ހައިވޭގައި ޖަހާފައިވާ ސޯލާ ޕެނަލްތައް އެތަނުން ނަގާ އެހެންތާކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރުމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރާއި ޕްރޮޖެކްޓަށް ފަންޑުކުރި ވޯލްޑް ބޭންކާއެކު މިހާރު މަޝްވަރާ ކުރަމުން ދާކަމަށް ތިމާވެއްޓާ މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ތޯރިގު ވިދާޅުވީ މި މަސައްކަތަށް ދާނެ ހަރަދާ ބެހޭގޮތުން ވޯލްޑް ބޭންކާއި ކޮންޓްރެކަޓަރާއެކު މަޝްވަރާ ކުރަމުން ދާއިރު މިއީ ސަރުކާރުގެ މަޝްރޫއެއް ނޫން ކަމަށާއި އެހެންކަމުން ހުރިހާ ޕެނަލްތައް އެއްފަހަރާ ބަދަލުކުރުމަކީ އުނދަގޫ ކަމެއް ކަމަށެވެ.

ތޯރިގު އިތުރަށް ވިދާޅުވީ ސޯލާ ޕެނަލްތައް ހަރުކުރުމުގެ މަސައްކަތް ކޮށްފައި ވަނީ ވޯލްޑް ބޭންކްގެ ފަންޑުގައި އަމިއްލަ ކުންފުންޏަކުން ކަމަށާއި ހައިވޭއިން ނަގާ އެހެން ތަނަކަށް ބަދަލުކުރުމުގައި ލަސްވަމުން ދަނީވެސް އެ ސަބަބަށްޓަކާ ކަމަށެވެ.

ސަރުކާރުގެ އެސެޓަކަށް ނުވާތީ އެއްފަހަރާ އެކަން ކުރަން އުނދަގޫ. ކޮންޓްރެކްޓަރާ ވޯލްޑް ބޭންކާއެކު ވާހަކަދައްކަމުން މިދަނީ، އެހެން ތަނަކަށް ބަދަލުކުރަން ހޭދަވާނެ ފައިސާގެ މިންވަރާއި އެކަން ކުރެވޭނެ ގޮތަކާމެދު
ތޯރިގު އިބްރާހިމް

ހައިވޭގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތައް އެހެން ތަނަކަށް ބަދަލުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އޮތީ ނިންމަވާފައެވެ. އެމަނިކުފާނު އެކަން އެގޮތަށް ކުރަން ނިންމެވީ، ބްރިޖް ހައިވޭގައި ޖަހާފައިވާ ސޯލާ ޕެނަލްތައް މިހާރު ހުރިގޮތުން ހައިވޭ ބޭނުންކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމާމެދު ސުވާލު އުފައްދަމުން ދާތީއާއި ބްރިޖު ސަރަހައްދުން ފެންނަ ރީތި މަންޒަރު ގެއްލޭތީއެވެ. ރައީސް ވަނީ ސޯލާ ޕެނަލްތައް އެ ތަނުން ނެގުމަށް ފަހު މީހުން ދިރިއުޅޭ އެހެން ރަށަކަށް ބަދަލުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

މި މަޝްރޫ ކުރިއަށް ގެންދިޔައީ ތައިލެންޑުގެ "އެންސިސް ކޯ" ކުންފުނިންނެވެ. އަދި މިދިޔަ އަހަރު ފަހުކޮޅު ވަނީ އެ މަޝްރޫގެ މަސައްކަތް ނިންމާ އެ ނިޒާމު ބޭނުން ކުރަން ފަށާފައެވެ.