އަޒީމް އޮތީ ހަމައެކަނި ޝޯޓެއް ލައިގެންކަމުން މަންޝާގެ ލޮލުގައި އޭނާގެ ބުރަކަށީގައިވާ ވަކިތައް އަޅައިގަތެވެ. އެ ވަކިތައް ހުރީ ވަރަށް ފާޑަކަށެވެ. ފާރުގަނޑެއްހެން ހުރި ތަންތަންވަނީ ދޮސްލާފައެވެ. އެހިސާބު ކައިރީގައި ފޮޅު ބިހިތަކެއް ވެސް ފެންނަން ހުރުމުން މަންޝާ ޖެހިލުންވިއެވެ. މަންޝާގެ ހިތަށް އުނދަގޫވިއެވެ. އަޒީމަށް މިވަނީ ކިހިނެއް ބާއޭ ހިތަށް އެރިއެވެ. އޭނާގެ ހިތުގައި އެތައް ސުވާލުތަކެއް އެނބުރެން ފެށިއެވެ. އެތަން ޑޮކްޓަރަށް ދައްކަން ދާން މަންޝާ ބޭނުންވިއެވެ. އަޒީމްގެ ގައިގާ މަންޝާ އަތްޖައްސާލީ ގޮވާށެވެ. މަންޝާގެ ދެލޯ ބޮޑުވިއެވެ. ކަމަކުދާކަށް ނެތެވެ. އަޒީމް ހުމާ ފިހެނީއެވެ.
މަންޝާ އެތައް ފަހަރަކު ގޮވުމުންވެސް އަޒީމް އެނދުން ހިއްލައެއް ނުލިއެވެ. ކަންފަތްމަތީ ބާލިސް އަޅައިގެން އޭނާ އޮތީ ނިދޭތޯއެވެ. އަޒީމްގެ ބޮލުގައި ރިއްސާވަރުން ކެތްނުކުރެވޭތީ އޭނާ ތެދުވަން ބޭނުން ނުވީއެވެ. އަޒީމް އެ ގޮތުގައި ހިފަހައްޓާނެކަން އެނގުމުން މަންޝާ އަވަސްވެގަތީ ފާޚާނާއަށް ފެންވަރަން ވަންނާށެވެ.
*** *** *** *** *** ***
ގަޑިން އިރުއޮއްސި ހައެއް ޖަހައިފިއެވެ. ހުރިހާ ފޮށިތަކެއް ބަންދުކުރުމަށްފަހު ހަސަނާއި މުނީރާ ހަމަޖެހިލިއެވެ. އެ ދެމަފިރިން ތިބީ ރަށަށް ދެވޭތީ އުފަލުން ފޮޅިފައެވެ. ކުޑަ ދެކުދިން ވެސް ރަށަށް ދާހިތުން ތިބީ ވަރަށް އުފާވެފައެވެ. އިރުއިރުކޮޅުން ގަޑިން ވީއިރު އޮޅުން ފިލުވައެވެ. ރޭގަނޑު ދިހައެއް ޖަހުމުން ދޯނި ފުރާނެ ވާހަކަ ބުނެފައިވާ އިރު، އެ އާއިލާ ވަނީ ރަށަށް ދާން ފުރިހަމައަށް ތައްޔާރުވެފައެވެ. ހުރިހާ މަސައްކަތަކުން އަވަދިވުމުން މުނީރާ ބޭނުންވީ އަވަހަށް ފެންވަރައިގެން ނަމާދުކުރާށެވެ. އެހެންކަމުން ކޮޓަރިއާ ދިމާއަށް ދިއުމަށް މުނީރާ ހިނގައިގަތެވެ.
"މުނީރާ... ނުވައެއް ޖެހީމާ މަންޝާއަށް ގުޅަންވާނެ..." މުނީރާއަށް ހަސަނު ހަނދާންކޮށްދިނެވެ. ގަޑިއަށް ބަލާލަމުން މުނީރާ ކޮޓަރިއަށް ދިޔައީ ބަންގި ގޮވުމުގެ ކުރިން ފެންވަރައިގެން ނިކުމެވޭތޯއެވެ.
އަފްނާން ކޮޓަރިން ނިކުމެގެން އައީ ފޮތެއް ހިފައިގެންނެވެ. އެއީ ޔޫރަޕް ހިސާބުގެ ފެޝަނާ ބެހޭ މަޖައްލާއެކެވެ. އެ މަޖައްލާގައި ފެންނަން ހުރީ އެކި ސްޓައިލްތަކުގެ ހެދުންތައް ލައިގެން ތިބި މޮޑެލްކުރާ ކުދިންނެވެ. ފޮތަށް ބަލަމުން އައިސް އަފްނާން އިށީނީ ހަސަނުގެ މަގަތުގައެވެ. ސޯފާ ތެރޭ ދެފައި ވަށްކޮށްލައިގެން އިނީ އެ މަޖައްލާގައި ހުރި ހެދުންތަކަށް ރަނގަޅަށް ބަލާށެވެ. އަރިވެލާފަ އެ ފޮތުގައި ހުރި ފޮޓޯތަކަށް ހަސަނު ބަލާލިއެވެ.
"ކޯއްޗެއް ތި ބަލަނީ؟..." މަޖައްލާއިން ފެންނަން ހުރި ޒަމާނީ ހެދުން ލައިގެން ތިބި އަންހެން ކުދިންނަށް ބަލަމުން ހަސަނު އަހާލި އެއްބުމަ އަރުވާލަމުންނެވެ.
