އިމިގްރޭޝަންގެ އޮފިޝަލުންކަަމަށް ބުނެ ބަންގްލަދޭޝްގެ މީހެއްގެ އަތުން ފޭރުނު މައްސަލައަކާ ގުޅިގެން ހައްޔަރު ކުރި މީހާގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.

ބިދޭސީން ދިރިއުޅޭ ތަނަކަށް އިމިގްރޭޝަންގެ އޮފިސަރުންގެ ނަމުގައި 3 މީހަކު ވަދެ، ބަންގަލަދޭޝް މީހެއްގެ އަތުން މޯބައިލް ފޯނަކާއި 9000 ރުފިޔާ ފޭރިގަނެފައި ވަނީ މި މަހުގެ 16 ވަނަ ދުވަހުއެވެ.

އެ މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ގ. ބެރުގެ، މުހައްމަދަު ނަވީން (44އ) އެވެ. ފުލުހުން މިއަދު ބުނީ އޭނާ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން 10 ދުވަހުގެ މުއްދަތެއް ޖަހާފައިވާ ކަމަށެވެ.

މި މައްސަލައިގައި 3 މީހުން ހިމެނުނު ނަމަވެސް ފުލުހުން މިހާތަނަށް އިތުރު މީހަކު ހައްޔަރުކޮށްފައި ނުވެއެވެ.

މަކަރާއި ހީލަތުން ފައިސާ ހޯދުމާއި ވައްކަން އަދި ފޭރުން ފަދަ ކުށްތައް ދަނީ މާލެ ސަރަހައްދުގައި އިތުރުވަމުންނެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް ފޭރުމުގެ 363 މައްސަލަ ހުށަހަޅާފައިވާ ކަމަށް ފުލުހުން ތަފާސް ހިސާބުތަކުން ދައްކައެވެ.