ނިއުޔޯކްގައި މިހާރު ކުރިއަށްދާ އދ.ގެ 79 ވަނަ އާންމު މަޖިލީހުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ބަންގްލަދޭޝްގެ އިންތިގާލީ ސަރުކާރުގެ ޗީފް އެޑްވައިޒަރު ޕްރޮފެސާ ޑރ. މުހައްމަދު ޔޫނުސްއާ ބައްދަލު ކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި އެ ދެބޭފުޅުން ވަނީ ދެގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމުގެ މުހިންމު ދާއިރާތަކާއި، މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުންނާއި، ނޫ އިގްތިސޯދާއި ކަނޑުދަތުރުފަތުރުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

ޑރ. މުއިއްޒު ދެއްކެވި ވާހަކަފުޅުގައި، ތައުލީމީ ގުޅުން އިތުރަށް ބަދަހިކުރަން ޖެހޭ ކަމަށާއި، ހާއްސަކޮށް އެކްސްޗޭންޖް ޕްރޮގްރާމްތައް ހިންގުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި ބަންގްލަދޭޝްގައި އަގުހުރި ހޭންޑްސް އޮން އެކްސްޕީރިއެންސް ހޯދުމުގެ ގޮތުން މެޑިކަލް ދަރިވަރުންނަށް އިންޓާންޝިޕް ޕްރޮގްރާމްތަކަށް ހާއްސަ އަހަންމިއްޔަތުކަމެއް ދެއްވައި، ދިވެހި ދަރިވަރުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދެއްވުމަށް ވަކާލާތު ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހި ކުރެއްވުމަށާއި، މިއަދު މަޝްވަރާ ކުރެވުނު ކަންކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރާނެ ކަމުގެ ޔަގީން ކަން ވަނީ ދެއްވާފައެވެ.