ހައްދުފަހަނަޅާފައިވާ އިޒްރޭލުން ފަލަސްތީނުގެ ސަރަހައްދުގައި ހިނގަމުންދާ ހަނގުރާމަ އެއް އަހަރު ފުރުން ފާހަގަކޮށް، ދުނިޔޭގެ ބޮޑެތި ސިޓީތަކުގައި ގިނަ އަދަދެއްގެ ބަޔަކު އިޒްރޭލުން ހިންގާ އަސްކަރީ އޮޕަރޭޝަންތައް ކުށްވެރިކޮށް މަގުމައްޗަށް ނުކުމެއްޖެއެވެ.

މި ގޮތުން އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާގައި ފަލަސްތީނަށް ތާއީދުކުރާ 1،000 އަށް ވުރެ ގިނަ މީހުން އެމެރިކާގެ އެމްބަސީގެ ބޭރުގައި އެއްވެ، އިޒްރޭލަށް ހަތިޔާރު ފޮނުވުން ހުއްޓާލުމަށް ވަނީ ގޮވާލާފައެވެ. ޖަކާޓާގެ މަގުތަަކަށް އެއްވި މީހުން ވަނީ މިއީ މިހަރު ދީނީ ކަމެއް ނޫންކަމަށާއި މިއީ މިހާރު އިންސާނިއްޔަތާއި ގުޅިފައިވާކަމެއް ކަމުގައި ބުނެފައެވެ.

މީގެ އިތުރުން ފަލަސްތީނަށް ތާއީދުކުރާ އެތައް ސަތޭކަ ބަޔަކު ވަނީ ފަލަސްތީނުގެ ބޮޑު ދިދައެއް ހިފައިގެން ވެނެޒުއެލާގައި ހުންނަ އދ.ގެ މައި މަރުކަޒުގެ ބޭރުގައި މުޒާހަރާކޮށްފައެވެ. އަދި އެމީހުން ވަނީ ފަލަސްތީނުގެ “ނަސްލު ނައްތާލުން” ނިމުމަކަށް ގެނައުމަށް ގޮވާލާ ޕެޓިޝަނެއްވެސް އދ. ހުށަހަޅާފައެވެ.

ފަލްސްތީނުގެ ހިމާޔަތުގައި ފިލިޕީންސްގެ މެނިލާގައި ހުންނަ އެމެރިކާގެ އެމްބަސީ ކައިރީގައި ކަނާތުފިޔައިގެ އެކްޓިވިސްޓުން މުޒާހަރާ ކުރިއިރު، ފުލުހުން ވަނީ އެމީހުން ކަނޑުއަޑީގެ ކޮމްޕައުންޑާ ކައިރިއަށް ދިއުމަށް ހުރަސް އަޅާ، މުޒަހަރާއަށް ހުރަސްއަޅާފައެވެ.

މީގެ އިތުރުން ދެކުނު އެފްރިކާގެ ކޭޕް ޓައުންގައި އެތައް ސަތޭކަ ބަޔަކު މަގުމައްޗަށް އެއްވެފައިވާއިރު، އިޒްރޭލަކީ ނަސްލީ ތަފާތުކުރުން ގެންގުޅޭ ދައުލަތެއް ކަމަށް މުޒާހަރާގެ ބައިވެރިން ވަނީ ބުނެފައެވެ. “އަހަރެމެން އެންމެންނަކީ ފަލަސްތީނު މީހުން!” ކަމުގައި މުޒާހަރާގެ ބައިވެރިން ވަނީ އަޑުގަދަކުރާތަކުން ގޮވާފައެވެ. މީގެ އިތުރުން ހޮނިހިރު ދުވަހު ޖޮހަންސަބާގާއި ޑާބަންގައި ވެސް ގާޒާއަށް ތާއީދުކޮށް ވަނީ ހިނގާލުމެއް ބާއްވާފައެވެ.

މީގެ އެއް އަހަރު ކުރިން، އޮކްޓޯބަރު 7، 2023 ވަނަ ދުވަހު ފެށުނު ހަމަނުޖެހުންތަކާއެކު، އިޒްރޭލުން ދިން އަސްކަރީ ހަމަލާގައި ފަލަސްތީނުގެ ގާތްގަނޑަކަށް 42،000 މީހުން ވަނީ މަރުވެފައެވެ. ފަލަސްތީނުގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އެގައުމުގެ ގާތްގަނޑަަކަށް 2.3 މިލިއަން މީހުން ގެދޮރު ދޫކޮށް ގޮސްފައިވާއިރު، ބަނޑުހައިހޫނުކަމާއި ބަލިމަޑުކަމުގެ ތެރެއަށް ވަނީ ވެއްޓިފައެވެ.