އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދައުވަތަކަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު އަންނަ އާދިއްތަ ދުވަހު އެ ގައުމަށް ވަޑައިގަތުމަށް ނިންމަވައިފިއެވެ.

ރައީސްގެ މި ދަތުރުފުޅަކީ އަންނަ އާދިއްތަ ދުވަހުން މި މަހުގެ 10 ވަނަ ދުވަހަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި އިންޑިއާގެ ރައީސާއި، ބޮޑު ވަޒީރާއި، އަދި އެ ގައުމު އިސް މަސްއޫލުވެރީންނާއި ބައްދަލުކުރައްވައި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަޝްވަރާކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސް މުއިއްޒު ވަނީ، ތިމާވެށްޓާ ބެހޭ ބައިނަލްއަގްވާމީ މަހާސިންތާ "ކޮޕް-28" ގެ ހަވާސާގައި، 2023 ވަނަ އަހަރު ޑިސެމްބަރުމަހު އިންޑިއާގެ ބޮޑު ވަޒީރާ ބައްދަލުކުރައްވައިފައެވެ. އަދި މިއަހަރު ޖޫން މަހު 9 ވަނަ ދުވަހު، އިންޑިއާގެ ބޮޑު ވަޒީރާއި އާ ސަރުކާރުގެ ވަޒީރުން ހުވައިކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ރައީސް މުއިއްޒު ވަނީ އެ ގައުމުގެ ރައީސާ ބައްދަލުކުރައްވައިފައެވެ.

ރައީސް މުއިއްޒު އިންޑިއާއަށް ކުރައްވާ މި ދަތުރުފުޅުގައި، އެމަނިކުފާނުގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީ ފެންވަރުގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި މި ދަތުރުފުޅުގައި، ދިވެހި ވަފްދުގެ މެހްމާންދާރީގެ ހުރިހާ ކަންކަން ހަމަޖައްސައިދެނީ އިންޑިއާ ސަރުކާރުގެ ފަރާތުން ކަމަށް ރައީސް އޮފީހުން ބުނެއެވެ.