރު ބަދަލެއް ފެނިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މާލީ އެހީތެރިކަން ފޯރުކޮށް ދޭ އިރު، ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސްގެ ޚާއްޞަ ޙާލަތްތަކަށް ވިސްނަންޖެހޭ ކަމަށާއި ކުދި ޖަޒީރާ ގައުމުތަކުގެ އުންމީދުތަކަށް ހުރަސް އަޅަނީ ފައިނޭންސްގެ ދަތިކަން ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން މި ކޮޕްގައި މިލަނޑުދަނޑި ހާސިލް ވާން ޖެހޭ ކަމަށާއި ކްލައިމެޓް ފައިނޭންސްގެ އާ އަމާޒަކީ މޫސުމީ ކާރިސާގެ ހަގީގީ މިންގަނޑު ދައްކުވައިދޭން ޖެހޭ ލަނޑުދަނޑިއެއް ކަމަށް ރައީސް ވިދާޅުވިއެވެ. ފައިސާގެ އެހީގެ ގޮތުގައި ބޭނުންވަނީ ބިލިއަނުގެ އެހީ ނޫން ކަމަށައި ޓްރިލިއަނުގެ އެހީ ކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ ތެރޭގައި އެޑަޕްޓޭޝަން، މިޓިގޭޝަން އަދި ގެއްލުމާއި ގެއްލުންތައް ހިމެނުމާއި އެކަމަށް ދޭ އެހީ އިތުރުކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކަށް ބަލާލާއިރު، ހަނގުރާމަ ކުރުމަށްޓަކައި މިނިވަންކަމާއެކު ފައިސާ ދައުރުވަމުން އަންނަތަން ފެންނަ ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް މޫސުމީ ކާރިސާއަށް އެވަރުގެ ހޭދަ ކުރާ މަންޒަރު ފެނިވަޑައިނުގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ. ބައިނަލްއަގްވާމީ މާލީ ނިޒާމުތައް މުރާޖައާކުރުމަށް އިސްކަމެއް ދޭން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. ދިރިއުޅުން ބަދަލުކުރާ މަގެއް އިހްތިޔާރު ކުރާއިރު، މޫސުމަށް ބަދަލެއް ނާންނާނެ މަގެއް އިހްތިޔާރު ކުރަން ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.