"މި ހެދުންތަކުގެ ޑިޒައިންތައް ބަލާލަނީ... މިފަހަރު އެންމެ ރީތި ހެދުން ފަހަން ބޭނުމީ އަފޫ..." އަފްނާން ބަލަން އިން ހެދުން ދައްކާލަމުން އޭނާގެ ބައްޕަ ގާތު އެ ހެދުން ރީތިތޯ އަހާލިއެވެ. ހަސަނު އާނއެކޭ ބުންޏެވެ.
"ދޮނާ ދަނީ އަހަރެމެންނާ އެކީ އެއް ފެރީއެއްގަތަ؟..." އަފްނާނު ކުރި ސުވާލަށް ޖަވާބުދެމުން މިފަހަރު ވެސް ހަސަނު ބޯ ޖަހާލިއެވެ. ހަސަނު ބޭނުންވީ ފުރުމުގެ ކުރިން އަރާމުކޮށްލާށެވެ. އެހެންކަމުން ސޯފާއިން ތެދުވެގެން ކޮޓަރިއާ ދިމާއަށް ހަސަނު ހިނގައިގަތީ ބުރަކަށި ދަމާލައި ފުރުމުގެ ކުރިން ހަށިފަސޭހަ ކޮށްލާށެވެ. ސޯފާގައި އިން އަފްނާން އޭނާގެ ބައްޕަ ކޮޓަރިއަށް ވަނުމުން ހިތަށް އެރިއެވެ. "އަދިވެސް ބައްޕަ ދޮނާއާ ދޭތެރޭ ހާދަ ވިސްނައޭ..." މަޖައްލާއަށް ބަލަން އިން އަފްނާނުގެ ވިސްނުން ދަތުރުކުރީ މީގެ އެތައް އަހަރެއް ކުރީގެ ހަނދާން ތަކަކަށެވެ.
އަފްނާން ގްރޭޑް ހަތެއްގައި އުޅުނު ދުވަސްވަރު އޭނާގެ ބަނޑުގައި ވަރަށް ރިއްސައެވެ. ކެއުން ބުއިމަށް ވަރަށް ބޮޑެތި ބަދަލިތައް އަންނަމުން ދިޔައެވެ. އެހެންކަމުން އަފްނާނަށް ވެފައި ހުރިގޮތެއް ބަލަން މުނީރާމެން އޭނާ ޑޮކްޓަރަށް ދެއްކިއެވެ. ގޮހޮރުގެ މައްސަލައެއް އުޅޭކަމަށް ބުނެ އެމީހުން ލަފާ ދިނީ ވީ އެންމެ އަވަހަކަށް ރާއްޖޭން ބޭރަށް ދިއުމަށެވެ. އަތުގައި އެއްކޮށްފައި ހުރި މަދު ފައިސާއާ އެކު އަފްނާނު ގޮވައިގެން މުނީރާ ލަންކާއަށް ދިޔައީ ބޭސްކުރާށެވެ.
އަމާން އާ އީމާންގެ ކަންތައްތައް ކުރުމަށް ހަސަނާ މަންޝާއަށް ހަވާލުކޮށްފައެވެ. އަފްނާން ރަނގަޅުވާން އޮތީ އޮޕަރޭޝަންއެއް ކޮށްގެންނެވެ. ބޭސްކޮށްގެން މާލެ އައިސް އަފްނާން އުޅެން ޖެހުނީ ވަރަށް ބަލައިގެންނެވެ. ކެއުންބުއިން ވަކި ގޮތަކަށް ބަހައްޓައިގެން ޑައެޓްކޮށްގެންނެވެ. ކެއުން ބުއިން ބެހެއްޓީ ޑޮކްޓަރުން ދީފައިވާ އިރުޝާދާ އެއްގޮތަށެވެ.
މާލެ އައިތާ މާގިނަ ދުވަހެއް ނުވެއެވެ. އަފްނާން ސްކޫލަށް ދާން ފެށިއެވެ. ނަމަވެސް އެތައް ދުވަސްތަކެއްގެ ފިލާވަޅުތައް ގެއްލުމުގެ ސަބަބުން ކިޔެވުމަށް ދޭންޖެހޭ ސަމާލުކަން އަފްނާނަކަށް ނުދެވުނެވެ. ސްކޫލަށް ނުދާ ދުވަސްތައް އިތުރުވަމުން ދިޔައެވެ.
މިފަދަ ކަންކަމަކީ އެހާ ބޮޑުކަމެއް ކަމަކަށް ހަސަނުމެން ނުދެކެއެވެ. އަންހެން ކުއްޖެއް ވީމަ ބޮޑަށް ގޭގައި ކުރަންޖެހޭ މަސައްކަތްތައް ދަސްވުމުން އެ ނިމުނީކަމަށް އެމީހުން ދެކުނެވެ. އާންމު ގޮތެއްގައި މީހަކާ އިނދެގެން ދިރިއުޅުމެއް ފެށުމަށްފަހު ދަރިން ލިބުނީމަ ގިނަ ފަހަރު ހުންނަން ޖެހޭނީ ގޭގައި ކަން މުނީރާއަށް ވިސްނައި ދިނީ ހަސަނެވެ.
