މާފުށީ ޖަލުގައި ބަންދުގައި ހުއްޓާ ދަންޖެހުނު މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވައިފިއެވެ.

ގ. އެއްތެޔޮމާގެ އުމުރުން 62 އަހަރުގެ އަބްދުލްޣަނީ އިސްމާއީލް މާފުށީ ޖަލުގައި އޭނާގެ ހުރި ގޮޅީގައި ދަންޖެހިފައި ހުއްޓާ ފެނުނީ މިދިޔަ އަންގާރަ ދުވަހުގެ ހެނދުނު 5:27 ހާއިރުއެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ޕޯސްޓްމޯޓަމް ހެދުމަށް އަބްދުލްޣަނީގެ ހަށިގަނޑު އިއްޔެ ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ކަމަށެވެ.

އެނާ ދަންޖެހިފައި ހުއްޓާ ފެނުމާއެކު، މާފުށީގެ ހޮސްޕިޓަލަށް އަބްދުލްޣަނީ ގެންދިޔަ ކަމަށާއި، ގެންދިޔަތާ ބައިގަޑިއިރު ފަހުން އޭނާ މަރުވެފައިވާ ކަމަށް، ޑޮކްޓަރާ ހަވާލާދީ ކަރެކްޝަނުން ވަނީ ބުނެފައެވެ.

އަބްދުލްޣަނީ މަރުވުމާ ގުޅިގެން އޭނާގެ އާއިލާއަށާއި ކަރެކްޝަންސްގެ އިންސްޕެކްޓަރުގެ އިތުރުން ކަމާބެހޭ ފަރާތްތަކަށް އެކަން އަންގައި، އެ ހިދުމަތުގެ ޕްރޮފެޝަނަލް ސްޓޭންޑަޑުން ތަހްގީގު ކުރަމުންދާ ކަމަށް ވެސް، އެ އިދާރާއިން ވަނީ ބުނެފައެވެ.

އަބްދުލްޣަނީ އަކީ ކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ހުކުމްކޮށްފައިވާ މީހެކެވެ.