ސައުތު އޭޝިއަން ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކޮށް، ދިވެހިރާއްޖެއަށް ރީތި ނަން ހޯދައިދިން އެތުލީޓުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ޗެންނާއީގައި އިއްޔެ ނިމުނު ހަތަރު ވަނަ ސައުތު އޭޝިއަން ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ 4 ގުނަ 100 މީޓަރު ރިލޭ އިވެންޓުން ރާއްޖޭގެ އަންހެން އަދި ފިރިހެން ޓީމުން ވަނީ ބްރޯންޒް (ލޯ) މެޑަލް ހޯދާފައެވެ.

އެގޮތުން ތިން ވަނަ ހޯދި އަންހެން ޓީމުގައި ހިމެނެނީ ހައްވާ މުޒްނާ ފާއިޒް، އަހްނާ ނިޒާރު، ޒިވާ މޫސާ ޝަފީއު އަދި މަރިޔަމް ރޫޔާ އަލީ އެވެ. އަންހެން ޓީމް ލޯ މެޑަލް ހޯދީ 48.04 ސިކުންތުން ރިލޭ ކާމިޔާބުކޮށްގެންނެވެ.

އަދި މެޑަލް ހޯދި ފިރިހެން ރިލޭ ޓީމުގައި ހިމެނެނީ ހުސެއިން ޒީކް ސުއާދު، އިބްރާހިމް ނާހިލް ނިޒާރު، މުހައްމަދު ޒުއިޒް ސުއާދު އަދި މުހައްމަދު މިންހާލް ޝާމިން އެވެ. ފިރިހެން ޓީމް ލޯ މެޑަލް ހާސިލް ކުރީ 41.98 ސިކުންތުން ރޭސް ފުރިހަމަ ކޮށްގެންނެވެ.

މި ކާމިޔާބީ އާއި ގުޅިގެން ރޭ އެކްސްގައި ރައީސް ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހަތަރު ވަނަ ސައުތު އޭޝިއަން ޖޫނިއާ އެތްލެޓިކްސް ޗެންޕިއަންޝިޕްގައި ބްރޮންޒް މެޑަލް ހާސިލްކުރި ގައުމީ އެތުލީޓުންނަށް ރައީސް ޑރ. މުޢިއްޒު ވަނީ ސާބަހާއި މަރުހަބާ ދަންނަވާ ކަމަށެވެ.

ދިވެހި ޒުވާން އެތުލީޓުން ބްރޯންޒް މެޑަލް ހާސިލްކޮށް، ގައުމަށް ހޯދައިދިން ރީތިނަމާ، ދެއްކި ހުނަރާއި ހިތްވަރަށް ފަހުރުވެރިވެ، ސާބަހާއި މަރުހަބާ ދަންނަވަން
ރައީސް

މި މަހުގެ 11 އިން 13 އަށް ކުރިއަށް ދިޔަ ދެކުނު އޭޝިއާގެ ޖޫނިއަރ އެތުލެޓިކްސް މުބާރާތުގައި ރާއްޖެއިން 16 އެތުލީޓުން ވަނީ ވާދަކޮށްފައެވެ. އެއީ 8 އަންހެން އެތުލީޓުންނާއި 8 ފިރިހެން އެތުލީޓުންނެވެ. ޗެންނާއީގެ ޖަވާހަރުލާލް ނެހްރޫ ސްޓޭޑިއަމްގައި ފެށި ސައުތު އޭޝިއަން ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި އެންމެ ގިނަ މެޑަލް ހޯދީ އިންޑިއާކަން ފާހަގަކޮށްލެވެއެވެ.