ލަންކާއިން އައިފަހުން އެއްރޭ އަފްނާން ނިދާފައި އޮއްވާ މީހަކު މާނޭވާ ލާ ފާޑުގެ އަޑެއް އިވޭތީ އަފްނާނު ލޯ ހުޅުވާލަމުން ބަލާލީ ވަރަށް ހާސްވެ ހުރެއެވެ. އަނދިރިކޮށްފައިވާ ކޮޓަރި ތެރެއިން އަޑު އަންނަ ދިމާއަށް އަފްނާނު ބަލަން އޮތީ މިވަނީ ކިހާވަރެއްގެ ކަމެއްކަން ވެސް ރޭކާ ނުލާ ހާލުގައެވެ. އަނދިރީގެ ތެރެއަށް ލޯ ހޭނެން ސިކުންތުކޮޅެއް ނެގިއެވެ. އާންމުކޮށް މަންޝާ އޮންނަ ފަޅި ވީމާ، މަންޝާއަށް ކަމެއް ވަނީކަމަށް ހީކޮށް އަފްނާންގެ ހިތް ބާރަށް ތެޅިގަތެވެ. މަންޝާގެ ގައިމައްޗަށް މީހަކު އަރާ އޮތްކަން އަފްނާނަށް އެނގުނެވެ. އަފްނާން ބޭނުންވީ މިވާ ކަމެއް ރަނގަޅަށް ބަލާށެވެ.
ނިވާކަމެއް ނެތް މަންޝާގެ ގައިމަތީ އޮވެ އެމީހަކު ދިޔައީ އެތައް އުފާތަކެއް ހޯދަމުންނެވެ. އެމީހުން ކުރަމުން ދިޔަ ހުރިހާ ކަމެއް އަފްނާން އޮތީ ވަގުވަގަށް ބަލާށެވެ. އަފްނާނު ކޮންމެވެސް ވަރަކަށް ޖެހިލުން ވިއެވެ. އެކަން ކުރަން އޮތް މީހާގެ މޫނު ފެނުމުންނެވެ. އެކަމެއް އެ ކުރަނީ ހަސަނެވެ. އަފްނާނުގެ ބައްޕައެވެ.
މިހެން ދުވަސްތައް ފާއިތުވަމުން ދިޔައެވެ. ހަފްތާއަކު އެއްރޭ ނުވަތަ ދެރޭ މަންޝާ ކައިރިއަށް އަފްނާންގެ ބައްޕަ ވަންނަކަން އަފްނާނަށް އެނގެއެވެ. މިއިން އެއްވެސް ވާހަކައެއް އަފްނާނު އެއްވެސް މީހަކާ ހިއްސާއެއް ނުކުރެއެވެ. އެންމެފަހުން އެ ކުޅިގަނޑު ހުއްޓުނީ މަންޝާ އެގެއިން ނިކުމެގެން ދިއުމުންނެވެ. ހަސަނުގެ މި އަމަލު މިއަދާ ހަމައަށް އަފްނާނު ވަނީ ސިއްރު ކޮށްފައެވެ.
*** *** *** *** *** ***
ރޭގަނޑު އަށެއް ޖަހައިފިއެވެ. މަންޝާ އިނީ އަޒީމް ފާޚާނާއިން ނިކުންނަން ދެނެވެ. އަޒީމް ހޭލައިގެން ފާޚާނާއަށް ވަދެ ފެންވަރާލީ އަދިވެސް އޭނާގެ ބޮލުގައި ރިހުމެއް ހުރުމުންނެވެ. ފާޙާނާއިން އަޒީމް ނިކުތްއިރު މަންޝާ ހުރީ ބަދިގޭގައި ސްޕެގެޓީ ކޮޅު ހޫނުކުރާށެވެ. އަޒީމަށް ކާން ހަދާށެވެ. ބަދިގޭގައި ހުރި ސާމާނުތައް ކަބަޑުތަކަށް ލާ ސިންކުމައްޗާ މޭޒުމަތި ރީތިކޮށްލިއެވެ. މަންޝާ ފުރަން ވާއިރަށް ގޭތެރެ އެކީހެން ހަންމަތަކޮށްލެވުނީ ކިރިޔާއެވެ. އަޒީމް ރީތިވެގެން ބޭރަށް ނިކުމެ ކާން އިށީނުމުން އަޒީމް ގާތުގައި މަންޝާ ވެސް އިށީނެވެ.
"ކޮބާ ހުންގަނޑު ކިހިނެއް؟.... ޑޮކްޓަރަށް ދައްކަން ވީނު..." އަޒީމްގެ ނިތްކުރީގައި އަތް ޖައްސާލަމުން މަންޝާ ސުވާލުކޮށްލިއެވެ. ފެންވަރާލުމުން އަޒީމްގެ ހުންވަނީ ވަރަށް ބޮޑުތަން މަޑުވެފައެވެ.
"މިހާރު އޯކޭ... ދެން ހުން އަންނަންޏާ ޑޮކްޓަރަށް ދައްކާނީ..." ކައި ނިމުމުން މަންޝާ ހިތްހަމަޖައްސަން އަޒީމް ޖަވާބެއް ދިނެވެ.
އަޒީމްގެ ބުރަކައްޓަށް ވެފައި ހުރިގޮތުގެ ވާހަކަ އަހަން މަންޝާ އުޅުނު ވަގުތު މަންޝާގެ އަނގަޔަށް ކުޅުގިނަވާ ހެން ހީވިއެވެ. ހިން ދިރުވާލަން މަސައްކަތް ކުރުމުންވެސް ލޮނުރަހައަކާއެކީ އަނގަޔަށް ކުޅު ގިނަވަމުން ދިޔައެވެ. އަޒީމް ކައިނިމިގެން ތެދުވެ ފެންފޮދެއް ބޯލުމަށްފަހު ޖީބުގައި ވާ ފޯނު ނަގާ ޑިސްޕްލޭއަށް ބަލާލިއެވެ.
