ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މުވައްޒަފަކު އެބޭންކުގެ ކަސްޓަމަރުންގެ އެކައުންޓުތަކުން ވަގަށް ފައިސާ ނެގިކަން ސާބިތުވެ، އެ މުވައްޒަފު ޖޫރިމަނާކޮށް މުޖުތަމައަށް ހިދުމަތް ކުރުމަށް އޭނާގެ މައްޗަށް ހުކުމްކޮށްފިއެވެ.

މި މައްސަލާގައި ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފައި ވަނީ ބ. އޭދަފުށި, ހިޔާވަހި އަލީ މާޒިންގެ މައްޗަށެވެ.

ބީއެމްއެލްގެ ކަސްޓަމާ ސާވިސް އެސިސްޓެންޓެއްގެ ގޮތުގައި ހުރެ, ލިބިފައިވާ މައުލޫމާތާއި ބާރުގެ ބޭނުންކޮށްގެން މެއި 14, 2021 އިން ސެޕްޓެމްބަރު 23, 2021 ގެ ނިޔަލަށް އެކި ދުވަސް މަތިން ކަސްޓަމަރުންގެ އެކައުންޓުން ފައިސާ ނެގި މައްސަލާގައި މާޒިންގެ މައްޗަށް ކޮށްފައި ވަނީ ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާއެވެ.

ކްރިމިނަލް ކޯޓުގެ ހުކުމުގައި ބުނެފައި ވަނީ މާޒިން ބީއެމްއެލްގެ ކަސްޓަމާ ސާވިސް އެސިސްޓެންޓެއްގެ ގޮތުގައި ހުރި ދުވަސްވަރު ބީއެމްއެލްގެ ސީއާރްއެމް ސިސްޓަމްއިން 13 ކަސްޓަމަރެއްގެ މައުލޫމާތު ބަދަލުކޮށް, ކަސްޓަމަރުންގެ ހުއްދަ ނެތި އެ ކަސްޓަމަރުންގެ އިންޓަނެޓް ބޭންކިން މާޒިން ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ.

ކްރިމިނަލްކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވާ ގޮތުގައި މި 13 މީހުންގެ އެކައުންޓުން ޖުމްލަ 482،611.41 ރުފިޔާ ސައްހަ ނޫން ކްރެޑިޓް ކާޑު ޕޭމަންޓުގެ ގޮތުގައި، ފޮރެކްސް ޓްރާންސެކްޝަނުގެ ގޮތުގައި އަދި މާޒިންގެ އަމިއްލަ އެކައުންޓަށް ޖަމާކޮށްފައިވެއެވެ.

މާޒިންގެ މައްޗަށްކުރި ދައުވާއަށް އޭނާ ވަނީ އިއުތިރާފުވެފައެވެ. އަދި އޭނާ ވަނީ ޕްރޮސެކިއުޓާ ޖެނެރަލްއާއެކު އިއުތިރާފުގެ އެއްބަސްވުމެއް އެކުލަވާލައި އެއްބަސްވުމުގެ ސައްހަކަން ޝަރީއަތުގެ މަޖިލީހުގައި ކަށަވަރުކޮށްދީ، އެ އެއްބަސްވުމާ އެއްގޮތަށް އަދަބު ކަނޑައަޅައި ދިނުމަށް އެދިފައެވެ.

މި ކުށަކީ ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެއް ކަމަށް ވާއިރު، މި ކުށުގެ އަސްލު އަދަބަކީ 9 މަހާއި 18 ދުވަހަށް ޖަލަށްލުމެވެ. ނަމަވެސް އޭނާ ކުށަށް އިއުތިރާފުވެ، ޕީޖީއާއެކު ހަދާފައިވާ އެއްބަސްވުމާއެކު މި އަދަބު ވަނީ 40 ގަޑިއިރަށް މުޖުތަމައަށް ހިދުމަތްކުރުން އަދި 56،200 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ބަދަލުކޮށްފައެވެ.

ބީއެމްއެލްއާއެކު މާޒިން ހަދާފައިވާ އެއްބަސްވުމުގައިވާ ގޮތަށް ގެއްލުމުގެ ބަދަލުގެ ފައިސާ ދައްކަމުން ގެންދިއުމަށް ވެސް ޕީޖީގެ އެއްބަސްވުމުގައިވެއެވެ. އަދި ޖޫރިމަނާގެ ފައިސާ ތިން މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އައިލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ދެއްކުމަށް މާޒިންގެ މައްޗަށް ވަނީ ހުކުމްކޮށްފައެވެ.