ތިލަފުށިން ޔޫޓީއެފް އަށް ގިރާވަރު މެދުވެރިކޮށް ބްރިޖެއް އެޅުމުގެ މަޝްރޫއުގެ ފީސިބިލިޓީ ދިރާސާ ހެދުމާއި ގުޅޭގޮތުން މިނިސްޓަރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ ޑރ. އަބްދުﷲ މުއްތަލިބް، އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ) ގެ އިސްވެރިންނާ މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، މި މަޝްރޫއަކީ ކުރިމަގުގައި މި ސަރަހައްދުގެ ގުޅުން ބަދަހިކޮށް، އިގްތިސާދީ ކުރިއެރުމަށް މަގުފަހިކޮށްދޭނެ މުހިންމު މަޝްރޫއެއް ކަމަށެވެ. މީގެ އިތުރުން ރާއްޖޭގައި މީހުން ދިރިއުޅޭ ގާތްގަނޑަކަށް 187 ރަށް އޮތްއިރު މިރަށްރަށުގައި އުމްރާނީ ތަރައްގީ ކުރިއެރުވުމަށްޓަކައި ގިނަގުނަ މަޝްރޫއުތަކެއް މިހާރުވެސް ހިންގަމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެެވެ.

އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކުން މިހާރުވެސް ރާއްޖޭގައި 4 މަޝްރޫއެއް ހިންގުމަށް ފަންޑިން ދޫކޮށްފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެތެރޭގައި ކޮވިޑް މެނޭޖްމަންޓް ހެލްތް ޕްރިޕެއާޑްނެސް ޕްރޮޖެކްޓް ގެ އިތުރުން ގްރޭޓާ މާލެ އޭރިއާގައި ކުނިން ހަކަތަ އުފެއްދުމުގެ މަޝްރޫއު އަދި ސޯލާ ޕަވާ ޑިވެލޮޕްމަންޓް ފަދަ މަޝްރޫއުތައް ހިމެނޭކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމަކީ ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ އިންފްރާސްޓްރަކްޗާ މަޝްރޫއުތަކަށް ބައިނަލްއަގްވާމީ އެހީ ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ބޭއްވުނު މުހިންމު ބައްދަލުވުމެއްކަން ވަނީ ފާހަގަކޮށްފައެވެ.