މަންޝާ އަވަހަށް ތެދުވީ ފާޚާނާއާ ދިމާއަށް ދާށެވެ. ނަމަވެސް އޯކަށް ދެމިގަތް ގޮތުން ފާޚާނާއާ ހަމައަށް ނުދެވޭނެކަން އެނގުމުން މަންޝާ ދިޔައީ ސިންކު ކައިރިއަށެވެ. މަންޝާއަށް ހޮޑުލެވުނީއެވެ. އަޒީމް މިސްރާބު ޖެހީ ކޮޓަރިއާ ދިމާއަށެވެ. މަންޝާއަށް އެހީއެއްވާން އަޒީމް ގާތް ނުވުމުން މަންޝާ ހިތުގައި ޖެހުނެވެ. އައިސް އަލަމާރިން ފެންފޮދެއް ނަގާ ބޯލިއެވެ. ރަށަށް ދާން ދޯންޏަށް އަރަން ޖެހޭތީ މިހާރުއްސުރެއް މަންޝާ އެހުރީ ބޯ އަނބުރާ މޭ ނުބައި ކޮށްފައެވެ.
މަންޝާ ކޮޓަރިއަށް ވަދެ އަޒީމާ ވާހަކަ ދެއްކިއެވެ. "ޒީމް... ދޯންޏަށް އަރަންވާއިރަށް އަހަންނަށް ބޭސް ގަނެދީބަލަ.. މިހާރުއްސުރެއް ހޮޑުލެވޭތީ މިއުޅެނީ..." މަންޝާ ވާހަކަ ދައްކަދައްކާ ހުއްޓާ އަޒީމް ބެލްކަންޏަށް ނިކުމެ ފޯނު ކަންފަތުގައި ޖަހާލިއެވެ. މަންޝާ ދެއްކި ވާހަކަތައް އޭނާއަށް އަޑު ނީވޭ ކަހަލައެވެ.
ގަޑިން 9 ޖެހި އިރުވެސް މަންޝާ ބުނި ބޭސް ގަނެނުދީ އަޒީމް ހުރީ ފޯނު ކޯލެއްގައެވެ. މަންޝާ އޮތީ އެނދުގައި އޮށޯވެގެންނެވެ. އެހެން އޮއްވާ މަންޝާގެ ފޯނު ރިންގްވިއެވެ. "ހަލޯ... މަންޝާ... ކޮން އިރަކު ދޯނި ކައިރިއަށް ދަނީ؟.... ދައްތަމެން ނައްޓާލާތީ މިގުޅީ..." މުނީރާ ވާހަކަ ދައްކަމުން ދިޔައިރު އަމާންއާ އީމާން ސަކަރާތް ޖަހާ އަޑު ފަހަތުން އިވެއެވެ.
"މަން ވެސް ދާން މިއުޅެނީ.... މުނީރައްތާ.. ނެތްތަ ހޮޑުލާތީ ކާ ކަހަލަ ބޭހެއް.. މިއުޅެނީ މިހާރުއް ސުރެ ބޯ އަނބުރާތީ..." އެނދުމަތިން ތެދުވެ އަތް ދަބަހަށް ބޭނުންވާ ހުރިހާ ސާމާނެއް ލެވިފައި ހުރިތޯ ފަހުފަހަރަށް ބަލާލުމަށްފަހު އޭގެ ޒިބު މަންޝާ އަޅުވާލިއެވެ.
"އަވަހަށް އާދޭ މުނީރައްތަ އަތުގަ އެބަހުރި ބޭސް.... ނޯތުހަބަރު ޖެޓީ ކައިރިއަށް އާދޭ... އައިސްފަ ގުޅާލާ... ބޭއްވީއޭ.." މުނީރާ ފޯނު ކަނޑާލުމުން މަންޝާ އަވަސްވެގަތީ ފޯނުގެ ޗާޖަރާ ހެޑްސެޓް ނެގުމަށެވެ. އަތްދަބަހުގެ އަރިމަތީ ޖީބަށް އެތަކެތި ލުމަށްފަހު ފޯނުން ޓެކްސީއަކަށް ގުޅާލިއެވެ. "މ.ރެޑްލައިޓަށް ކާރެއް...." މަންޝާގެ ކަންފަތުން ފޯނު ވަކިކޮށްލުމަށްފަހު ފޯނުގައި ޓެކްސީ ސެންޓަރުން ދިން ނަންބަރު ޖަހާލިއެވެ. އޭރު އަޒީމް ބެލްކަނިން ކޮޓަރި ތެރެއަށް ވަނެވެ.
"ހިނގާ ދާން... ޓެކްސީ އެބައާދޭ...." އަތް ދަބަސް ކޮނޑުގައި އަޅުވާލަމުން މަންޝާ ބޭރަށް ނިކުތުމަށް ހިނގައިގަތެވެ.
*** *** *** *** *** ***
ޓެކްސީއަށް އަރަމުން ދާންވީ ނޯތު ހާބަރު ޖެޓީއަށް ކަމަށް ޑްރައިވަރު ގާތު ޟިރާރު ބުނެލީ އަތުކުރީގައި އަޅާފައިވާ ގަޑިއަށް ބަލަމުންނެވެ. ކާރު ދުއްވާލުމުން ފަހަތު ސީޓުގައި ޟިރާރުއާ އެކީ އިން އަލިބެ ވާހަކަ ދެއްކިއެވެ. "ކަމެއް ދިމާ ވެއްޖިއްޔާ ނުގުޅާ ނުހުންނާތި.... އަހަރެން މިދަނީ ކޮންމެހެން މި މީހެއް ކައިރިޔަށް ނުގޮސް ނުވެގެން.... ވަރަށް ގާތް ރައްޓެއްސެއްގެ ދަރިއަކަށް ކަމެއް ދިމާވެގެން މިއުޅެނީ... މިޒަމާނުގަ މީހުން ރަތްވިލާ އޮއްސޭ ދަޅައަށް ބޭރަށް ނިކުންނާތީ ވާގޮތް މީ... ކިތެންމެ ވަރަކަށް ބުންޏަސް ގަބޫލެއް ނުކުރާނެ... ކަމެއް ދިމާވީމަ މާ ދެރައެއްނު... ކުޑަކުދިން ގޮވައިގެން ނިކުންނާތީ އަދި މައްސަލައަކީ.... ކޮބާ މިއޮއް އާދެވުނީދޯ!!...."
