ދިވެހިރާއްޖެއިން އެހެން ގައުމުތަކާއެކު ގުޅުންތައް ބާއްވަމުން ގެންދަނީ ދިވެހިންގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ހިމާޔަތްވާކަން ކަށަވަރުކުރެވޭ ގޮތަށް ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ އިންޑިއާގެ ބެންގަލޫރުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ގެންގުޅުއްވާ ސިޔާސަތަކީ ދިވެހި ގައުމާ ރައްޔިތުން އިސްކުރުމުގެ ސިޔާސަތުކަމަށެވެ. އަދި އެ ސިޔާސަތާ އެއްގޮތަށް، ގައުމަށް ފަހިވާގޮތަށް އެހީތެރިކަންދޭ ހުރިހާ ގައުމަކާއެކު ގާތްގުޅުން ބާއްވާނެ ކަމަށެވެ. އެ ގާތްގުޅުން ބާއްވާއިރު ދިވެހިންގެ މިނިވަންކަމާ ސިޔާދަތާއި އިސްތިގުލާލު ހިމާޔަތްކުރެވޭކަން އަބަދުވެސް ކަށަވަރު ކުރައްވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

ދިވެހިރާއްޖެއަށް އެހީތެރިކަން ބޭނުންވި ކޮންމެ ވަގުތެއްގައި އެންމެ ފުރަތަމަ އެކަމަށް އިސްކަންދިން އެއް ގައުމަކީ އިންޑިއާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އިންޑިއާއާ ދިވެހިރާއްޖެއާ ދެމެދު އޮތް ގުޅުމަކީ ވަރަށް ގާތް، ޒަމާންވީ އަދި އެތައް ގަރުނެއްގެތެރޭގައި އުފެދިފައިވާ ގުޅުމެއް ކަމަށެވެ.

އެގޮތުން އަންނަ އަހަރަކީ އިންޑިއާއާއެކު ސިޔާސީ ގުޅުން ގާއިމުކުރިތާ ފަސްދޮޅަސް ވަނަ އަހަރުކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި މި ވޭތުވެދިޔަ ފަސްދޮޅަސް އަހަރު ދުވަހުގެ ތެރޭގައި ދިވެހިރާއްޖެއަށް އެކި ކަންކަމުގައި އިންޑިއާއިން އެހީތެރިވެފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިންޑިއާއަށް ކުރައްވާ މި ފުރަމާނަ ދަތުރުފުޅަކީ ވަރަށް ކާމިޔާބު ދަތުރުފުޅެއް ކަމަށެވެ. އަދި މި ދަތުރުފުޅުގެ މަގުސަދު ހާސިލްވެފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ދިވެހި ރައްޔިތުންނަށް މުހިންމު ކަންތައްތަކަކަށް މަސައްކަތްތަކެއް ފެށި، މަގު ހުޅުވިގެންދިއުމަކީ މުހިންމު ކާމިޔާބެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.