އދ ގައި އެމަނިކުފާނު އިސްކަން ދެއްވާނީ ދިވެހީންގެ އިހްސާސްތަކުގެ އަޑުއިއްވައި، ރާއްޖޭގެ ތަސައްވުރު ހާމަކުރުމަށް ކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރާއްޖެ އދ ގެ މެންބަރަކަށްވިތާ 59 އަހަރު ފުރުމުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި ރައީސް ވިދާޅުވީ، ޖުލައި 26، 1965 ގައި ރާއްޖެ މިނިވަންވުމުން ބައިނަލްއަގުވާމީ ޖަމިއްޔާ ޖަމާއަތްތަކާއި ގައުމުތަކާ އެކީ ގުޅުންތައް އުފައްދައި ކުރިއަށް ދިއުމަށް ފުރުސަތު ފަހިވެގެން ދިޔަ ކަމަށާއި، އެއާއެކު ރާއްޖެ އަވަސްވެގަތީ އދ ގެ މެންބަރުކަން ހޯދުމަށް ކަމަށެވެ.

ރައީސް ވިދާޅުވީ، ގައުމެއްގެ މިނިވަންކަން ފުރިހަމައަށް ދިފާއުކުރެވިގެން ދާނީ އެ ގައުމެއްގެ ރައްޔިތުން އެކަން ބަލައިގަނެ، މުއާހަދާއެއްގައި އެކަނި ސޮއިކުރުމަކުން ނޫން ކަމަށެވެ.

"ގައުމެއްގެ މިނިވަންކަން ބައިނަލްއަގުވާމީ މަސްރަހުގައި ދިފާއުކޮށް ކުރިއެރުވޭނީ އެ މިނިވަންކަން ލިބިއްޖެކަން އެހެން ގައުމުތަކަށް އަންގައިދީގެން، ކަނޑައެޅިގެންވާ ވަކި ސަރަހައްދެއްގެ މައްޗަށް އެ ގައުމެއްގެ ސިޔާދަތީ ބާރު އޮތް ކަމާއި އެ ބާރު ފުރިހަމައަށް ހިނގާކަމުގެ މައުލޫމާތު އެހެން ގައުމުތަކަށް ފޯރުކޮށްދީގެން، އެ ސިޔާދަތީ ބާރަށް އެހެން ގައުމުތަކުގެ އިހްތިރާމު ހޯދައިގެން،" އެމަނިކުފާނު ވިދާޅުވިއެވެ.

އދ ގެ މެންބަރު ގައުމެއްގެ ގޮތުގައި އޮތުން ރާއްޖެ އަށް މުހިންމުވަނީ ރައީސް ވިދާޅުވި ގޮތުގައި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދިފާއުކުރުމުގެ އެންމެހާ މަސައްކަތް ކުރަނީ އދ ގައި ކަމަށް ވާތީއެވެ. އެމަނިކުފާނު ވިދާޅުވީ، އދ ގައި ރާއްޖެ ތަމްސީލުކުރެވިގެން ދިއުމުން ނިކަމެތިކަމުން އަރައިގަނެ ފުދުންތެރި ގައުމަކަށް ރާއްޖެ ވުމަށްޓަކައި ބިންގާ އެޅިގެން ހިނގައްޖެ ކަމަށެވެ.

މީގެ އިތުރުން އދ ގައި ރާއްޖެއިން ވޭތުވެދިޔަ އަހަރުތަކުގައި ހޯދި ކާމިޔާބީތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެ ކާމިޔާބީތަކުގެ ތެރޭގައި ހިމެނެނީ:

  • އދ ގެ އާންމު މަޖިލީހުގެ ރައީސްކަން 2021 އިން 2022 އަށް ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަދާކުރެއްވުން
  • އެ ޖަމިއްޔާގެ ހިއުމަން ރައިޓްސް ކައުންސިލްގެ މެންބަރުކަމުގެ ތިންވަނަ ދައުރު ފުރިހަމަކުރަމުން ދިއުން
  • ކުދި ޖަޒީރާ ގައުމުތަކުގެ ކުރިއަށް އޮތް 10 އަހަރުގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތުގެ ރިޔާސަތު ބެލެހެއްޓި ދެ ގައުމުގެ ތެރެއިން ގައުމަކަށް ރާއްޖެ ވުން

މިހާރު ރާއްޖެއިން ދަނީ އދ ގެ ވިޔަފާރި އާއި އިޖުތިމާއީ ކައުންސިލްގެ ގޮނޑިއަކަށް ވާދަކުރަމުން ކަމަށާއި، ރާއްޖޭގެ މިސްރާބު ހުރީ އދ ގައި ކުރިއަށް ދިއުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. ހަމަ އެހެންމެ އދ ގައި މައްސަލަތަކަށް ބަހުސްކުރެވި ބަސްބުނެވެން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ގައުމުގެ ތަރައްގީއަށް ބޭނުންވާ މަގުތައް ކޮށޭނީ އަޅުގަނޑުމެންގެ ގައުމަކީ މުޅި ދުނިޔޭގައި ވެސް އިހްތިރާމް ލިބިފައިވާ ގައުމަކަށް ވެގެން، އެކަން ކުރެވޭނީ މިފަދަ މައިދާންތަކުގައި އަޅުގަނޑުމެންގެ އަޑު އުފުލައިގެން، އިހްތިރާމްކުރާ އިހްތިރާމް ލިބޭ ބަޔަކަށް ވެގެން،" ރައީސް ވިދާޅުވިއެވެ.

އެހެންކަމުން، މި ދަތުރުފުޅުގައި އެމަނިކުފާނު އިސްކަން ދެއްވާނީ ރާއްޖޭގެ ތަސައްވުރު ހާމަކޮށް ދިވެހީންގެ އިހްސާސްތަކުގެ އަޑު އިއްވައި، ދިވެހީންގެ މަސްލަހަތާއި މިނިވަންކަން އިސްކުރެއްވުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އދ ގެ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާގެ ނިއުޔޯކަށް ކުރައްވާ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހުގައެވެ.

ރާއްޖެ އދ ގެ މެންބަރަކަށް ވީ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހު، 1965 ވަނަ އަހަރު މިނިވަންވިތާ 57 ދުވަސް ފަހުންނެވެ.