ޓެކްސީއަށް ފައިސާ ދެއްކުމަށްފަހު ޟިރާރުމެން ޓެކްސީން ފޭބިއެވެ. ޑިކީގައިވާ ދަބަސް ނަގައިގެން ފުރަން ހަމަޖެހިފައިވާ ދޯންޏަށް އަލިބެ އެރުމުން ރިޔާޒަށް ގުޅާލީ ޟިރާރު ބަލާ އައުމަށް އެދެމުންނެވެ. ޟިރާރު މަޑުކޮށްގެން ހުރީ ރިޔާޒްގެ އިންތިޒާރުގައެވެ. އެވަގުތު ޟިރާރު ކުރިމައްޗަށް ކަހަލަ ގޮތަކަށް އައިސް މަޑުކޮށްލީ ޓެކްސީއަށް ޟިރާރު ބަލާލީ ދަންނަ މީހަކު ފެނުނުހެން ހީވުމުންނެވެ.
*** *** *** *** *** ***
ކާރުގައި އިން އިރުވެސް އަޒީމް ދިޔައީ ފޯނުން މެސެޖް ކުރަމުންނެވެ. އޭނާގެ ލޯބިވާ އަނބިމީހާ ފުރައިގެން ރަށަށް ދާން އުޅޭތީ އެކަމާ ދެރައެއް ވާހެން ވެސް ހީނުވެއެވެ. އިރުއިރުކޮޅުން އަޒީމްގެ ހަރަކާތްތަކަށް ބަލަން މަންޝާ އިނީ އަޖައިބުވެ އަންތަރީސް ވެފައެވެ.
މަންޝާ އެދުނު ހިސާބަށް ކާރު މަޑުކުރުމުން ކާރަށް މަންޝާ ފައިސާ ދެއްކީ އަޒީމަށް ވާނުވާ ނޭނގޭ ހާލުގައި އިނުމުންނެވެ. ކާރުން ފޭބުމަށްފަހު މަންޝާގެ ލަގެޖްތައް ނެގުމަށް ވެސް ކައިރިވީ މަންޝާއެވެ. އަޒީމް ކާރުން ފޭބުމަށްފަހު އެއްފަރާތެއްގައި މަޑުކޮށްލިއެވެ. އޭރުވެސް މެދުކެނޑުމެއްނެތި މެސެޖްކުރަމުން ދިޔައެވެ. ކާރު ދުއްވަން އިން ޑްރައިވަރަށް މަންޝާ އުޅޭ ހާލު ފެނި، މަންޝާއަށް އެހީވާން އޭނާ ޓެކްސީން ފޭބިއެވެ. އަޒީމާ ދިމާއަށް ޓެކްސީ ޑްރައިވަރު ބަލާލީ ނުރުހުމުގެ ލޮލަކުންނެވެ. ފޮށިތައް ދުވާރުމަތީ ބެހެއްޓުމަށްފަހު މަންޝާ ހިންދެމިލިއެވެ. އޭނާގެ ފޯނުން މުނީރާއަށް އަވަހަށް ގުޅާލީ ފުރާ ގަޑި ކައިރިވެފައި ހުރުމުންނެވެ.
ޟިރާރު ކުރިމައްޗަށް މަޑުކުރި ޓެކްސީއިން ފޭބީ އަޒީމާއި މަންޝާއެވެ. އެ ދެމަފިރިން ފެނުމުން އެމީހުން ގާތަށް ޟިރާރު ދިޔައީ ހާލު އަހުވާލު އޮޅުން ފިލުވާލާށެވެ. ސިހިފައި އަޒީމް ފަހަތް ބަލާލީ މީހަކު އޭނާގެ ކޮނޑުގައި ހިފުމުންނެވެ. ޟިރާރު ފެނުމުން އަޒީމް ހިނިތުންވެލަމުން މިތާ ކީއްކުރަނީތޯ އަހާލިއެވެ.
"ބޭބެ މިއައީ ރައްޓެއްސެއް ފުރާތީ... މިހާރު ރިޔާޒް އެބަ އާދޭ ބަލާ... އަޒީމްމެން އީދަށް ކޮންތާކަށް ދާން ތިއުޅެނީ... ކޮބާ ދެކުދިން ކިހިނެއްތަ؟... ރަނގަޅުތަ؟..." ޟިރާރު ވާހަކަ ދެއްކީ އަޒީމްގެ ބުރަކަށީގައި ފިރުމަމުންނެވެ.
"އާން ރަނގަޅު... މަންޝާ ފުރުވަން އައިސް މީނީ.... އަހަރެން ނުދަން..." މަންޝާއަށް އިޝާރާތްކުރަމުން އަޒީމް ވާހަކަ ދެއްކިއެވެ. ދުރުދުރުން އެމީހުން ތިބި ދިމާއަށް އަންނަމުން ދިޔަ މުނީރާމެންގެ އާއިލާ ފެނުމުން މަންޝާ އެމީހުންނާ ދިމާއަށް އަތް ހަނާ އަޅާލިއެވެ.
"އެހެންތަ؟.. މަންޝާ ކޮންރަށެއް؟... މަ ހީކުރީ މާލެ ކުއްޖެއް ކަމަށް..." ޟިރާރަށް އެހެން ބުނެވުނު އިރު އެމީހުން ކައިރިއަށް ސައިކަލުގައި ރިޔާޒް އައިސް މަޑުކޮށްލިއެވެ. މަންޝާ ފުރަން އުޅޭކަން އެނގުމުން މަންޝާއާ ރިޔާޒް ސަލާމް ކޮށްލިއެވެ. ސައިކަލަށް ޟިރާރު އަރާ ހަމަޖެހިލިތަނުން އަޒީމްގެ އަތުގައި އޮތް ފޯނުން ނަޒަރު ދުރުކޮށްލަމުން ޟިރާރު ކުރި ސުވާލަށް އަޒީމް ޖަވާބު ދިނެވެ. "މަންޝާ އެއީ ކާށިދޫ ކުއްޖެއް...."
އަޒީމްގެ ޖަވާބު އަޑު އިވުމުން ޟިރާރު ހުއްޓުން އެރިއެވެ. މަންޝާގެ މޫނަށް ފުން ނަޒަރަކުން ޟިރާރު ބަލާލިއެވެ. ޟިރާރު ބަލައި ރިޔާޒް އައީ އާމިނަ ގާތުގައި ހުރެފައި ކަމުން އެމީހުންނަށް އެތާ ގިނަވަގުތު މަޑުކުރެވޭކަށް ނެތެވެ. ހޮސްޕިޓަލުގައި އާމިނަ މިވަގުތު އޮންނާނީ އެކަންޏެވެ. އެހެންކަމުން ރިޔާޒް ސައިކަލު އަނބުރާލީ ހޮސްޕިޓަލާ ދިމާއަށް ދާށެވެ. މަންޝާއާ ދިމާއަށް ބަލަންއިން ޟިރާރަށް މާޒީގެ ދުވަސްތަކުން ދުވަހެއް ސިފަވިއެވެ.
"މަންޝާ...." މީހަކު ގޮވާލި އަޑު އިވުމުން މަންޝާ ބަލާލިއެވެ. މުނީރާމެންކަން އެނގުމުން މަންޝާ އެމީހުންނާ ކުރިމަތިލީ ހެވި ދިލިފައި ހުރެއެވެ. އަމާނާ އީމާން އައިސް މަންޝާގެ ދެފަރާތުގައި ހުއްޓެމުން މަންޝާއާ އެމީހުންގެ އިސްކޮޅު ޖައްސާލިއެވެ.
"އޯ މޭން... ޝީޒް ސްޓިލް ޓޯލާ ދެން އަސް...." އެކުދިންގެ ބޮލުގައި ފިރުމާލުމަށްފަހު ހިނިތުންވަމުން މުނީރާގެ މޫނަށް މަންޝާ ބަލާލިއެވެ. ނަމަވެސް ހަސަނާ މުނީރާގެ މޫނުމަތިން ފެންނަމުން ދިޔައީ ނުތަނަވަސްކަމެވެ.
މުނީރާގެ ފަހަތުގައި ފޯނާ ކުޅެންހުރި އަފްނާނު ފެނުމުން މަންޝާ އޭނައާ ގާތްވެލަމުން ވާހަކަ ދެއްކިއެވެ. "ހެއި އަފޫ... މިހާރު ބޮޑުކަންދޯ... ބުރުގާ އެޅީ ކޮންއިރަކު؟... އަޅޭ.. ވަރަށް ލޯބި މިހާރު... ހުސް ކަޅު ހެދުންތަ ލަނީ...."
އަޒީމްގެ ހަރަކާތް ހުރިގޮތުން މަންޝާ ހުރީ ދެރަވެފައެވެ. ނަމަވެސް އެކަން ހާމަކުރަން ބޭނުންނުވާތި މަންޝާ ވާހަކަދެއްކީ ހިނިތުންވަމުންނެވެ. ހިތުގެ އުދާސްތައް މޫނުމަތިން ފާޅުވެދާނެތީ ޖެހިލުންވެ ހުރެއެވެ. ހިނިތުންވުމެއް ރައްދުކޮށްލަމުން އަފްނާނު ވާހަކަ ދެއްކިއެވެ. "ދޮނާ ހީވަނީ ބިސްބުރިއެއް ހެން... އޭޒް އޯލްވޭޒް ޔޫ އާ ކިއުޓް..." މަންޝާއާ އަފްނާނާ ވާހަކަ ދައްކަމުން މުނީރާމެންނާ ދުރަށް ޖެހިލިއެވެ.
"ދެންމެ މިތާ މަންޝާމެންނާ ވާހަކަދައްކަން ހުރީ ޟިރާރު ދޯ!.... އަނެއްކާ މަންޝާ އެއީ ކާކުކަން އޭނާއަށް އެނގޭނެތަ؟..." މުނީރާގެ ކަންފަތް ދަށަށް ކައިރިވަމުން ހަސަނު ވާހަކަ ދެއްކީ އެހެންމީހަކަށް އަޑު ނީވޭނެހާ މަޑުންނެވެ.
އަފްނާނާ ވާހަކަ ދައްކަން ހުރި މަންޝާ، މޭނުބައި ކުރަން ފެށުމުން ޖިންސު ޖީބުގައި އޮތް ސުޕާރި ޕެކެޓް ނަގާ އަނގަޔަށް ހުސްކޮށްލިއެވެ. އޭނާގެ ނިތްކުރިމަތިން އޮށްދާ ހިއްލަމުން ދިޔައެވެ. މަންޝާ ހޮޑު ނުލާން މަސައްކަތް ކުރަމުން ދިޔައިރު އަޒީމް ހުރީ ދުރުގައި ފޯނުން ވާހަކަ ދައްކާށެވެ. އަޒީމް އެހުރީ އެ އަންހެން މީހާއަށް ގުޅައިގެންކަން މަންޝާއަށް އެނގުމުން ލޮލަށް ކަރުނަ ޖަމާވިއެވެ.
ކާނުގަނޑު ކައިރީ ހައްދާފައިވާ ގަސް ބުޑަށް މަންޝާ ގުދުވީ އޭނާއަށް ދެން ކެތް ނުކުރެވޭނެކަން އެނގުމުންނެވެ. މަންޝާ ހޮޑުލާން ފެށުމުން އަފްނާން އޭނާގެ ބުރަކަށީގައި ފިރުމާލިއެވެ. އަދި މުނީރާއަށް އަތްހަނާއަޅަމުން އެތަނަށް އައުމަށް ގޮވާލިއެވެ. ބޯޓަށް ފޮށިތައް އަރުވަން ހަސަނު އަވަސްވެގަތެވެ. އަޒީމް ފޯނުގައި ހުރުމުން މަންޝާގެ ފޮށިތައްވެސް ބޯޓަށް އެރުވީ ހަސަނެވެ.
ފެންފޮދަކުން ކޯ ދޮވެލުމަށްފަހު މުނީރާ ދިއްކޮށްލި ބޭސްގުޅަ އަނގަޔަށް ލިއެވެ. ފެންފޮދެއްގެ އެހީގައި މަންޝާ އެ ގުޅަ ދިރުވާލިއެވެ. "ކަނޑުމައްޗަށް އަރާ ވާހަކަ ބުނީއްސުރެއް މި އުޅެނީ ބޯ އަނބުރާ ހޮޑުލަވާތީ...." އުނަގަނޑުގައި އަތް ވިއްދާލަމުން މަންޝާ ވާހަކަ ދެއްކީ ވަރުބަލި ގޮތަކަށެވެ. މަންޝާގެ ބުރަކަށީގައި މުނީރާ ފިރުމާލިއެވެ. އެވަގުތު މަންޝާ ބަލާލީ އަޒީމާ ދިމާއަށެވެ. އަޒީމް އަދިވެސް ހުރީ ފޯނުގައެވެ. ފޯނުގަ ހުރެގެން ހިނގަމުން ހިނގަމުން އޭނާ ގޮސްހުރީ މަންޝާމެން ތިބި ހިސާބާ ތަންކޮޅެއް ދުރުގައެވެ.
ބޯޓަށް ފޮށިތައް އެރުވުމަށްފަހު ހަސަނު އައިސް މުނީރާމެން ކައިރިއަށް ހުއްޓެމުން ދޯންޏަށް އަރަން ހިނގާށޭ ބުނެލިއެވެ. މުނީރާ ހުރީ އަދިވެސް އަޒީމާ ދިމާއަށް ބަލާށެވެ. "އެސޮރު ހާދަ ފަރުވާ ކުޑައޭ... ގައިމު ހަސަނުދޯ ފޮށިތައްވެސް އެރުވީ.. އެންމެ ކުޑަމިނުން މަންޝާ ހޮޑުލި އިރުވެސް މިހިސާބަށް އަންނާކަށް ނޭނގުނުވިއްޔާ... އަނެއްކާ ދެކުދިން މައްސަލައެއް ޖެހުނީތަ؟..." މުނީރާ ވާހަކަ ދައްކަމުން މަންޝާ ގާތު އަހާލިއެވެ.
އަޒީމްގެ ހަރަކާތް ހުރިގޮތުން މުނީރާއަށް ކަމެއް ރޭކާލައިފިކަން މަންޝާއަށް ކަށަވަރުވިއެވެ. އެމީހުންނަށް ހީވާހީވުން އޮޅުވާލަން މަންޝާ ބޭނުންވިއެވެ. "އޭނަ ވަރަށް ބުރަކޮށް އެ އުޅެނީ... އޮފީހުން ފޯނެއް އައިސްގެން އެހުރީ... އަހަރެން ފުރަންޖެހޭތީ މިތަނަށް އެއައީވެސް އޮފީސް މީޓިންގްް ކެންސަލްކޮށްފަ..." އަޒީމާ ދިމާއަށް ބަލަންހުރެ މަންޝާ ވާހަކަދެއްކީ ވަރަށް ހަމަޖެހިގެން ހުރެއެވެ. އަޒީމް ދިފާއުކުރަން ބޮޑު ދޮގެއްވެސް ހަދާފައެވެ.
"އާން ހިނގާ ދޯންޏަށް އަރަން... މިހާރު ނާރައިފިއްޔާ ރަނގަޅު ދިމާލަކުން ތަނެއް ނުލިބޭނެ..." ހަސަންބެ އެހެން ބުނަމުން ކުރިއަށް ހިނގައިގަތީ އަމާނާ އީމާންމެން އަތުގައި ހިފައިގެންނެވެ. "ބައްޕާ މަތީ ބަޔަށް ދޯ އަރާނީ...."
