ރަސްމީ ދަތުރުފުޅެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އަނބިކަނބަލުން ސާޖިދާ މުހައްމަދު އިންޑިއާއަށް ފުރާވަޑައިގެންފިއެވެ.

މިއަދުން ފެށިގެން މި މަހުގެ 10 ވަނަ ދުވަހަށް، ރައީސް ކުރައްވާ މި ދަތުރުފުޅަކީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ރައީސްގެ މި ދަތުރުފުޅުގައި އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ، އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ، އަދި އެ ގައުމުގެ އިސް ވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިއީ މިދިޔަ ނޮވެމްބަރު މަހު ރައީސް މުއިއްޒު، މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު އިންޑިއާއަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ.

ރައީސް މުއިއްޒު ވަނީ، ތިމާވެށްޓާ ބެހޭ ބައިނަލްއަގްވާމީ މަހާސިންތާ "ކޮޕް-28" ގެ ހަވާސާގައި، 2023 ވަނަ އަހަރު ޑިސެމްބަރުމަހު އިންޑިއާގެ ބޮޑު ވަޒީރާ ބައްދަލުކުރައްވައިފައެވެ.

މިއަހަރު ޖޫން މަހު 9 ވަނަ ދުވަހު، އިންޑިއާގެ ބޮޑު ވަޒީރާއި އާ ސަރުކާރުގެ ވަޒީރުން ހުވައިކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ރައީސް މުއިއްޒު ވަނީ އެ ގައުމުގެ ރައީސާ ބައްދަލުކުރައްވައިފައެވެ.