އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ހިދުމަތް މިއަދު ފަށައިފިއެވެ.

ބަންކަރިންގެ ހިދުމަތް އިފްތިތާހުކޮށްދެއްވީ އެކަމަށްޓަކައި ހއ. ހޯރަފުށީގައި މިހާރު ކުރިއަށްދާ ރަސްމިއްޔާތުގައި، އެ އަތޮޅު ރައްޔިތުންގެ މަޖިލީހުގައި ތަމްސީލުކުރައްވާ ފަސް މެންބަރުންނެވެ.

މިއަދު ފެށި ބަންކަރިންގެ ހިދުމަތުގެ ދަށުން އާގުބޯޓުފަހަރަށް ތެޔޮ ފޯރުކޮށްދިނުމުގެ ހިދުމަތް ދޭނީ އެސްޓީއޯއިންނެވެ، އަދި ޕައިލަޓޭޖާއި މެރިޓައިމްގެ ހިދުމަތްތައް ދޭނީ އެމްޕީއެލުންނެވެ.

އެސްޓީއޯއިން ބަންކަރިންގެ ހިދުމަތް މިއަދު ފެށީ 3،258 ޓަނުގެ އެމްޓީ މެރިން އޭންޖަލް އާއި 3،929 ޓަނުގެ އެމްޓީ މެރިން ބެލާ، މި ދެ ބޯޓު ބޭނުންކޮށްގެންނެވެ. އެސްޓީއޯ އާއި ވިޓޯލް ގުޅިގެން ބަނދެފައިިވާ މި ދެ ބޯޓަކީ ބަންކަރިންގެ ހިދުމަތް ފޯރުކޮށްދިނުމަށް ބަނދެފައިވާ، ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ދެ ބޯޓެވެ.

މި ދެ ބޯޓު އުތުރަށް ގެންދިޔައީ މި މަހުގެ ކުރީކޮޅުގައެވެ.

ބަންކަރިންގެ ހިދުމަތް ފެށުމަށްޓަކައި ހަކަތައިގެ ވިޔަފާރިކުރާ އެންމެ ބޮޑު އެއް ކުންފުނި 'ވިޓޯލް' އާ އެކު އެސްޓީއޯއިން ސޮއިކުރީ މިދިޔަ މާޗް މަހުގެ 13 ވަނަ ދުވަހުގައެވެ.

އެސްޓީއޯއިން ބަންކަރިންގެ ހިދުމަތް ފަށާ ޗެނަލުން މިހާރު ވެސް މަހަކު 300 އަށް ވުރެ ގިނަ އުޅަނދު ރާއްޖެ ހުރަސްކޮށް ދަތުރުކުރެއެވެ. އެ އުޅަނދުފަހަރަށް ބޭނުންވާ ބަންކަރިންގެ ހިދުމަތްތައް މިހާތަނަށް ދެމުން ގެންދިޔައީ އަވަށްޓެރި ސްރީލަންކާ އާއި އިންޑިއާއިންނެވެ.

އިހަވަންދިއްޕޮޅުން ދަތުރުކުރާ އާގުބޯޓުފަހަރަށް ތެޔޮ ފޯރުކޮށްދިނުމުގެ އިތުރަށް ބަންކަރިން ހިދުމަތުގެ ތެރެއިން ދޭނެ އިތުރު ބައެއް ހިދުމަތްތަކަކީ:

  • ފަޅުވެރިން ބަދަލުކުރުމުގެ ހިދުމަތް
  • ޕްރޮވިޝަން އާއި ޝިޕް ސްޓޯރޭޖް
  • ސްޕެއާ ޕާޓުތަކާއި މަރާމާތުގެ ހިދުމަތް
  • ސާފު ބޯފެން ފޯރުކޮށްދިނުމުގެ ހިދުމަތް