ހަތިޔާރު އަޅައިގެން ތިބި ބަޔަކު މަތިންދާބޯޓު އުފައްދާ ތުރުކީގެ ކާރުހާނާއަށް ވަދެގަތުމަށް ބަޑިޖަހާ، ގޮވާތަކެތި ގޮއްވާ ހިންގި ޓެރަރިސްޓް ހަމަލާގައި 5 މީހަކު މަރުވެ 22 މީހަކު ޒަހަމްވި ކަމަށް ބުނެފިއެވެ.
އިދާރާތަކުން ބުނީ، މިހަމަލާ ދިނުމުގައި ބައިވެރިވި 2 މީހަކު މަރާލެވިފައި ވާ ކަމަށާއި އެއީ އަންހެނަކާއި ފިރިހެނެކެވެ. އަދި އެއީ ހަތިޔާރު އެޅި ޖަމާއަތެއް ކަމަށް ވާ ކުރުދީންގެ ބީކޭކޭ ޖަމާއަތަށް ނިސްބަތްވާ ބައެއް ކަމަށް ވެސް ބުނެފައި ވެއެވެ.
މި ހަމަލާގެ ޒިންމާ އަދި އެއްވެސް ޖަމާއަތަކުން އުފުލާފައި ނުވާ އިރު ތުރުކީގެ ޑިފެންސް މިނިސްޓްރީން ބުނީ، ހަމަލާއަށް ރައްދު ދިނުމުގެ ގޮތުން ކުރުދީން ގާއިމުވެ ތިބޭ އިރާގުގެ އުތުރާއި ސީރިއާގެ އުތުރަށް ވައިގެ ހަމަލާތަކެއް ދީފައި ވާނެ ކަމަށެވެ.
އިއްޔެގެ ޓެރަރިސްޓް ހަމަލާ އާ ގުޅޭ ބައެއް ވީޑިއޯތައް އިންޓަނެޓްގެ އެކި މަންސަތަކުގައި އާންމު ވެފައި ވާ އިރު ފެންނަނީ، ޓާކިސް އޭރޯސްޕޭސް އިންޑަސްޓްރީޒް (ޓީއޭއައި) އަށް ވަންނަ ދޮރުމަތީގައި 2 މީހަކު ބަޑިހިފައިގެން ތިބެ ބަޑިޖަހަމުން ދާތަނެވެ. އެ ތަނަކީ ވެރިރަށް އަންކާރާ އާ 40 ކިލޯމީޓަރު ދުރުމިނުގައި ހުންނަ ތަނަކަށް ވާއިރު ޓެރަރިސްޓުންނަށް ވެރިރަށާ އެހާ ގާތަށް އާދެވުނު ގޮތާމެދު ބައެއް ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ.
ތުރުކީ މީޑިއާތަކުން ބުނީ އިއްޔެ މަރުވި 5 މީހުންގެ ތެރޭގައި ހިމެނެނީ ޓީއޭއައި ގައި މަސައްކަތް ކުރާ 4 ސްޓާފަކާއި ޓެކްސީ ޑްރައިވަރެއް ކަމަށެވެ.
އެ ހަމަލާ ދިނީ ޑިއުޓީ ޝިފްޓް ބަދަލުވެ މުވައްޒަފުން އެމީހުން ތިބެން ހާއްސަ ތަންތަނަށް ދިޔުމުގެ ތެރޭގައި އުޅެނިކޮށް ކަމަށް ވެސް ބުނެފައި ވެއެވެ.
އެ ހަމަލާގައި ޒަހަމްވި މީހުންގެ ތެރޭގައި ތުރުކީގެ ސްޕެޝަލް އޮޕްސްގެ 7 މީހަކު ވެސް ހިމެނެއެވެ.
ހަތިޔާރު އެޅި ޕީކޭކޭ އަކީ، ބައިމަދު ނަމަވެސް ހައްގުތައް ހޯދުމުގެ ނަމުގައި 1980 އިން ފެށިގެން ތުރުކީގެ ސަރުކާރާ ހަނގުރާމައިގައި ތިބޭ ޖަމާއަތެކެވެ.
އިއްޔެ މި ހަމަލާ ދިން އިތު ތުރުކީގެ ރައީސް ރަޖަބް ތޮއްޔިބް އުރުދުގާން ވަޑައިގެން ހުންނެވީ ރަޝިއާގައި ކުރިއަށް ދާ ބްރިކްސް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރަޝިއާގައެވެ.