އާދޭ މައްޗަށް.... އަހަރެމެން އުޅެނީ މަތީގަ..." ޒޭބާއަށް މައްޗަށް އަންނަން އިޝާރާތްކުރުމަށް ފަހު ޖީބުން ނެގި ތަޅުދަނޑި ފަތިން އެޕާޓްމަންޓުގެ ތަޅު ހުޅުވާލިއެވެ. ގޭތެރެއަށް ވަދެ ޒޭބާ ވަށައިގެން ބަލާލިއެވެ.

"އޭއި... މިތާ އުޅެނީ އަހަރެންނާ ވައިފާ އެކަނި.. އިތުރު މީހަކު ނޫޅޭނެ.. ޒޭބާ ހީވަނީ މީހަކަށް ފެނިދާނެތީ އުޅޭހެން..." ޒޭބާގެ އުނަގަނޑުގައި ހިފާ އަޒީމާ ކައިރި ކޮށްލިއެވެ. ޒޭބާގެ ދެއަތް އަޒީމްގެ ކޮނޑުމަތިން ވަށާލަމުން ހިނިގަނޑެއް ޖަހާލިއެވެ.

"މިހާރު ޒޭބާއަށް ގަބޫލު ކުރެވިއްޖެ އަޒީމް މިކަމާ ވަރަށް ސީރިއަސް ކަން... އޯ ބޭބީ.. ކޮން އިރަކު މެރީ ކުރާނީ..." ޒޭބާ ތުއި ވެލަމުން ބުނި ޖުމްލައިން އަޒީމްގެ ސިކުނޑީގައި ރިއްސާލިއެވެ.

*** *** *** *** *** ***

ދަތުރަށް ތައްޔާރުވެގެން އައި އިރު ބާލީހާ ގައިމަތީ އަޅާ ފޮތިގަނޑު ގެންނާކަށް މަންޝާ ހަނދާނެއް ނުވިއެވެ. އެހެންކަމުން މުނީރާ ގެނައި ތަންމަތި ބޮނޑިން ބާލީހެއް މަންޝާއަށް ދިއްކޮށްލަމުން މުނީރާގެ ދެފަރާތުގަ އޭނާގެ ދެފިރިހެން ދަރިން ބާއްވައިގެން އޮށޯތެވެ. މަންޝާ އިނީ އިށީނދެގެންނެވެ. އޭނާގެ ލޮލަށް ނިދި ނާންނާނެކަން އެނގޭތީއެވެ. ދޭތެރެއަކުން ފޯނަށް ބަލާލެވެނީ އަޒީމްގެ ކޯލެއް އައިސްދާނެހެން ހީވާތީއެވެ.

ދޯނީގެ ދެފަރާތުގައި މީހުން އޮށޯވެގެން ތިބީ ވަޅޯ މަސްތަކެއް އަވީލާފަ ތިބި ބީދައިންނެވެ. އިންޖީނު ސްޓާޓް ކޮށްލީ މާލެ ފަޅުން ދޯނި ނެރޭށެވެ. އެވަގުތު ހަސަނު އައިސް މަންޝާ ގާތު އިށީނެވެ. ހެޑްސެޓް ޖަހައިގެން އިން އަފްނާނު ދިޔައީ ވަގުވަގަށް ހަސަނުގެ ހަރަކާތް ހުރިގޮތް ބަލަމުންނެވެ. ނެރުން ބޭރަށް ނިކުތުމަށްފަހު ދޯނީ އޭގެ ހަލުވި ސްޕީޑްގައި ދުއްވާލިއެވެ.

"މަންޝާ ތިހެން ނީނދެ އޮށޯވެބަލަ... ކޮޅަށް ހުންނަންޏާ ބޯ އަނބުރާނެ..." ދޯނި ކޮންމެވެސް ވަރަކަށް ހަލުވާލުމުން އޮށޯވެގެން އޮތް މުނީރާ ބޯ ހިއްލާލަމުން ވާހަކަ ދެއްކިއެވެ.

އިތުރު ބަހަނާއެއް ނުދައްކާ މަންޝާ އޮށޯތީ އޭނާގެ ބޮލުގައި ވެސް ރިއްސާތީއާ އެކީގައެވެ. ގާތުގައި އިން ހަސަންބެ ހުރީ ފޯއް ކޮތަޅެއް ހިފައިގެން ދުފާލަ ދުފާލައެވެ. ހަސަންބެ ވަށްކަޅިން މަންޝާއާ ދިމާއަށް ބަލާގޮތް މަންޝާއަށް ފާހަގަވިއެވެ. އޭނާގެ ހިތުގެ ވިންދު ދިޔައީ ފަހަރެއް ފަހަރެއް އަވަސްވަމުންނެވެ. އިންޖީނުގެ ބޫން އަޑުގެ ތެރެއިން ވެސް މަންޝާގެ ހިތުގެ ވިންދުގެ އަޑު އޭނާއަށް އިވެއެވެ. ދެން ވާނެ ގޮތަކާ މެދު ވިސްނާލަމުން މަންޝާ އޭނާގެ ލޯ މަރާލިއެވެ.

މުނީރާގެ ފަޔާ ދިމާލުގައި ހުރަހަށް އަފްނާނު އޮށޯވެލީ ފޯނާ ކުޅޭށެވެ. ދޭތެރެއަކުން މަންޝާއާ ހަސަނާ ދިމާއަށް ބަލާލެވޭނެ ހެން އޭނާ އޮތީ ބަނޑުންނެވެ. ދޯނި ދުއްވާތާ ގަޑިއިރެއް ވީފަހުން ދޯނީގައި ދިއްލާފައި ހުރި ހުދު އަލީގެ ބޮކި ނިއްވާލުމަށްފަހު ފަނޑު ނޫ ކުލައިގެ ބޮތްކެއް ދިއްލާލިއެވެ. ހަސަނުމެން ތިބި ހިސާބަށް މާ ބޮޑު އަލިކަމެއް ނުލިބެއެވެ. ހަސަނުގެ ތުންފަތަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ.

އެތައް ދުވަހަކަށްފަހު ހިތަކަށް މަންޝާ ގައިގާ ބީހިލަން ފުރުސަތު ލިބުމުންނެވެ. މަންޝާއާ އަމާނާ ދޭތެރޭ ހަސަނު އޮށޯތީ ވަރަށް ހަމަޖެހިގެން ހުރެއެވެ. ހަސަނު އަތުގައި އޮތް ރަޖާގަނޑު ނަގާ މަންޝާގެ ގައިމަތީގަޔާ އެކީ އަޅާލިއެވެ.

މުނީރާއަށް ނިދުނުކަން ހަސަނަށް ޔަގީންވީ މަޑުމަޑުން އޭނާ ގުގުރިދަމަން ފެށުމުންނެވެ. ރަޖާގަނޑުގެ ތެރެއިން މަންޝާގެ ގައިގައި ހަސަނު ފިރުމަން ފެށީ މަޑުމަޑުންނެވެ. އަތުގެ އުޅަބޮށިން ހަސަނުގެ އަތް ދުރަށްލާން މަންޝާ ކޮށްޕާލައެވެ. ދެލޯ މަރައިގެން އޮތް މަންޝާއަށް މިހެން ވާނެކަން އެނގިފައިވާ ކަހަލައެވެ. ހިމޭނުން އޮންނަން މަންޝާ ވަރަށް މަސައްކަތް ކުރިއެވެ. ލައިގެން ހުރި ކުރު ޓޮޕްކޮޅުގެ ތެރެއަށް ހަސަނުގެ އަތް ދަތުރު ކުރަމުން ދިޔައެވެ. މަންޝާ ގާތަށް އަންނަމުން ދިޔަ ރުޅި ކޮންޓްރޯލް ކުރަން މަސައްކަތް ކުރަމުން އަތުގެ އިނގިލިތައް ބާރުކޮށް މުށްކަވާލެވުނެވެ.

އެ ދޯނީގައި ރަށުގެ ގިނަ ބަޔަކު ތިބުމުން މަންޝާ ފަސްޖެހޭ ގޮތްވިއެވެ. އެމީހުންނަކީ މަންޝާއަށް މަލާމަތްކުރި މީހުންނެވެ. ރަށްމެދަށް ވިހާފައިވާ ކުއްޖެއްކަމުން ރަށުތެރޭގައި އޭނާ ހުންނަނީ ބާކީ ކޮށްލާފައެވެ. މިއަދު އެމީހުންގެ ހިމާޔަތެއް ލިބޭނެ ކަމަކަށް މަންޝާ ގަބޫލެއް ނުކުރެއެވެ.

ރަޖާގަނޑު ދަށުން މަންޝާގެ އަތުގައި ހަސަނު ހިފާލިއެވެ. މަންޝާގެ އަތްތިލަ ހުރީ ދާހިއްލާ ފިނި ވެފައެވެ. ހަސަނުގެ ފަޓުލޫނު ޒިބުމަތީ މަންޝާގެ އަތް ބާއްވަމުން އޭނާ ހަމަޖެހިލީ މަންޝާއަށް ކަމެއް ހަވާލުކޮށްފައެވެ. ހަސަންބެ އެބުނަނީ ކީއްކުރަންކަން މަންޝާއަށް އެނގުނެވެ. އިތުރަށް އެންމެ ހިނދުކޮޅަކުވެސް ހިމޭނުން އޮންނާކަށް މަންޝާ ބޭނުމެއް ނުވިއެވެ. ކުއްލިއަކަށް މަންޝާ ތެދުވީ އަނގަމަތީގައި އަތް އަޅަމުންނެވެ. ހަސަނު ހައިރާންކަމާ އެކު ކިހިނެއްތޯ ވީ ސުވާލު ކޮށްލީ ތެދުވެ އިށީންނަމުންނެވެ.

އެއްޗެކޭ ބުނަން އަނގަހުޅުވަމުން އިސްއުފުލާލި ވަގުތު މަންޝާގެ ލޮލުގައި އަޅައިގަތީ އެމީހުންނާ ދިމާއަށް ދެލޯ ބޮޑުކޮށްގެން ބަލަން އިން އަފްނާން ފެނުމުންނެވެ. މަންޝާ ހިން ދިރުވާލީ އަފްނާނަށް ދެންމެ ވީ ކަންތައް އެނގުނީކަމަށް ހީކޮށެވެ. އަނގައިން ބަހެއް ބޭރެއް ނުވިއެވެ. ކިޔަންއުޅުނު އެއްޗިހި ހަނދާން ނެތުނު ކަހަލައެވެ. މިކަމުގައި މަންޝާގެ ކުށެއް ނެތްކަން ސާބިތުކޮށްދޭން ބޭނުންވިއެވެ.

މަންޝާ ގާތަށް އަފްނާން ލެފިގަތީ އެދެމީހުންނާ ދިމާއަށް ބަލަން އިނުމަށް ފަހުގައެވެ. ސުވާލު މާކެއް ޖަހައިގެން އަފްނާނާ ދިމާއަށް ހަސަނު ބަލަން އިނެވެ. މަންޝާ ވެސް އިނީ ދެންވާނެ ގޮތަކާ މެދު ވިސްނާށެވެ. އެކަކަށްވެސް ބަހެއް ބުނާކަށް ނުކެރުނެވެ.

ހަސަނާ މަންޝާއާ ދެމެދުގަ އަފްނާން ކަކޫޖަހައިގެން އިށީނެވެ. މަންޝާގެ ލޮލަށް ކަރުނަ ޖަމާވާން ފެށިއެވެ. އަނެއްކާވެސް މަންޝާ އޯކާ ދެމިގަތެވެ. އަފްނާނުގެ އަތުތެރޭގައި އޮތް ކޮތަޅު ނިއުޅުވާލަމުން މަންޝާގެ އަތަށް ދިނެވެ. މަންޝާގެ ހޭވިފައިވާ އިސްތަށިގަނޑު ރަނގަޅު ކޮށްދެމުން އަނެއް އަތުން މަންޝާގެ ބުރަކަށީގައި އަފްނާނު ފިރުމާލިއެވެ. މަންޒަރު ބަލަންއިން ހަސަނު، މުނީރާގެ އަތްދަބަސް ކައިރީ ހުރި ފެންފުޅި ނަގައި މަންޝާއަށް ދިއްކޮށްލިއެވެ. ފެންފުޅީގައި ހިފަމުން ހަސަނުގެ މޫނަށް އަފްނާނު ބަލާލިއެވެ. ހަސަނުގެ ނަޒަރު އޭރުވެސް ހުއްޓިފައި ވަނީ މަންޝާއަށެވެ.

މަންޝާ ހޮޑުލައި ނިމުމުން އޭނާގެ ދަބަހުން ޓިޝޫއެއް ނަގާ މޫނު ފުހެލިއެވެ. ހޭވިފައިވާ އިސްތަށިގަނޑު އަތުން ރަނގަޅުކޮށްލަމުން ހުޅިއެއް ޖަހާލިއެވެ. މަންޝާ ހޮޑުލީ ކޮތަޅު ހިފައިގެން ހަސަނު ބޭރަށް ނިކުތީ އެ އެއްލާލާށެވެ.

މަންޝާގެ ކައިރީގައި އަފްނާނު އިށީނދެގެން އިނީ ދެންމެ ވީ ކަންތަކާ ދޭތެރޭ ވިސްނާށެވެ. އެވަގުތު ދުފާ ކޮތަޅު ފެނުމުން އޭގެން ކަރަންފުލެއް ނަގާ މަންޝާއަށް ދިނުމަށްފަހު އަރާމުކޮށްލަން އަފްނާނު އެދުނެވެ.

ދޯނިން ބޭރަށް ހޮޑުކޮތަޅު އެއްލާލުމަށްފަހު ހަސަނު ލެފިގަތީ ފާޚާނާއާ ދިމާއަށެވެ. ދޯނިމަތީގައި ކުރަން ހިތުލައިގެން ހުރި ކަންތައްތައް ފެއިލްވުމުން ހަސަނު ހުރީ އެކަމާ ކޮންމެވެސް ވަރަކަށް ކަޓާފައެވެ. ފާޚާނާ ކައިރިއަށް ގޮސް ހަސަނު މަޑުކޮށްގެން ހުރީ މީހަކު ފާޚާނާގައި އުޅޭތީއެވެ. އިރުކޮޅެއް ފަހުން ފާޚާނާ ހުސްވުމުން ހީސްލަވައިގެން ތެޅިތެޅި ހުރި ހަސަނު ފާޚާނާއަށް ވަނެވެ.

ފާޚާނާ ދޮރު ގާތްކޮށްލުމަށްފަހު ހަސަނު ފަޓުލޫނުގެ ޒިބު ތިރިކޮށްލިއެވެ. ކޮޅަށް ހުރެ ކުޑަކަމުދިޔަ އިރު އޭނާގެ ދަށްބަނޑަށް ވެފައިހުރި ވާންކަމަށް ލުޔެއް ލިބުނެވެ. ފްލެޝްކުރުމަށްފަހު ހަސަނު ފަޓުލޫނު ޒިބު އަޅުވާލުމުން ފާޚާނާއިން ނުކުންނަން އުޅުނުވަގުތު އާދަޔާ ޚިލާފް ކަމެއް ފާހަގަވިއެވެ. ގުދުވަމުން ފާޙާނާ ތައްޓަށް ހަސަނު ރަނގަޅަށް ބަލާލިއެވެ.

ފްލެޝްކުރި އިރު ކަޅު ކުލައިގެ ދެ އިންޗިއެއްހާ ދިގުމިނުގެ ފަނިތަކެއް ފެންގަނޑުތެރޭ އެނބުރެމުން ދިޔަތަން ފެނުނެވެ. އޮފް ކަޅުކަމެއް ހުރި މި ފަނިތައް ހުރި ގޮތުން ހަސަނު ފަސްޖެހޭ ގޮތްވިއެވެ. ކުރު ފަލަކޮށް ތިބި މި ފަނިތައް ތަށިކައިރިން ބަނދަބަނދަ ލައްވަމުން ފެނުން މައްޗަށް އަރަން ފެށުމުން ހަސަނު އިތުރަށް ބިރުގަތެވެ. އާޝޯޚްވެފައި އޭއްޗިއްސަށް ބަލަން ހުރި ހަސަނަށް ސިހުމެއް ލިބުނީ ނޭނގި ހުއްޓާ ކުއްލިއަކަށް ފާޚާނާގެ ދޮރުފަތް އެތެރެއަށް ހުޅުވުމުންނެވެ.

ކުޑަ ފާޚާނާއެއް ކަމުން ދޮރުފަތް އައިސް ބަންލާފައި ޖެހުނީ ހަސަނުގެ ބުރަކަށީގައެވެ. މައިބަދައަށް ތަދުވާ ހަސަނުގެ ބުރަކައްޓަށް އެރި ތަދުން އައްދޯއި އޭ ކިޔާ ހަޅޭއް ލަވައިގަނެވުނެވެ. ފާޚާނާ ބޭރުގައި މީހަކު ނެތުމުން ވަޔާ ދޮރު ހުޅުވުނީކަމަށް ނިންމާ ހަސަނު އަނެއްކާވެސް އެނބުރި އެ ފަނިތަކަށް ބަލާލިއެވެ. ނަމަވެސް މިވަގުތު ފާޚާނާ ތެރޭ އެއްވެސް އެއްޗެއް ފެންނާކަށް ނެތެވެ. ދެލޯ އުނގުޅާލަމުން ތަށީތެރެއަށް ގުދުވެ ހަސަނު ބަލާލީ ޔަގީން ކުރާށެވެ. އެކަހަލަ ކަމެއްގެ ނިޝާންވެސް ފެންނާކަށް ނެތެވެ.

ބުރަކައްޓަށް ވީ ތަދުން ސީދާ ނުވެވި ހަސަނު ފާޚާނާއިން ނިކުތީ ކުޑަ ގުދެއް ލައިގެންނެވެ. އެވަގުތު ހަސަނުގެ ލޮލުގައި އަޅައިގަތީ ބޭރުގައި ހުއްޓިގެން ހުރި ޒުވާން ފިރިހެނެކެވެ. އޭނާ ހުރީ ވަރަށް ހިނިއައިސްފައެވެ. އެ ފިރިހެން މީހާއާ ދިމާއަށް ދެލޯ އަޅަމުން ހަސަނު ސިޑިން މައްޗަށް އެރިއެވެ.

މިރޭ ނިދަން މަންޝާ ކައިރީ އޮވެވޭނޭ ހިތާ އެމީހުން ތިބި ދިމާލަށް ހަސަނު ދިޔައީ ވަރަށް އުފަލުން ހުރެއެވެ. ނަމަވެސް ފެނުނު މަންޒަރުން ހަސަނުގެ ޕްލޭން ފުނޑުފުނޑުވިއެވެ. އޭނާ ނިދަން އޮށޯވެ އޮތް ޖާގައިގާ އަފްނާނު އޮށޯވެގެން އޮތުމުންނެވެ. ދެއަތަށް ބަލާލުމަށްފަހު ހަސަނަށް ޖެހުނީ ކުރިން އަފްނާނު އޮތް ޖާގައިގަ އޮށޯންނާށެވެ. ރަނގަޅަށް ބުރަކަށި ޖައްސާ ހިންދަމާލި އިރު ހަސަނަށް ނޭވާލާން އުނދަގޫވާވަރަށް ބުރަކައްޓަށް ތަދުއަރާފައި ހުރުމުން އެރޭ އިތުރު ކަމެއްވާ ވަރެއް ނުވިއެވެ.

*** *** *** *** *** ***

މަދީހާ ދެލޯ އުނގުޅަމުން ހޭލީ އޭނާގެ ކޮޓަރި ދޮރުގައި މީހަކު ޓަކި ޖަހާލުމުންނެވެ. ނިދި މޫނާއެކީ މަދީހާ އެނދުން ތެދުވެ ބޮލަށް ބުރުގާ މަހާލައިގެން ގޮސް ދޮރު ހުޅުވާލިއެވެ. މަދީހާގެ މަންމަ ހަދީޖާ ފެނުމުން މަންޝާމެން އަންނަ ފެރީ ލަފާ ގަޑި ޖެހެނީކަން މަދީހާއަށް އެނގުނެވެ.

ފޯނުން މަޖުދީގެ ނަންބަރަށް ގުޅާލުމަށްފަހު މަދީހާ މަތި ހަދާލައިގެން ބަދިގެއާ ދިމާއަށް އަވަސްވެގަތެވެ. މޭޒުމައްޗަށް ސައިބޯން ސާމާނުތައް އަތުރާ ކާން ހެދުމަށްފަހު ތަށިތަކުގެ މަތީގައި ގޮއްޓެއް ޖަހާލިއެވެ. އެވަގުތު މަޖުދީ އޭނާގެ ކުޑަ ޕިކަޕުގައި އެގޭ ދޮށަށް އައިސް މަޑުކޮށްލިއެވެ. ހަދީޖާ ގާތު ޕިކަޕުގައި ދާން ހިނގާށޭ ބުނުމުން އޭނަ ގޭގައި މަޑުކުރާނީ ކަމަށް ބުންޏެވެ. މަދީހާ އަވަސް ފިޔަވަޅެއްގައި ގޮސް ޕިކަޕުގެ ކުރީ ސީޓަށް އެރިއެވެ. މަޖުދީ ޕިކަޕު ދުއްވާލީ ފެރީ ގާތްކުރާ ތޮށިގަނޑާ ދިމާއަށެވެ.

ފާލަން ކައިރީ ރަށުގެ އެތައް ބަޔަކު އެއްވާން ފަށައިފިއެވެ. އެއްބަޔަކު ސައިކަލުތަކުގައި އައިސް ތިބި އިރު އަނެއް ބަޔަކު ތިބީ ހުސްއަތާއެވެ. މަދީހާގެ ނަޒަރު ގޮސް ހުއްޓުނީ ދުރުދުރުން ފެރީ ދައްކާލުމުއެވެ. ފަތިހުގެ ވަގުތެއްކަމުން ޖައްވުގައި ހުރި ތެތްފިނި ކަމާއެކީ ޖެހެމުން ދިޔަ ފިނި ވައިރޯޅިން މަދީހާ ހުރީ ހީ ކަރުވާފައެވެ. ހަށަން ބަނދެލައިގެން ދުރުގައި ހުރީ ފެރީ ގާތްކުރަން ދެނެވެ.

ހަ ގަޑިއިރުގެ ދިގު ދަތުރަކަށްފަހު ކ. ކާށިދޫ ނެރުން އެތެރެއަށް ދޯނި ވަނުމާއެކީ މަދީހާ ފާލަން ކައިރިއަށް ޖެހިލިއެވެ. ރަށުގެ ގިނަ އަދަދެއްގެ މީހުން ވަނީ އޭރު އެ ސަރަހައްދަށް އެއްވެފައެވެ. ބޮޑު އީދަށް މާލޭގައި ދިރިއުޅޭ ކާށިދޫގެ ގިނަ އާއިލާތައް ރަށަށް އަންނާތީއެވެ. މި އަހަރު ބޮޑު ޗުއްޓީގައި ގިނަ ކުޅިވަރުތައް ބޭއްވުމަށް ހަމަޖައްސާފައި ވަނީ ވެސް ކާށިދޫގައި ކަމަށް ވާތީއެވެ.

ދުނިޔެ މައްޗަށް އަލިވަމުން ދިޔައެވެ. މަންޝާ ތެދުވެ ބޮލުގެ އިސްތަށިގަނޑު ރީތި ކޮށްލަމުން ދޯނި ތެރެއަށް ބަލާލިއެވެ. އެންމެން ވެސް ތަންމަތި ބޮނޑި ބަނދެގެން ހުރިހާ ސާމާނުތައް ހަމަކުރަމުން ދިޔައެވެ. އަތުގައި އޮތް ފޯނަށް މަންޝާ ބަލާލީ އަޒީމްގެ ކޯލެއް އައިސްފައި ވޭތޯއެވެ. ފޯނު ކޯލެއް އައިސްފައެއް ނެތް ނަމަވެސް މެސެޖެއް އިނުމުން އަވަހަށް އެމެސެޖް ހުޅުވާލިއެވެ.

"އަމާން ދަތުރަކަށް އެދެން ލަވް... ހޯޕް ޔޫ ސްލީޕް ވެލް... މިސްޔޫ މައި މަން.."

އެއީ ޒިބާން ފޮނުވާފައިވާ މެސެޖެކެވެ. ޒިބާންވެސް އަޒީމަށް ވުރެ ރަނގަޅޭ މަންޝާގެ ހިތަށް އެރިއެވެ. އިންޖީނުގެ އަޑު މަޑުވަމުން ދާތީ މަންޝާ ކުޑަދޮރުން ބޭރު ބަލާލިއެވެ. އޭރު ދޯނި ފަޅުތެރެއަށް ވަންނަނީއެވެ. ރަށުގެ މަލަމައްޗަށް ބަލަން މަންޝާއަށް ހުރެވުނެވެ.

"އޭއި އަފްނާނޫ.. ދެން ހޭލަބަލަ.. މިއޮއް ރަށަށް އާދެވުނީ..." މުނީރާ ގޮވާލީ އަފްނާނު އަދިވެސް ހޭނުލާ އޮތުމުންނެވެ.

ރޭގައި މަންޝާއަށް ވަރަށް އަރާމުކޮށް ނިދުނެވެ. އެއީ އަފްނާނާ ހެދިއެވެ. މަންޝާ ކައިރިއަށް އަފްނާނު ނައިނަމަ ރޭ ހަތަރުދަމު ހަސަނުގެ ދުއްތުރާ ޖެހުނީހެވެ. އަފްނާނު ކޮށްދިން ކަންތަކަށް މަންޝާ ހިތުގެ އަޑިން ޝުކުރު ކުރިއެވެ. އަފްނާނު ތެދުވެ ދެލޯ އުނގުޅާލިއެވެ. ބޮލުގައި އަޅާފައިވާ ބުރުގާ ރީތިކޮށްލިއެވެ. މޫނުގެ ދެފަރާތުން ނުކުމެފައި ހުރި އިސްތަށިތައް އެތެރެއަށް ކޮށްޕާލިއެވެ. އެންމެން އަވަހަށް ތައްޔާރުވީ ދޯނި ކައިރިކުރަންވާ އިރަށެވެ.

ދޯނި އައިސް ފާލަމަށް ގާތްކުރިއިރު ވެސް ދޯނި ތެރެއިން ފެންނަމުން ދިޔަ މޫނުތަކުން މަދީހާގެ ލޯ ހޯދަމުން ދިޔައީ މަންޝާއެވެ. އެތައް ބައެއްގެ ތެރެއިން މަންޝާ ފެނޭތޯ ބަލަންހުރި މަދީހާއަށް ފާލަމާ ގާތްވާން ކުރިއަށް އެޅި ފިޔަވަޅު ހުއްޓުނީ ދޯނީގެ މަތީ ޑެގުން ބޯ ދިއްކޮށްގެން ހުރި ދެ އަންހެން ކުދިން ފެނުމުންނެވެ. މަދީހާއަށް އެއީ އޭނާގެ މަންޝާކަން ޔަގީން ވިއެވެ. ދެން އެހުރީ މުނީރާގެ އަފްނާނެވެ.

އަތް ދަބަސް ކޮނޑުގައި އަޅުވައިގެން ދޯނިން ފައިބަން މަންޝާ އަވަސްވެގަތެވެ. އޭނާގެ މަންމަ ފެނޭތޯ ފާލަން ކައިރިއަށް އެއްވެފައި ތިބި މީހުންތަކަށް ބަލާލިއެވެ. ދޯނިން ފައިބަން މަޑުކޮށްގެން ހުއްޓާ ފާލަންމަތީ ހުރި ޒުވާނެއް ދިއްކޮށްލި އަތުގައި މަންޝާ ހިފީ ފާލަން މައްޗަށް ފައިބަން ފަސޭހައަކަށެވެ. ރަށުގެ ފަސްގަނޑުގައި ފައި ޖެހުމާ އެކީ މަންޝާ ކުރިއަށް ޖެހިލިއެވެ. އޭރު މަންޝާއާ ދިމާއަށް ބަލަހައްޓައިގެން ހުރި އޭނާގެ މަންމަ ފެނުނެވެ. މަންޝާގެ ހިތަށް ލިބުނު ހަމަޖެހުމާ އުފަލުގެ ސަބަބުން އަނގައިގަ ހުރި ހުރިހާ ދަތެއް ސޭލްކުރަމުން ހިނިތުންވެވުނެވެ. ވެފައިހުރި ވަރުބަލިކަން ވެސް އިހްސާސް ނުވާ ކަހަލައެވެ. މަންޝާގެ ފިޔަވަޅު އެދިމާއަށް އަވަސް ކޮށްލިއެވެ. މަންޝާ ފެނުމުން މަދީހާ ލޮލުން ކަރުނަ ހިލުނެވެ. އުފާވެރިކަމުގެ ކަރުނައެވެ. އެތައް ދުވަހަކަށްފަހު މަންޝާއާ ދިމާވުމުން މަދީހާ އޭނާގެ ގައިގާ ބައްދާލިއެވެ.

"ހޫން ދެން އަހަރެމެން ނުފެންނާނޭ... މާލެ މީހުންނަށް އަހަރެމެންމީ ބަޔަކަށް ވެސް ނުވާނެ...."

މަންޝާގެ ފަހަތުގައި ހުރި މީހަކު ދެއްކި ވާހަކައިގެ އަޑަށް މަންޝާ ފަހަތް ބަލާލީ އެއީ ދަންނަ އަޑެއްހެން ހީވުމުންނެވެ. "މަޖުދީ ދޯ... ހެހެހެ ހާދަ ބަދަލުވެފަ... މީހާއަށް ވުރެއް ބޮޑު ތުނބުޅިއެއްލާފަ ހުރީމަ ނޭނގޭނެ ދޯ..." މަންޝާއަށް އެއީ މަޖުދީކަން އެނގުމުން މަޖުދީއާ ސަލާމް ކުރަމުން އޭނާ ވާހަކަ ދެއްކިއެވެ.

"ކޮބާ މުނީރާ މެން..." މަދީހާ އަވަސްވެގަތީ ދޯނިން ފައިބަމުން ދިޔަ މީހުންތަކާ ދިމާއަށެވެ.

"މަންޝާވެސް ވަރަށް ތަފާތު... ކޮބާ ފިރިސޮރު؟.. އޭނާ ނުލާ ތި އައީޔޯ!!!..." މަންޝާއާ ވާހަކަ ދައްކަމުން މަޖުދީ މިސްރާބު ޖެހީ ދުރުގައި ޕާކްކޮށްފައި އޮތް ޕިކަޕާ ދިމާއަށެވެ.

ދޯނިން މީހުން ފޭބުމުން ދޯނީގައިވާ ލަގެޖްތަކާއި ފޮށިގަނޑުތަކާއި އެހެނިހެން މުދާތައް ބާލަން ފެށިއެވެ. ޕިކަޕު ކައިރީ މަންޝާއާ މުނީރާމެން މަޑުކޮށްގެން ތިބީ އެމީހުންގެ ސާމާނުތައް ގެންނަންދެނެވެ. މަޖުދީއާ ހަސަނާ ދެމީހުން ދޯނި ކައިރިއަށް ދިޔައީ އެންމެންގެ ފޮށި ތަންމަތި ބަލައެވެ.

މިހާރު މުޅި ރަށުތެރެއިން އިވެމުން ދަނީ ކޮވެލީގެ އަޑެވެ. އަލިވަމުން ދިޔައިރު މަންޝާގެ ލޮލުގައި އަޅައިގަތީ ފާލަން ކުރިމައްޗަށް ވާގޮތަށް ހުރި މިސްކިތެވެ. "އެއީ... ފަހުން އިމާރާތްކުރި މިސްކިތް ދޯ... ދެން އެހެރީ ކޮން ނޫކުލައިގެ އިމާރާތެއްތަ؟..." މިސްކިތް ހުރިމަގުން އެތެރެއިން ފެންނަ ހުރި އިމާރާތަށް އިޝާރާތްކުރަމުން މަންޝާ ވާހަކަ ދެއްކިއެވެ.

"އެއީ ފުލުސް އޮފީސް... މަންޝާ ރަށަށް ނައިސް މިވީ ދުވަހު ލައްކަ ބަދަލުތައް އައިސްފަ ހުންނާނެ..." ރަށުތެރެއިން ފެންނަން ހުރި އިމާރާތްތަކަށް ބަލަމުން މަންޝާއަށް ޖަވާބު ދިނީ މަދީހާއެވެ. މަޖުދީއާ ހަސަނާ ދެމީހުން ފޮށިގަނޑުތައް ގެނެސް ޕިކަޕަށް އެރުވިއެވެ. ހަސަނު ހިންދެމިލަމުން އުނަގަނޑުގައި އަތްވިއްދާލީ ފުން ނޭވާއެއް ދޫކޮށްލަމުންނެވެ.

"ހަސަނާ.. ބުރަކައްޓަށް ތަދުވަނީ ދޯ... ހިނގާ އަވަހަށް ގެއަށް ދާން މިއަދު އަރާމުކޮށްލައިގެން ދޮންހައްވަ ކައިރިއަށް ދާން ވާނެ..." އެންމެން އެރީ ޕިކަޕުގެ ފަހަތަށެވެ. ނަމަވެސް މަންޝާ ބޭނުންވީ ކުރިއަށް އަރާށެވެ.

"ކަމޯން ދޮނާ.. އާދޭ ފަހަތަށް އޭރުން ވަރަށް މަޖާވާނެ..." މަންޝާ ގާތު އެމީހުންނާ އެކީ ޕިކަޕުގެ ފަހަތަށް އަރަން އަމާން އެދުނެވެ. މަންޝާ ނޫނެކޭ ބުނެ އެރީ މަޖުދީ ކައިރިއަށް ކުރީ ސީޓަށެވެ.

"ކިހިނެއްވީ؟... ހާދަ މޫޑީހެން ހީވެޔޭ..." މަންޝާގެ މޫނަށް ބަލާލަމުން މަޖުދީ ޕިކަޕު ދުއްވާލިއެވެ.

"އާން ފަސް ފަހަރަށް ހޮޑު ލެވިއްޖެ.. އެހެންވެ... ވަރަށް ބޮލުގަ ވެސް ރިއްސާ..." މަންޝާ އަތުގައި އޮތް ފޯނަށް ބަލާލިއެވެ. އޭރު ގަޑިން ހަގަޑި ބައިވަނީއެވެ.

ގެއަށް ދެވުމާ އެކީ މަންޝާއަށް އޭނާގެ ކޮޓަރި ދައްކާލިއެވެ. ޖުމްލަ ހަތަރު ކޮޓަރި ހަދާފައި ހުރި އިރު މަންޝާއަށް ދިނީ އެންމެ ބިއްދޮށުގައި ހުރި ކޮޓަރިއެވެ. މަންޝާގެ ކޮޓަރި ކުރިމައްޗަށް ހުރީ އަފްނާނުގެ ކޮޓަރިއެވެ. މި ދެ ކޮޓަރިއަކީ ހަތަރުކޮޓަރި ތެރެއިން އެންމެ ކުޑަ ދެކޮޓަރިއެވެ. ނަމަވެސް އެކަކަށް ހިތްހަމަޖެހިލައިގެން އުޅެވޭނެހާ ޖާގަ އޮތެވެ. އަފްނާން ކޮޓަރިއާ ޖެހިގެން ހުރި މަދީހާގެ ކޮޓަރި ދިނީ މުނީރާމެންނަށެވެ. އެއީ އެގޭގައި ހުރި އެންމެ ބޮޑު ކޮޓަރިއެވެ. ހަތަރު މީހުންނަށް ދަތިކަމަކާ ނުލާ އެކޮޓަރީގައި އުޅެވޭނެތީއެވެ. ދެން ބާކީ ހުރި ކޮޓަރީގައި ނިދަނީ މަދީހާއާއި އޭނާގެ މަންމަ ހަދީޖާއެވެ.

އެންމެން ސައިބޮއިގެން ދިޔައީ އެމީހެއްގެ ކޮޓަރިއަށެވެ. މަންޝާވެސް ބޭނުންވީ ފެންވަރައިގެން އަރާމުކޮށްލާށެވެ. ދަތުރުގެ ވަރުބަލިކަން ފިލުވާލާށެވެ.

*** *** *** *** *** ***

އާދުވަހަށް އިރު އަރައިފިއެވެ. ރަށަށް އައި ފުރަތަމަ ދުވަހު މަންޝާ ހުރީ އިންތިހާއަށް ބޮލުގައި ރިއްސާފައެވެ. މަންޝާ ހީކުރީ އޭނާގެ ބޮލުގެ ރިހުމަށް އިތުރު ލުޔެއް ލިބޭނެ ކަމަށެވެ. ނަމަވެސް އަދިވެސް ބޮލަށް ބަރުވެފައި ހުރުމުން މަންޝާ އޮތީ އޭނާގެ ކޮޓަރީގައެވެ. ކޮޓަރީގެ ދޮރު ހުޅުވާލަމުން އަފްނާނު އެތެރެއަށް ވަނީ މަންޝާއަށް ދޭން ބޭސް ގުޅައެއް ހިފައިގެންނެވެ. ފެންފުޅި ނަގާ ޕެނެޑޯލް ގުޅަ ދިރުވާލުމަށްފަހު އަފްނާނާ ދިމާއަށް މަންޝާ ރަނގަޅަށް ބަލާލިއެވެ.

ބުރުގާ އަޅާ އަފްނާނު ހުރީ ކުރު ސޯޓު ބުރިއަކާ އަތްކުރު ޓީޝާޓެއް ލާފައެވެ. މަންޝާ އެދުނީ އޭނާގެ ގާތުގައި އަފްނާނު މަޑުކުރުމަށެވެ. ދެމީހުން އެކިކަހަލަ ވާހަކަތައް ހިއްސާ ކުރަން ތިބިއިރު ގަޑިން ވީ އިރެއްވެސް ނޭނގުނެވެ. މިއަދަކީ ހައްޖު ދުވަސްކަމުން މިރޭ ހެދިކާ ހެދުން އޮންނާނެކަމަށް އަފްނާނު ބުންޏެވެ. މަންޝާ ވެސް ބޭނުންވީ އޭރަށް އޭނާ ރަނގަޅުވާށެވެ.

އަފްނާނަށް ލެވޭ ސައިޒުގެ ހެދުންތަކެއް އެބަހުރިކަމަށް ބުނެ މަންޝާ އޭނާގެ ދަބަސް ހުޅުވާލިއެވެ. އަތްދިގު ގަމީސްކޮޅުތަކެއް ދިއްކޮށްލަމުން އެ ހެދުން ލާށޭ ބުނެ މަންޝާ ގޮސް ކޮޓަރި ދޮރު ތަޅުލިއެވެ.

އަފްނާނު އޭނާ ލައިގެން ހުރި ޓީޝާޓް ބޭލުމަށްފަހު އެ ގަމީހުގެ ދެއަތަށް އަތް މަހާލިއެވެ. މަންޝާއަށް އަފްނާނުގެ ދޮން ހަށިގަނޑުން ތަފާތުކަމެއް ފެނުނެވެ. އެކަން ޔަގީން ކޮށްލަން މަންޝާ ގާތްވެލިއެވެ. ގަމީހުންގެ ގިރުވާން ރަނގަޅުކޮށްލާ ކޮނޑުމަތިން ގަމީހަށް ދަމާލަމުން އަފްނާނުގެ ކަންފަތް ދަށަށް ރަނގަޅަށް ބަލާލިއެވެ.

"އަފޫ އުޅެނީ ބިޓެއް ނަގައިގެން ދޯ... ދޮނާ ކައިރީ ނުބުންޏަސް އިނގޭނެ... ދެން ބުނެބަލަ އެއީ ކާކުތަ؟.." އަލަމާރީގެ ލޯގަނޑުން ފަރި ބަލަން ހުރި އަފްނާނު ދެލޯ ބޮޑުވެގެން ދިޔައީ މަންޝާ ދައްކަމުން ދިޔަ ވާހަކައިންނެވެ. އޭނާގެ މޫނުގެ ކުލަވަރު ބަދަލުވިތަން މަންޝާއަށް ދައްކަން ބޭނުން ނުވާތީ ގާމިހު ގޮށްތައް އަޅުވަމުން އަފްނާނު އިސްއޮބާލީ ތުންފަތުގައި ދަތް އަޅާލަމުންނެވެ.

"އަފް.. އަފޫގެ ބިޓެއް ނުހުންނާނެ..." އަޅައަޅައިގަންނަމުން އަފްނާނު ވާހަކަ ދެއްކީ ވިސްނަމުންނެވެ.

"އެހެންތަ.. ބިޓެއް ނެތިއްޔާ ދެން ކަންފަތް ދަށުގަޔާ ކޮނޑުމަތީ އެހުރީ ކޮން ރެޑް މާކެއް...ދެން ބުނޭ... ހެހެ.." ސަމާސާ ރާގަކަށް މަންޝާ ދިމާކޮށްލިއެވެ.

މިއަދު ކޮންމެވެސް ޖަވާބެއް ނުދީ ސަލާމަތެއް ނުވެވޭނެކަން އަފްނާނަށް އެނގުނެވެ. ލޯގަނޑާ ގާތްވަމުން ކަންފަތްދޮށުގައި ރަތްވެފަ ހުރިތަނުގައި އަތް ޖައްސާލިއެވެ. އަފްނާނު ހުރީ ހާސްވެފައެވެ. މަންޝާއަށް ދޭނެ ޖަވާބަކާ މެދު އޭނާ ވިސްނަމުން ދިޔައެވެ. ގެއްލިފައި ހުރި އަފްނާނު ސިއްސައިގެން ދިޔައީ މަންޝާ އޭނާގެ ފަހަތުގައި ހުރެ އަފްނާނު ކޮނޑުގައި ހިފާލުމުންނެވެ.

"ދޮނާ.. ޕްލީސް މަންމަމެން ކައިރީ ނުބުނައްޗޭ... ޔާ އައިހޭވް އަ ބޮއީ ފްރެންޑް... ބަޓް... އަދި މާ އަވަސް އޭނަގެ ވާހަކަ ދައްކަން..." އަފްނާނު ބޭނުންވީ އަދިވެސް އެކަންތައް ސިއްރު ކުރާށެވެ.

"މާ އަވަސް ކަމެއް ނޭނގެ... ހެހެހެ އޯކޭ... އަފްނާން ބޭނުން ގޮތެއް..." މަންޝާ އެހެން ބުނަމުން ދެވަނަ ގަމީސް ދިއްކޮށްލަމުން އޭތި ލާށޭ ބުނެލިއެވެ.

އެވަގުތު މަންޝާގެ ފޯނު ރިންގްވިއެވެ. ރީތިވާ މޭޒުމަތީގައި އޮތް ފޯނު ނަގަމުން ފޯނަށް ބަލާލުމާ އެކީ ދުލު ކުރީގައި މަންޝާއަށް ދަތް އަޅާލެވުނެވެ. "ހެއި..."

"ކޮން ހެއި އެއް ކިޔާކަށް... ރަށަށް ދިޔަ ގޮތަށް ގުޅާވެސް ނުލާ... ކިހިނެއްތަ މަންމަ؟... ހައުޒް ޔޯ ހޯމް ލޭންޑް؟... ދަތުރު މަޖާތަ؟..." އެއްފައްޗަކަށް އެތައް ވާހަކައެއް އޮޅުންފިލުވަން ބޭނުންވެފައި ހުރި ޒުހާގެ ސުވާލުފަތި އަމުނާލި އިރު ހީވަނީ ލައިނުގަނެގެން އުޅޭ ހެންނެވެ.

"މަންމަ ވީ ބަދިގޭގަ... ޔާ މަޖާ ދެން އެކަމު އައި ގޮތަށް އަދި ބޭރަށް ނުނިކުންނަށް.. ދޯނި މަތީ ހޮޑު ލާލާ އަހަރެން މުޅިން ލޮޑުވެއްޖެ... ހެއި ކޮބާ ޒަފްރީން އެން ޒައިކޫ... ޒުހާގެ މަންމައަށް ސަލާމް ބުނައްޗޭ...." ފޯނަށް ވާހަކަ ދައްކަމުން އަފްނާނު ކައިރިއަށް މަންޝާ ގާތްވެލިއެވެ. އަފްނާނު ލައިގެން ހުރި ގަމީހަށް ބަލާލަމުން އޭނާ ގާތު އެ ގަމީސް ކަމުދޭތޯ މަންޝާ އަހާލިއެވެ. އަފްނާނު އެ ހެދުން ވަރަށް ރީތި ކަމަށް ބުނުމުން އެ ހެދުން އަފްނާނު ގެންދާށޭ ބުނެ މަންޝާ ފޯނު ކަންފަތުގައި ޖަހާލަމުން ހޫން އަޅުވާލިއެވެ.

މަންޝާގެ އިތުރު ސުވާލަކާ ކުރިމަތިލާން އަފްނާނު ބޭނުމެއް ނުވިއެވެ. އެހެންކަމުން ލިބުނު ފުރުސަތުގެ ބޭނުން ހިފާ އަފްނާނު އެ ކޮޓަރިން ނިކުތެވެ. ވިސްނުމެއްގައި ހުރެ ކަންފަތްދަށުގައި ރަތްވެފަ ހުރިތަން ފޮރުވަމުން އަފްނާނު ގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ.

"ކޮބާ އަޒީމް؟... ރަށަށް ދިޔުމުގެ ކުރިން އެކަމާ ބެހޭ ގޮތުން ވާހަކަ ދެއްކިންތަ؟..." ޒުހާގެ ސުވާލަށް ޖަވާބު ދެމުން ކޮޓަރީގެ ދޮރު ލައްޕާ ތަޅުލިއެވެ.

"ޒުހާ... އަޒީމް އެދުވަހު އޮފީހުން އައި ފަހުން އެއްގޮތަކަށް ވެސް އަޅައެއް ނުލާ.. މާލޭގަ ހުރިއިރު ވެސް އަހަރެންނަށް ހޮޑު ލެވުނު.. އަޒީމަށް މާބޮޑު ކަމަކަށް ވީހެން ހީވެސް ނުވޭ... އަދި ދޯންޏަށް އެރި ފަހުން ގުޅާވެސް ނުލާ... ސީރިއަސްލީ މަށަކަށް ނޭނގެ ހަދާނެ ގޮތެއް..." އިނގިލިތަކުން ނިތްކުރީގައި ހިފަހައްޓާލީ އަނެއްކާ ވެސް މަންޝާގެ ބޮލުގައި ތޫނު ރިހުމެއް އުފެދުމުންނެވެ.

"އަޅެ މަންޝާ.. ބަނޑުބޮޑުތޯ ޓެސްޓެއް ހަދާބަލަ... މަށަށް ހީވަނީ މަންޖެ ބަނޑުބޮޑުހެން.... އޭރުންދޯ އެހެންކަމަކާ ދޭތެރޭ ވިސްނޭނީ..." ދޮރުގައި މީހަކު ޓަކި ޖަހާލުމުން މަންޝާ ފޯނު ބޭއްވީ ފަހުން ގުޅާނަން ކަމަށް ބުނަމުންނެވެ.

ދޮރު ހުޅުވާލިއިރު ދޮރުމަތީ ހުރީ އީމާނެވެ. ކިހިނެއް ވީތޯ ސުވާލު ކޮށްލުމުން އޭނާގެ ފުރަގަހަށް ލާ ފޮރުވައިގެން ހުރި އަތް ކުރިމައްޗަށް ނެރުނެވެ. އެއީ ވަރަށް ރީތި ރަތް މާ ބޮނޑިއެކެވެ. ރަތްކުލަ ގަދަކަމުން ހީވަނީ ލޭކޮޅެއް ހެންނެވެ. އެމާ ބޮނޑީގައި ހިފަމުން އީމާން ގާތު އެއީ ކާކު ދިން އެއްޗެއްތޯ އަހާލީ މަލުން ވަސް ބަލަމުންނެވެ.

(ނުނިމޭ)