"ހަސަނާ... އަހަރެން އޮންނާނީ އަމާނާ އިމާން ކައިރީ.. އެ ސޮރުމެން ވަރަށް ހޮޑުލާނެ... މަންޝާވެސް ހޮޑުލާނެ.. ހަސަނު އެމަންޖެއަށް ބަލައްޗޭ..." މުނީރާ ވާހަކަ ދެއްކީ ހައުސްކޯޓު ގަނޑު އަތުން އަރުވާ ޖަހަމުންނެވެ. ދޯންޏަށް އަރަން ފިޔަވަޅު ނަގަމުން އަފްނާނު ކޮބާތޯ އަހާލިއެވެ. މުނީރާގެ ފަހަތުން އަފްނާން ދޯންޏަށް އެރިއެވެ. އޭރު ފަސްއެނބުރި އަޒީމާ ދިމާއަށް މަންޝާ ބަލާލިއެވެ. ނަމަވެސް އެހިސާބުން އަޒީމް ފެންނާކަށް ނެތެވެ.
އެ ދޯންޏަކީ ޑެގް އަޅާފައިވާ ދޯންޏެކެވެ. މަންޝާމެންނަށް މަތީ ބައިން ޖާގަ ލިބުނެވެ. މައްޗަށް އަރާ އަޒީމް ފެނޭތޯ މަންޝާ ބަލާލިއެވެ. އޭރު މީހެއްގެ ސައިކަލު ފަހަތަށް އަރައިގެން އަޒީމް ދާތަން ފެނުނެވެ. ފުރުމުގެ ކުރިން ސަލާމް ކޮށްލަންވެސް ހިތަށް ނޭރިތާ އަތްހަނާ އަޅާލަންވެސް އަޒީމަށް މަޑު ނުކުރެވުނީ ހެއްޔެވެ. އަޒީމްގެ ފަރުވާކުޑަ ކަން ފެނި އިންތިހާއަށް މަންޝާ ދެރަވިއެވެ. ދެލޯ ފިއްތާ ބާރުކޮށްލަމުން ލޮލަށް ޖަމާވެފައިވާ ކަރުނަތައް ފޮހެލިއެވެ. މޫނުގައި ދެއަތް ހާކާލުމަށްފަހު މަންޝާ ހަމަޖެހިލަމުން ފުން ނޭވާއެއް ދޫކޮށްލިއެވެ. އަދި މުނީރާމެން ތިބި ދިމާއަށް ގޮސް އިށީނެވެ.
*** *** *** *** *** ***
ރިޔާޒާ އެކީ ސައިކަލުގައި އަޒީމް މިސްރާބު ޖެހީ ހުޅުމާލެ ފެރީ ޓާމިނަލަށެވެ. ރިޔާޒް އެތަނަށް އައީ އަޒީމް އޭނައަށް ގުޅާފަ ބަލާ އައުމަށް އެދުމުންނެވެ. ސައިކަލުން ފޭބުމަށްފަހު ރިޔާޒަށް ޝުކުރު އަދާ ކުރިއެވެ. ރިޔާޒް ސައިކަލުގައި ދިޔުމުން އަޒީމް ވަށައިގެންވާ މާހައުލަށް ނަޒަރު ހިންގާލިއެވެ. ޓާމިނަލް ބޭރުގައި އަޒީމްގެ އިންތިޒާރުގައި ޒޭބާ ހުރިތަން ފެނުނެވެ. ހަލުވި ހިނގުމެއްގައި ގޮސް ޒޭބާ ގާތަށް އަޒީމް ހުއްޓުނެވެ.
ޒޭބާ ލައިގެން ހުރީ ޖިންސަކާއި ޓޮޕެކެވެ. ވަރަށް އާދައިގެ ގޮތަކަށް ރީތިވެގެން ހުރި ނަމަވެސް އަޒީމަށް އޭނާ ފެންނަނީ ޕަރީއެއް ހެންނެވެ. އޭނާގެ ބުޅި އިސްތަށިގަނޑު ވަނީ ނިއުޅުވާލާފައެވެ. އަޒީމާ ޒޭބާ އެރީ އެހިސާބަށް އައިސް ހުސްވި ޓެކްސީއަކަށެވެ.
އެ ޓެކްސީ މަޑުކުރީ އަޒީމް ދިރިއުޅޭ ގެ ހުންނަ ގޯޅިއަށެވެ. ގޭގެ އޮޅިގަނޑު ގިރާކޮށްފައި އަޒީމް އެތެރެއަށް ވަނެވެ. ނަމަވެސް ޒޭބާ ދޮރުމަތީ މަޑުކޮށްގެން ހުރީ އަޒީމްގެ ދައުވަތަށެވެ. ސިޑިއާ ހަމައަށް ގޮސް އަޒީމް ފަސްއެނބުރި ޒޭބާއާ ދިމާއަށް ބަލާލިއެވެ.
"ޒޭބާ... ކިހިނެއްވެފަ ތިހުރީ... މީ އަހަރެން އުޅޭ ގެ.. އާދޭ އެތެރެއަށް... ވައިފް ރަށަށް ގޮއްސި...."
އެގޭ ތެރެއަށް ޒޭބާ ވަނީ ވަށައިގެންވާ މާހައުލަށް ބަލަމުންނެވެ. ޒޭބާގެ ހަރަކާތް ހުރިގޮތުން އަލަށް ތަނަކަށް އާދެވުނީމަ އުޅޭގޮތް ފާހަގަވެ އަޒީމް ގާތަށް ހިނިއައެވެ.
"އާދޭ މައްޗަށް.... އަހަރެމެން އުޅެނީ މަތީގަ..." ޒޭބާއަށް މައްޗަށް އަންނަން އިޝާރާތްކުރުމަށް ފަހު ޖީބުން ނެގި ތަޅުދަނޑި ފަތިން އެޕާޓްމަންޓުގެ ތަޅު ހުޅުވާލިއެވެ. ގޭތެރެއަށް ވަދެ ޒޭބާ ވަށައިގެން ބަލާލިއެވެ.
(ނުނިމޭ)