ހއ. ބާރަށު ސިއްހީ މަރުކަޒުގައި މެޑިކަލް ކުނި މެނޭޖުކުރުމަށް ހާއްސަ ތަނެއް ގާއިމުކޮށް އެތަން ހެލްތް މިނިސްޓްރީއާ ހަވާލުކޮށްފިއެވެ.

މިއީ ގްލޯބަލް އެންވާރަމެންޓު ފެސިލިޓީ (ޖީއީއެފް) އާއި ޔުނައިޓަޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) ގެ އެހީތެރިކަމާއެކު، އެންވާރަމެންޓު މިނިސްޓްރީ އިން ކުރިއަށްގެންދާ "އެލިމިނޭޓިން ޕާސިސްޓަންޓް އޯގަނިކް ޕޮލިއުޓަންޓްސް ތްރޫ ސައުންޑް މެނޭޖްމަންޓް އޮފް ކެމިކަލްސް" (ޕޮޕްސް) މަޝްރޫގެ ތެރެއިން ގާއިމުކުރި ފެސިލިޓީ އެކެވެ.

އެންވާރަމެންޓު މިނިސްޓްރީ އިން ބުނީ މި މަޝްރޫގެ ދަށުން ސިއްހީ ދާއިރާއިން އުފެދޭ ކުނި ހަރުދަނާ އުސޫލުތަކާ އެއްގޮތަށް ނައްތާލުމަށް ރަނގަޅު ޓެކްނޮލޮޖީ އަދި ތިމާވެއްޓާ ރައްޓެހި އުސޫލުތައް ތައާރަފު ކުރެވޭނެ ކަމަށެވެ.

އަދި ނޭދެވޭ ގޮތުގައި ކުނި ނައްތާލުމުން ޖައްވަށް ބޭރުވާ ވިހަ މާއްދާތައްވެސް މަދުކުރެވިގެންދާނެ ކަމަށާއި، މިކަމުގެ ސަބަބުން ތިމާވެއްޓަށާއި ބާރަށުގައި ދިރިއުޅޭ ރައްޔިތުންގެ ސިއްހަތަށް ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކުން ރައްކާތެރި ކުރެވޭނެ ކަމަށްވެސް އެންވާރަމެންޓު މިނިސްޓްރީ އިން ވަނީ ބުނެފައެވެ. ބާރަށުގައި ގާއިމުކުރި މި ފެސިލިޓީ އަކީ ސިއްހީ މަރުކަޒެއްގައި ސިއްހީކުނި މެނޭޖުކުރުމަށް ދިވެހިރާއްޖޭގައި ގާއިމުކުރެވުނު ފުރަތަމަ ފެސިލިޓީއެވެ.

މީގެއިތުރުން މިއަދު ވަނީ ނެޝަނަލް ހެލްތު ލެބޯރެޓަރީގެ މަސައްކަތް ހަރުދަނާ ކުރުމަށް ހެވީމެޓަލްސް ޓެސްޓު ކުރެވޭ އައިސީޕީ އެމްއެސް މެޝިނެއް ފޯރުކުށްދިނުމަށްވެސް ހެލްތު މިނިސްޓްރީ އާއި އެންވާރަމެންޓު މިނިސްޓްރީ އާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ.

މި ފަހުމުނާމާގައި އެންވާރަމެންޓު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެންވާރަމެންޓު މިނިސްޓަރު ތޯރިގު އިބްރާހީމް އެވެ. އަދި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމްއެވެ.

އެންވާރަމެންޓު މިނިސްޓްރީ އިން ބުނީ މި ފަހުމުނާމާގެ ދަށުން ފޯރުކޮށްދީފައިވާ އައިސީޕީ އެމްއެސް މެޝިނުން ފެން، ފަސްގަނޑު ސެޑިމެންޓްސް އަދި އިންސާނުންގެ ލޭގައި ވެސް ހުންނަ ހެވީ މެޓަލްސް ކަމުގައިވާ މާކުއިރީ، ކެޑްމިއަމް، ލެޑް ފަދަ ތަކެތި ހުންނަ މިންވަރު ދެނެގަނެވޭނެ ކަމަށެވެ.

މި މެޝިންގެ އެހީގައި ތިމާވެށި ތަގައްޔަރުވުމުގެ ސަބަބުން އާންމު ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ދެނެގަތުމަށްޓަކައި ދިރާސާކުރުމަށް ބޭނުންވާ މައުލޫމާތު ހޯދޭނެކަން ފާހަގަކުރަމުން އެންވާރަމެންޓު މިނިސްޓްރީ އިން ވަނީ މިކަމުގެ ސަބަބުން ތިމާވެށި ހިމާޔަތްކުރުމަށާއި، އާންމު ސިއްހަތު ރައްކާތެރި ކުރުމަށް ސަރުކާރުން ކުރާ މަސައްކަތް އިތުރަށް ހަރުދަނާ ކުރެވިގެންދާނެ ކަމަށް ބުނެފައެވެ.

އެންވާރަމެންޓު މިނިސްޓްރީ އިން ބުނީ މި އެއްބަސްވުމުގެ ދަށުން މި މެޝިނަށް ބޭނުންވާ ކެމިކަލް ރިއެޖެންޓްތައް ނެޝަނަލް ހެލްތު ލެބޯރެޓަރީއަށް މި އަހަރު ނިމުމުގެ ކުރިން ފޯރުކޮށްދޭނެ ކަމަށެވެ.

އެންވާރަމެންޓު މިނިސްޓްރީ އިން ކުރިއަށްގެންދާ ޕޮޕްސް މަޝްރޫގެ ދަށުން ބާރަށު ސިއްހީ މަރުކަޒުގައި ގާއިމުކޮށްފައިވާ މެޑިކަލް ކުނި މެނޭޖްކުރުމުގެ ފެސިލިޓީގެ އިތުރުން، ނުރައްކާތެރި ކެމިކަލް ހިމެނޭ ކުނި ސްޓޯ ކުރުމަށް އައްޑޫ ސިޓީގައި އިންޓެރިމް ހަޒާޑަސް ކެމިކަލް ވޭސްޓް ސްޓޯރޭޖް ފެސިލިޓީއަކާއި ރ. ވަންދޫގައި ހަޒާޑަސް ކެމިކަލް އެންޑް ވޭސްޓް މެނޭޖްމަންޓް ސިސްޓަމްއެއް ގާއިމްކުރުމަށް ވަނީ ނިންމާފައެވެ.