ހުޅުމާލޭ ފޭސް 2 ގައި ބޮޑު ކެރޭނެއް ފުރޮޅާލައިފިއެވެ.

މިކަމާ ގުޅިގެން މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނީ ހުޅުމާލެ ފޭސް 2 ގައި ބޮޑު ކެރޭނެއް ފުރޮޅާލައިގެން އުޅޭ ކަމުގެ ރިޕޯޓު ފުލުހުންނަށް މިއަދު ލިބިފައިވާ ކަމަށެވެ.

މީގެއިތުރުން ފުލުހުން ބުނީ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައިނުވާ ކަމަށެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު މިހާތަނަށް ސާފު ނުވާއިރު، މި ހާދިސާގެ ވީޑިއޯ މިހާރު ދަނީ ސޯޝަލް މީޑިއާގައި ދައުރުވަރުމުންނެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި އެ ކެރޭނު ފުރޮޅާލާފައިވަނީ ވިނަރެސް ފްލެޓުތަކާއި އެމްޕީއެލް ފްލެޓުތަކުގެ ފުރަގަހުގައި އޮންނަ މަގުގެ ހުސް ބިމަށެވެ.

މީގެކުރިންވެސް ކޮންސްޓްރަކްޝަން ސައިޓުތަކުގައި މިފަދަ ހާދިސާތައް ހިނގާފައިވާއިރު ބައެއް ހާދިސާތަކުގައި އެކި ފަރާތްތަކަށާއި ތަކެއްޗަށް އެކިވަރުގެ ގެއްލުންވެސް ވެފައި އެބަހުއްޓެވެ.