"ހީރާމަންޑީ"ގައި ހަރަަކާތްތެރިވި ބޮލީވުޑްގެ ބަތަލާ އަދިތީ ރާއޯ ހައިދަރީއާ ދެކުނު އިންޑިއާގެ މަޝްހޫރު އެކްޓަރު ސިދާތު ސޫރިޔާނާރަޔަން ކައިވެނިކޮށްފިއެވެ.

އިންޑިއާގެ ތެލަންގާނާގައި ހުންނަ 400 އަހަރުވީ ފައްޅިއެއްގައި މި ކައިވެނި ހަފްލާ ބޭއްވިއިރު މި ޕާޓީ ބާއްވާފައިވަނީ ސައުތު އިންޑިއަންގެ ސަގާފަތަށެވެ. ކައިވެނި ހަފްލާގައި ދެފަރާތުގެ އާއިލާއިންނާ ގާތް ރަހުމަތްތެރިން ބައިވެރިވިއިރު އިންޑިއާގެ ފިލްމީ އިންޑަސްޓްރީގެ ސެލެބްރިޓީންނާއި ފޭނުން އަންނަނީ ދެމީހުންނަށް މަރުހަބާ ކިޔަމުންނެވެ.

އަދިތީ އާއި ސިދާތު ކައިވެނިކުރުމަށްފަހު ކައިވެނީގެ ފޮޓޯތަކެއްވެސް ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. "މަހާ ސަމުދުރަމް" ކިޔާ ފިލްމެއްގެ ސެޓު ތެރެއިން ދެމީހުން ދިމާވެ ވާހަކަ ދައްކަން ފެށިއިރު ދެމީހުން ލޯބީގެ ގޮތުން ގުޅުނީ 2021 ވަނަ އަހަރުއެވެ. ލޯބީގެ ގޮތުން ތިން ވަރަކަށް އަހަރު ދުވަހު އުޅުމަށްފަހު ސިދާތު އާއި އަދިތީ އެންގޭޖްވީ މިދިޔަ މާޗު މަހުއެވެ.

މީގެ ކުރިން ދެމީހުންވެސް ކައިވެންޏެއް ކޮށްފައިވާއިރު އެކްޓަރު ސިދާތު 2003 ވަނަ އަހަރު ކުރި ކައިވެނި ރޫޅުނީ 2007 ވަނަ އަހަރުއެވެ. ބަތަލާ އަދިތީ 2009 ވަނަ އަހަރު އެކްޓަރު ސަތުޔާދީޕް މިޝްރާއާ ކައިވެނިކުރިިއިރު އެ ކައިވެނި ރޫޅުނީ 2013 ވަނަ އަހަރުއެވެ.