ދިވެހިރާއްޖެއަކީ އިންޑިއާގެ އިންވެސްޓްމަންޓްތަކަށް އެންމެ ފުރިހަމަ އެއް މަންޒިލް ކަމަށާއި އިންވެސްޓްމަންޓް ފުރުސަތުތައް އިތުރަށް ދިރާސާ ކުރުމަށް، އިންޑިއާގެ އިންވެސްޓަރުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދައުވަތު ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިއަދު ބެންގަލޫރުގައި ބޭއްވެވި އިންޑިއާ-މޯލްޑިވްސް ބިޒްނަސް ފޯރަމުގައި ތަގުރީރު ކުރައްވަމުންނެވެ. މި ފޯރަމް ކުރިއަށް ގެންދިޔައީ، އެމަނިކުފާނު މިވަގުތު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ހަވާސާގައެވެ.

ދިވެހިރާއްޖޭގެ މުސްތަގްބަލަށް ބޭނުންވާ ދެމެހެއްޓެނިވި އަދި ޑިޖިޓަލް ހައްލުތައް ހޯދުމުގައި ދިވެހިރާއްޖެ އާއި އިންޑިއާ އިން އެކުގައި މަސައްކަތް ކުރުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި އެ ފޯރަމުގައި ރައީސް ވަނީ، "ރުޕޭ" ކާޑު ރާއްޖޭގައި ބޭނުންކުރަން ފެށުން ފަދަ ޑިޖިޓަލް މާލީ ހިދުމަތްތައް ތައާރަފުކުރުމުގެ މުހިއްމު ކަން ފާހަގަ ކުރައްވާފައެވެ. ހަމައެއާއެކު މޫސުމަށް އަންނަ ބަދަލުތަކާ ގުޅުން ހުރި މަސައްކަތްތަކާއި، މަލްޓިލެޓަރަލިޒަމްގެ އުސޫލުގެ މައްޗަށް އަލިއަޅުއްވާލައްވާފައި ވެއެވެ. އަދި މޯލްޑިވްސް ކްރިއޭޓިވް އިކޮނޮމިކް ސްޓްރެޓަޖީ އިފްތިތާހުކޮށްގެން، ޑިޖިޓަލް އިގްތިސޯދު ފުޅާ ކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ އަމާޒަކީ ފަންނިއްޔާތުން ބާރުދޭ ދާއިރާތަކާއި ފަންނާއި މީޑިއާ ދިރުވައި އާލާކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޓެކް ކުންފުނިތަކާއި، ތަޢުލީމީ މުވައްސަސާތަކާއެކު ގުޅުން ބަދަހިކުރުމަކީ، އައި.ސީ.ޓީ ދާއިރާގައި ބެންގަލޫރަށް ލިބިފައިވާ ފަންނީ މުއްސަނދިކަމުން ރާއްޖެއަށް ފައިދާ ކުރަނިވި ކަމެއްކަން ފާހަގަކުރައްވައި، އަދި އެއީ ފަންނިއްޔާތު ވިލުންތެރިކުރެވިދާނެ ގޮތްތަކެއް ކަމަށް، ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ދިވެހިރާއްޖެ އާއި އިންޑިއާ އަކީ ޖޯގްރަފީ ގޮތުން އެއްގޮތް، ސަގާފީ ކަންތައްތައް ހިއްސާ ކުރާ، ވިޔަފާރީގެ ފަހި ވެއްޓެއް އޮތް، އަދި އިގްތިސޯދީ ގުޅުންތައް ގާއިމުވެފައިވާ ދެ ގައުމަށް ވީ ހިނދު، ދިވެހިރާއްޖެއަކީ އިންޑިއާގެ އިންވެސްޓްމަންޓްތަކަށް އެންމެ ފުރިހަމަ އެއް މަންޒިލްކަމުގައި ރައީސުލްޖުމްހޫރިއްޔާ ސިފަކުރެއްވިއެވެ.

އަދި ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ މުހިންމު ކަމާއި، އިޔާދަކުރަނިވި ހަކަތަ ބޭނުން ކުރުމަށް ކުރާ މަސައްކަތުގައި ދިވެހިރާއްޖެ ގެންގުޅޭ ސާބިތު ކަމާއި، މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންތެރިކަން އިތުރު ކުރުމަށް ކުރާ މަސައްކަތްތައް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ. އަދި މި ދާއިރާތަކުން ހުރި އިންވެސްޓްމަންޓް ފުރުސަތުތައް އިތުރަށް ދިރާސާ ކުރުމަށް، ރައީސުލްޖުމްހޫރިއްޔާ އިންޑިއާގެ އިންވެސްޓަރުންނަށް ދައުވަތު އެރުވިއެވެ.

މީގެ އިތުރުން، އެ މަނިކުފާނު އިންޑިއާއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ކާމިޔާބީ ކަށަވަރުކޮށްދެއް ވީތީ އިންޑިއާގެ ސަރުކާރާއި، އިންޑިއާގެ ވިޔަފާރިވެރިންގެ ޖަމާއަތަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާ ކުރެއްވިއެވެ.