މާފަންނު މާވެޔޮ މަގުގައި ހުރި ފިހާރައަކުން ވައްކަން ކުރި ތިން މީހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެ ފިހާރައިން ވައްކަން ކޮށްފައިވާކަން އެނގުނީ ރޭ ފަތިހު 4:20 ހާއިރު، އެ ސަރަހައްދު ޕެޓްރޯލު ކުރަމުންދިޔަ ފުލުހުންނަށް ކަމަށެވެ. އެއާއެކު އެ ސަރަހައްދުގެ ސީސީޓީވީ ފޫޓެޖްތައް ބަލާ ވައްކަން ކުރި ތިން މީހުންވެސް ހައްޔަރުކުރީ އެ ފިހާރައިން ވަގަށް ނެގި ކަމަށް ބެލެވޭ ތަކެއްޗާއެކު ކަމަށް ފުލުހުން ބުންޏެވެ.

އެ މީހުން ވަގަށް ނެގި ތަކެތީގެ ތެރޭގައި ފައިސާ އާއި ސިނގިރޭޓު ކާޓަންތަކެއް ހިމެނޭ ކަމަށާއި މިހާރު އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް މައުލޫމާތު ދިނެވެ.

މި މައްސަލައާއި ގުޅިގެން ހައްޔަރު ކޮށްފައި ވަނީ ގދ. ވާދޫ، އަތަމާގޭ، އިހުސާން އިބްރާހިމް 26 އާއި ހަމަ އެރަށު، ލިލީގެ، މުހައްމަދު ސޮބާހު 46 އާއި ރ. އިނގުރައިދޫ، ދަނބުރުއްދަށުގޭ، އިބްރާހިމް މުހައްމަދު ރަޝީދުއެވެ.

އެ ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އިހުސާން އިބްރާހިމް 30 ދުވަހަށް، ދެން ތިބި ދެމީހުން 15 ދުވަހަށް ބަންދު ކުރަން ކޯޓުން އަމުރު ކޮށްފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. މާލޭގައި ވައްކަން ކުރާ މިންވަރު އިތުރުވެފައިވާ މި ދަނޑިވަޅުގައި އެކަން ކަން ހުއްޓުވުމަށް ފުލުހުން ވެސް ދަނީ ހާއްސަ މަސައްކަތް ތަކެއް ކުރަމުންނެވެ.