އެމެރިކާގެ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވަނީ ކަމަށް ބުނެ އެމެރިކާ ސަރުކާރުން ތުހުމަތު ކޮށް އެގައުމުގައި އާރްޓީ ބްލޮކް ކުރިރާ ދުވަސްކޮޅެއް ނުވެ ފޭސްބްކުން ވެސް އާރްޓީ ބްލޮކް ކޮށްފޮއެވެ.
ފޭސްބްކުން ހިންގާ ކުންފުނި 'މެޓާ' އިން ބުނީ، އާރްޓީން އެ ޕްލެޓްފޯމްގެ ހަމަތަކާއި އުސޫލުތަކާ ހިލާފުވަމުން ދާ ކަމަށާއި 'ނުފޫޒު ފޯރުވުމަށާއި ސަމާލުކަން ހޯދުމުގެ' ހަރަކާތެއް އެ ޗެނަލުން އެ ޕްލެޓްފޯމްގައި ކުރިއަށް ގެންދާ ކަމަށެވެ.
އެހެން ކަމުން ފޭސްބްކުގެ ގްލޯބަލް ވާޝަން އިން އާރްޓީ ނަގަން ނިންމާފައި ވާ ކަމަށާއި ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި އެ ޕްލެޓްފޯމުން އާރްޓީ އެއްކޮށް ނަގާނެ ކަމަށެވެ.
ކުރިން ރަޝިއާ ޓްޑޭގެ ނަމުގައި ހިންގި އާރްޓީ އާއި ސްޕްޓްނިކް ނިއުސް އެޖެންސީ އަކީ ބިލިއަނަރު ރޮސިއާ ސެގޮޑްނިޔާ ހިންގާ ޗެނަލެކެވެ.
ފޭސްބްކުގެ މިނިންމުމާ ގުޅިގެން އޭނާ އަދި އެއްވެސް ކޮމެންޓެއް ކޮށްފައި ނުވާ އިރު، ފޭސްބްކުގެ ނިންމުމާއެކު، އިންސްޓަގްރާމް، ވަޓްސްއެޕް ފަދަ ޕެލްޓްފޯމް ތަކުންވެސް އާރްޓީ ގެއްލޭނެއެވެ.
އެމެރިކާގައި އަންނަ ނޮވެންބަރުމަހު އޮންނަ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ތުހުމަތު އާރްޓީއަށް ކުރާ ފަރާތްތަކުގެ ތެރޭގައި އެމެރިކާގެ މިހާރުގެ ސަރުކާރު ހިމެނެއެވެ. އެމީހުން ތުހުމަތު ކުރަނީ އިންތިހާބު ކައްޗާ ދުއްވުމަށާއި އިދިކޮޅު ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕަށް ބުރަވާގޮތަށް އާރްޓީން ކޮންޓެންޓް ގެނެސްދިނުމެވެ.
އާރްޓީ މަނާކުރަން އެމެރިކާ ސަރުކާރުން ވާހަކަ ދެއްކި މައްސަލައިގައި ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން ވިދާޅުވެފައި ވަނީ އެމެރިކާގެ ރިޔާސީ ރޭހުގައި މިފަހަރު ރަޝިއާއިން ތާއީދު ކުރަނީ ވެރިކަން ކުރާ ޕާޓީގެ ކެންޑިޑޭޓް ކަމަލާ ހެރިސް އަށް ކަމަށެވެ. އޭނާއަކީ ރީތި ހިނިތުންވުމެއްގެ ވެރިއެއް ކަމަށާއި، ހެރިސް ވެރިކަމަށް ވަޑައިގެންފި ނަމަ ރަޝިއާ އަށް މާ ރަނގަޅު ކަމަށެވެ.
މިވާހަކަތަކަށް ވެސް އެމެރިކާގެ ވައިޓް ހައުސް އިން ވަނީ ރައްދު ދީފައެވެ. ވައިޓްހައުސްގެ އޮފިޝަލް ޖޯން ކާބީ ވިދާޅުވީ، އެމެރިކާގެ އިންތިހާބޭ ކިޔައިގެން ޕުޓިން ވާހަކަ ނުދެއްކެވުމަށެވެ.
އެމެރިކާގެ އިންތިހާބު ބޯމަތިވެފައި އޮތް އިރު އެކިއެކި ސިޓީތަކުގައި މިހާރުވެސް ޕޮޕިއުލާ ޥޯޓު ނަގަމުން ދެއެވެ. އެމެރިކާގެ ސިސްޓަމް އޮންނަ ގޮތުން ވެރިކަމަށް އައުމަށްޓަކައި ސްވިންގް ސިޓީތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ސިޓީތަކުގެ މެޖޯރިޓީ ލިބެން ޖެހެއެވެ. އާންމު އިންތިހާބުގެ ރަސްމީ ބުރު ނޮވެމްބަރަށް ތާވަލު ކޮށްފައި ވާ އިރު، ރައީސަކަށް ހޮވޭ މީހަކު ކަނޑައެޅިގެން ދާނީ ނޮވެމްބަރުގެ ނަތީޖާއަށް ފަހުއެވެ.