ބާސްމަތީ ހަނޑުލުގެ ބާވަތްތައް އުފެއްދުމުގައި ވާދަވެރިކަން ބޮޑު ދެގައުމު ކަމަށް ވާ އިންޑިއާ އާއި ޕާކިސްތާނުން ހަނޑު އެކްސްޕޯޓް ކުރުމުގައި ލުއިތަކެއް ދިނުމުން އަގުތައް ވެއްޓިއްޖެއެވެ.
ހަނޑޫ އެކްސްޕޯޓު ކުރުމުގައި ފިޔަވަޅުތަކެއް އަޅާ އެ 2 ގައުމުން އައީ ވަކި މިންވަރެއްގައި އެކްސްޕޯޓް ހިފަހައްޓަމުންނެވެ. އެގޮތުން އަގާއި އެކްސްޕޯޓް ކުރެވޭނެ މިންވަރުވެސް އޮތީ ކޮންޓްރޯލް ކޮށްފައެވެ.
ޕާކިސްތާނުން އެކްސްޕޯޓް މިންގަނޑަށް ލުއިދީ ގެނައި ބަދަލަށް ޖަވާބު ދިނުމަށް އިންޑިއާ އިން ވެސް ވަނީ އެކްސްޕޯޓް ކުރުމަށް ލުއިތަކެއް ދީފައެވެ.
އެގޮތުން ބާސްމަތީ ނޫން ބާވަތުގެ ހަނޑޫ އެކްސްޕޯޓް ކުރުމަށް އެޅި ހުރަސްތައް އިންޑިއާއިން މިހާރު ވަނީ ނައްތާލާފައެވެ. އިންޑިއާއިން މި ފިޔަވަޅު އެޅީ ހަނޑުލުގެ ބާވަތްތައް އެކްސްޕޯޓު ކުރެވޭނެ އެންމެ ދަށް އަގު ޕާކިސްތާނުން އުވާލުމާ ގުޅިގެންނެވެ. މީގެ ކުރިން ޕާކިސްތާނުން ބާސްމަތީ ހަނޑުލަށް އެންމެ ދަށް އަގަކަށް ކަނޑައަޅާފައި އޮންނަނީ މެޓްރިކް ޓަނަކަށް ]1000 ކިލޯ[ އަށް 1300 އެމެރިކާ ޑޮލަރެވެ. ބާސްމަތީ ނޫން ބާވަތްތަކަށް ކަނޑައަޅާފައި އޮންނަނީ 550 އެމެރިކާ ޑޮލަރެވެ.
ޕާކިސްތާނުން މި ބަދަލު ގެންނަން ނިންމި ސަބަބުތަކުގެ ތެރޭގައި ނިމިދިޔަ ސެޕްޓެމްބަރުގައި ބާސްމަތީ ހަނޑޫ އިންޑިއާ އިން އެކްސްޕޯޓް ކުރާ އަގު ޓަނަކަށް 950 އެމެރިކާ ޑޮލަރަށް ތިރިކުރުން ހިމެނެއެވެ.
ހަނޑުލުގެ ވާދަވެރިކަމެއްގައި އިންޑިއާ އާއި ޕާކިސްތާން ކުރިއަށް ދާއިރު ޕާކިސްތާނުން ބުނަނީ ކޮންޓްރޯލް ދޫކޮށްލައި މިގެނައި ބަދަލާއެކު އަހަރެއްގެ މައްޗަށް 5 ބިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ގައުމަށް ލިބޭނެ ކަމަށެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކަށް ހަނޑޫ އެކްސްޕޯޓް ކުރާ މިންވަރަށް ބަލާއިރު މާކެޓްގެ 40 ޕަސެންޓް ކޮންޓްރޯލް ކުރަނީ އިންޑިއާ އިންނެވެ. އަދި ބާސްމަތީ ހަނޑުލުގެ މާކެޓަށް ބަލާއިރު އެ މާކެޓްގެ 65 ޕަސެންޓް ކޮންޓްރޯލް ކުރަނީވެސް އިންޑިއާ އިންނެވެ. އިންޑިއާގެ އިތުރުން ތައިލޭންޑާއި ވިއެޓްނާމަކީ ވެސް އެމާކެޓްގެ ބޮޑެތި ހިއްސާދާރުންނެވެ. 4 ވަނަ އަށް އަންނަ ޕާކިސްތާނަށް އެމާކެޓްގައި ކޮންޓްރޯލް ވަނީ ނުވަތަ ލިބެނީ 35 ޕަސެންޓް ހިއްސާއެވެ.
2023 ގެ މާލީ އަހަރު ނިންމާލި އިރު ހަނޑު ވިއްކައިގެން އިންޑިއާއިން ވަނީ 11 ބިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ހޯދާފައެވެ.