2018 ވަނަ އަހަރު ކަރަން ޖޯހަރު ގެނެސްދިން ފިލްމު "ދަޅަކް" ގެ ދެވަނަ ބައި "ދަޅަކް 2" އަންނަ ނޮވެމްބަރު ސިނަމާތަކަށް ގެންނަން ތާވަލްކުރި ނަމަވެސް އެ ފިލްމު އަންނަ އަހަރު ސިނަމާތަކަށް ގެންނަ ގޮތަށް ނިންމައިފިއެވެ.

ދަރުމާ ޕްރޮޑަކްޝަން އިން އެކަން ރަސްމީކޮށް ހާމަނުކުރި ނަމަވެސް މި ފިލްމު މިހާރު ރިލީޒްކުރަން ނިންމާފައިވަނީ އަންނަ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހުއެވެ. ޓްރިޕްތީ ދިމްރީ އާއި ސިދާންތު ޗަތުރަވެދީ ލީޑު ރޯލުން ފެނިގެންދާ މި ފިލްމުގެ މޯޝަން ޕޯސްޓަރެއްވެސް އާންމު ކޮށްފައި ވާއިރު މި ފިލްމަކީ ކަރަންގެ ދަރުމާ ޕްރޮޑަކްޝަންސް އިންނާއި ޒީ ސްޓޫޑިއޯސްގެ އިތުރުން ކްލައުޑް 9 ޕިކްޗާސް ގުޅިގެން ގެނެސްދޭ ފިލްމެކެވެ. މި ފިލްމަކީ ތްރިޕްތީ އާއި ސިދާންތު އެކުގައި ކުޅޭ ފުރަތަމަ ފިލްމުވެސް މެއެވެ.

ޝާޒިޔާ އިގްބާލް ގެނެސްދޭ މި ފިލްމަކީ ކުރީ ފިލްމުގެ އެއްވެސް ބަޔަކާ ގުޅުވައިގެން ގެނެސްދޭ ފިލްމެއް ނޫނެވެ. 2018 ވަނަ އަހަރު ޝަޝަންކް ކައިތާން ޑިރެކްޓްކޮށް ގެނެސްދިން "ދަޅަކް" އަކީ ބަތަލާ ސްރީދޭވީގެ ދަރިފުޅު ބަތަލާ ޖާންވީ ކަޕޫރާއި ޝާހިދު ކަޕޫރުގެ ކޮއްކޮ އިޝާން ކައްތުރާ ބޮލީވުޑަށް ތައާރަފްވި ފިލްމުވެސްމެއެވެ. އެ ފިލްމަށް ވަނީ އާންމުންގެ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައެވެ.