ފަތުރުވެރިކަމުގެ ދާއިރާގައި އިންވެސްޓްކުރުމަށް ރާއްޖޭގައި ފަހި ފުރުސަތުތަކެއް އެބަހުރިކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް، މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މުމްބާއީގައި ބޭއްވި "އިންޑިއާ- މޯލްޑިވްސް ބިޒްނަސް ފޯރަމް" ގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ދިވެހިރާއްޖޭގައި މިހާރު ފަހިވެފައިވާ އިންވެސްޓްމަންޓް ފުރުސަތުތަކަކީ، އިގްތިސާދު ސިންދަފާތުކޮށް، ދެމެހެއްޓެނިވި ކުރިއެރުން ގެނައުމަށް ދިވެހިރާއްޖެ ދެކޭ ތަސައްވުރަށް ބާރުދޭ ފަދަ ފުރުސަތުތަކެއް ކަމުގައެވެ.

މީގެ ތެރެއިން، އިގްތިސާދީ ސަރަހައްދުތަކުގައްޔާއި، ލަގްޒަރީ ޕްރައިވެޓް އައިލެންޑްތަކުގައްޔާއި، ތިމާވެއްޓާ ރަޙުމަތްތެރި ރިސޯޓާއި އިންޓަގްރޭޓަޑް ޓުވަރިޒަމުގެ މަޝްރޫއުތަކުގައި އިންވެސްޓުކުރުމަށް ހުރި ފުރުސަތުތައްކަމަށް ފާހަގަކުރައްވާފައެވެ.

މީގެއިތުރުން، ބައްދަލުވުންތަކާއި، އިންސެންޓިވްތަކާއި، މަހާސިންތާތަކާއި، މައުރަޒުތަކަށް ހާއްސަ ނުވަތަ "މައިސް ޓުވަރިޒަމް" ފަދަ ފަތުރުވެރިކަމުގެ އައު ބާވަތްތައް ތައާރަފުކުރުމަށް އަމާޒުކުރައްވައިގެން، ފަތުރުވެރިކަމުގެ ލާސާނީ ތަޖުރިބާތަކެއް ފަރުމާކުރުމަށް ހާއްސަ ސަމާލުކަމެއް ދެއްވާކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ 2025 ވަނަ އަހަރު، ވެލާނާ އިންޓަނޭޝަނަލް ވައިގެބަނދަރާއި، ހަނިމާދޫ ވައިގެބަނދަރަށް ވެސް އެދެވޭ ބަދަލުތަކެއް ގެނެވޭނެކަމަށް ދެކިވަޑައިގަންނަވާކަމުގައެވެ.