ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު ރާޖްކުމާރު ރާއޯ އާއި ބަތަލާ ޓްރިޕްތީ ދިމްރީ ލީޑު ރޯލުން ފެނިގެންދާ ފިލްމު "ވިކީ ވިދްޔާ ކާ ވޯ ވާލާ ވީޑިއޯ" އަންނަ މަހު ރިލީޒްކުރާ ގޮތަށް ނިންމައިފިއެވެ.

ޓީ ސީރީޒްގެ ފުރާޅުގެ ދަށުން ގެނެސްދޭން ނިންމާފައިވާ މި ފިލްމު އަންނަ މަހުގެ 11 ވަނަ ދުވަހު ސިނަމާގައި ޕްރިމިއާކުރުމަށް ހަމަޖެހިފައިވާއިރު މި ފިލްމުގެ ޓްރެއިލާ ވެސް މިހާރު ވަނީ އާންމުކޮށްފައެވެ. ކައިވެނިކޮށްގެން އުޅޭ ދެމަފިރިންގެ ގެއިން އަގުބޮޑު މުދާތަކެއް ވަގަށް ގެންދިޔައިރު އެމީހުންނަށް ހޯދަން މުހިއްމުވީ ސީޑީއެކެވެ. ސީޑީ ވަގަށް ނެގުމުގެ ސަބަބުން ވިކީ އާއި ވިދްޔާ ގޮތް ހުސްވެގެން އުޅޭއިރު ސީޑީ ހޯދަން ވިކީ އާއި ވިދްޔާ ކެނޑިނޭޅި މަސައްކަތްކުރާ މަންޒަރު ޓްރެއިލާ އިން ފެނިގެންދެއެވެ.

https://youtu.be/0xXa9a2rHoQ

ބުޝަން ކުމާރު އާއި ކްރިޝަން ކުމާރު ޕްރޮޑިއުސްކޮށް ރާޖް ޝާންދްލިޔާ ޑައިރެކްޓްކޮށް ގެނެސްދޭ މި ފިލްމަކީ ރޮމޭންޓިކް ކޮމެޑީއެކެވެ. މި ފިލްމު މި ތާރީހުގައި ރިލީޒްކުރާއިރު އާލިއާ ބަޓް އާއި ވެދާންގް ރައިނާގެ ފިލްމު "ޖިގްރާ" ވެސް ހަމަ އެ ދުވަހު ރިލީޒްކުރާނެއެވެ. މި ފިލްމަކީ ކޮއްކޮ އަކު ސަލާމަތްކުރުމަށް ދައްތައަކުވާ ގުރުބާނީގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ.

ރަންބީރު ކަޕޫރުގެ "އެނިމަލް" ފިލްމުން ބޮޑު މަޝްހޫރު ކަމެއް ހޯދި ޓްރިޕްތީ ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮލީވުޑްގެ ގިނަ ޕްރޮޖެކްޓްތަކުން ޖާގަ ހޯދާފައެވެ.