ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެއް ކަމަށްވާ ރެސްޕިރޭޓަރީ ސިންސިޓިއަލް ވައިރަސް (އާރްއެސްވީ) ހަލުވިކަމާއެކު ފެތުރެމުންދާތީ ހާއްސަ ސަމާލުކަމެއް ދިނުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެދެފިއެވެ.

އެ އެޖެންސީ އިން ބުނީ މި ބަލި ހަލުވިކަމާއެކު ފެތުރެމުންދަނީ ކުޑަކުދިންގެ މެދުގައި ކަމަށެވެ. އަދި އެކަން ވަރަށް ގާތުން ބަލަމުންދާކަން ފާހަގަކޮށް އެ އެޖެންސީން ވަނީ، ބަލި ފެތުރުނަ ނުދިނުމަށްޓަކައި އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އާންމުންނަށް އިލްތިމާސް ކޮށްފައެވެ.

އެގޮތުން ގިނަގިނައިން އަތް ދޮވުމާއި މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ. އަދި ހަަމައެހެންމެ ރޯގާ، ކެއްސުން، ނޭވާލާން އުނދަގޫވުން، ބުރަކަށީގައި ރިއްސުން ފަދަ އަލާމާތްތައް ފެންނަ ފަރާތްތަކުން ވަގުތުން ފަރުވާ ހޯދުމަށް އެޗްޕީއޭއިން ވަނީ އިލްތޮމާސް ކޮށްފައެވެ.

ރެސްޕިރޭޓަރީ ސިންސިޓިއަލް ވައިރަސް (އާރްއެސްވީ) އާންމުކޮށް ޖެހެނީ ބެކްޓީރިޔާ ނުވަތަ ވައިރަސްތަކުގެ ސަބަބުންނެވެ. އަދި މިއީ ގައިންގަޔަށް އަރާ ބައްޔެއް ކަމުން ކެއްސާ ކިނބިހި އަޅާއިރު ވައިރަސް ނުފެތުރޭނެ ފަދަ ގޮތަކަށް އަމަލު ކުރުމަކީ މުހިންމު ކަމެކެވެ. މި ބަލީގެ އަލާމާތްތަކަކީ އާދައިގެ ރޯގާގެ އަލާމާތްތަކާ އެއްގޮތް އަލާމާތްތަކެކެވެ.

ބަލީގެ އަލާމާތްތައް:

  • ކިނބިހި އެޅުން
  • ނޭފަތުން ފެން އައުން
  • ހުން އައުން
  • ކެއްސުން އަދި ބަނޑުހައިހޫނުކަން ދަށްވުން
  • ތުއްތު ކުދިން ރުޅިގަދަވެ، ވަރުބަލިވެ ނޭވާލާން އުނދަގޫވުން ފަދަ ކަންކަން ހިމެނެއެވެ.

މި ބަލީގެ އަސަރު ބޮޑަށް ކުރަނީ ގައިގެބާރު ދައްވެފައިވާ އުމުރުން ދުވަސްވީ މީހުންގެ އިތުރުން ތުއްތު ކުދިންނަށެވެ. ގިނަ މީހުންގެ ކިބައިން ބަލީގެ އަލާމާތްތައް ފެންނަނީ ހަތަރު ދުވަހާއި ހަ ދުވަހާ ދެމެދުގެ މުއްދަތަކަށެވެ. މި ބަލި އެއްކޮށް ފަސޭހަވުމަށް ދެ ހަފްތާއެއްހާ ދުވަސް ނަގައެވެ.

މި ބައްޔަށް ފަރުވާ ކުރަނީ އާދައިގެ ހުމަށް ފަރުވާ ކުރާ އުސޫލުންނެވެ. އެހެން ކަމުން ބަލީގެ އަލާމަތްތައް ފެނިއްޖެ ނަމަ ލަސްނުކޮށް ޑޮކްޓަރަށް ދައްކާ، ޑޮކްޓަރުގެ ލަފަޔާއެކު ބޭސް ބޭނުން ކުރުން މުހިންމެވެ. އަދި ގިނައިން ދިޔާ ތަކެތި ބޭނުންކޮށް ބަލި ފެތުރުނަ ނުދިނުމަށް ގޭގައި މަޑުކޮށް، ބަލިން ރައްކާތެރިވުމަށް އެހެން މީހުންނާ ކޮންޓެކްޓްވުން މަދުކުރުމަކީ މުހިންމު ކަމެކެވެ.