ބުޅާ މަހުން ކާ ތަކެތި ތައްޔާރުކުރިކަމަށް ތުހުމަތުކުރެވުނު ބަންގްލަދޭޝްގެ އެމްޑީ އަރްފަތު ހޮސައިން އެފަދަ ކަމެއް ކުރިކަމުގެ ހެއްކެއް ނެތް ކަމަށް ފުލުހުން ބުނެފިއެވެ.

ބުޅާ މަހުން ކާ ތަކެތި ތައްޔާރުކުރުމުގެ ތުހުމަތުގައި މިދިޔަ އޮގަސްޓް މަހުގެ 20 ވަނަ އަރްފަތު ހައްޔަރުކޮށް، ޖެހިގެން އައި ދުވަހު އިމިގްރޭޝަނާ އޭނާ ހަވާލުކުރިއެވެ. އޭގެ ފަހުން އަރްފަތު ހުރީ އިމިގްރޭޝަންގެ ބެލުމުގެ ދަށުގައެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން އިތުރަށް ބުނީ:

  • އަރްފަތުގެ މައްޗަށް ޖިނާއީ ތަހްގީގެއް ހިންގޭ ވަރަށް ހެކި ލިބިފައިނުވާ ކަމަށް
  • އެހެންވެ އެ މައްސަލައިގައި ފުލުހުން ކުރަމުން ދިޔަ ތަހްގީގު ނިންމާލާފައިވާ ކަމަށް

އިމިގްރޭޝަނާ ހަވާލާދީ ފުލުހުން ބުނީ، މައްސަލައިގެ ތަހްގީގު ނިމުމާ އެކީ އަރްފަތު އިމިގްރޭޝަނާ ހަވާލުކުރުމުން އޭނާ ފުރުވާލާފައިވާ ކަމަށެވެ.

އަރްފަތު ބުޅާ މަހުން ކާ ތަކެތި ތައްޔާރުކުރަމުންދާ މައްސަލަ ފެންމަތިވީ މީސްމީޑީއާގައެވެ. އެގޮތުން ފެލިން ވެލްފެއާ އޯގަނައިޒޭޝަންގެ ނަމުގައި ހިންގާ 'އެކްސް'ގެ އެކައުންޓަކުން އަރްފަތުގެ ވަނަވަރު އާންމުކޮށް، އޭނާ އަކީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީއެއް ކަމަށާއި، އޭނާ ބުޅާ މަހުން ކާ ތަކެތި އުފައްދަމުން ދިޔަކަމަށް ބުނެފައިވެއެވެ.

އަރްފަތު ކާބޯތަކެތި ތައްޔާރުކޮށް ވިއްކި ފިހާރަތަކުގެ ތަފްސީލު ހާމަކުރުމަށް ވެސް ގިނަ ބަޔަކު މީސްމީޑިއާގައި ގޮވާލާފައިވެއެވެ.

ފާހަގަކުރެވޭ ގޮތުގައި މިދިޔަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ދަނީ މާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހޯދައި ހައްޔަރުކުރަމުންނެވެ. އެގޮތުން އާންމުގޮތެއްގައި އަތުލައިގެންފައި ވަނީ ހަށިވިއްކަމުންދާ ބިދޭސީންގެ އިތުރުން މުޑުދާރުކޮށް ކާ ތަކެތި ހަދާ ތަންތަން ހިންގަމުންދިޔަ ބިދޭސީންނެވެ.