ކުރީގެ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދުގެ މައްޗަށް ދައުލަތުން އުފުލި ހިޔާނާތުގެ ދައުވާ، ކްރިމިނަލް ކޯޓުން ބޭރުކޮށްލުމުން ދައުލަތުން ހުށަހެޅި އިސްތިއުނާފް މައްސަލަ ހައި ކޯޓުން ބަލައިގެންފިއެވެ.
މިހާރު އޮފް-ޝޯ ފައިނޭންސިންގެ ހިދުމަތް ދިނުމަށް ސަރުކާރުން އުފެއްދިމޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ޖިހާދުގެ މައްޗަށް ޕީޖީއިން ކޮށްފައިވަ ދައުވާއަކީ ފުށިދިއްގަރުފަޅު ސްޕެޝަލް ޓުއަރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ޖެނުއަރީ، 2013، ގައި ފައިނޭންސް މިނިސްޓަރަކަށް ހުންނަވައި ޖިހާދު ސޮއި ކުރެއްވި މައްސަލައިގައެވެ.
ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑާއެކު ސޮއިކުރެއްވި ޖޮއިން ވެންޗާ އެގްރިމެންޓުގައި ސަރުކާރުގެ ހިއްސާގެ ގޮތުގައި އޮތީ 25 ޕަސެންޓެވެ. ސްޕެޝަލް ޓުއަރިޒަމް ޒޯނެއްގައި ގޮތުގައި ތަރައްގީ ކުރާ ތަންތަނުގައި މަދުވެގެން ސަރުކާރުގެ 50 ޕަސެންޓު ހިއްސާ އޮންނަންޖެހޭނެ ކަމަށް ނެޝަނަލް ޕްލޭނިން ކައުންސިލުން ލަފާދީފައިވާއިރު ދައުލަތުން ޖިހާދުގެ މައްޗަށް ކުރާ ދައުވާއަކީ "ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާ" އެވެ.
މި ދައުވާ މަދަނީ މިންގަނޑަށް ނުފެތޭ ކަމަށް ބުނެ ޖިހާދުގެ ފަރާތުން ހުށަހެޅި މައްސަލައިގެ ޝަރީއަތުގައި މި މައްސަލަ ބައްލަވަ ގާޒީ ވިދާޅުވީ ތަހުގީގުކޮށް ނިންމާފައިވާ މައްސަލައެއް އަލުން ތަހުގީގު ކުރާއިރު އަދި ރިޔާސީ ކޮމިޝަނަކުން ތަހުގީގު ކުރާއިރު ސަބަބު ބުނެދޭން ޖެހޭ ކަމަށާއި އެހެންނަމަވެސް ދައުލަތަށް އެ ކަން ބުނެނުދެވޭ ކަމަށެވެ. މުޅި ތަހުގީގު ބިނާކޮށްފައިވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބަސްތަކަށްްކަން ފާހަގަކޮށް ކޯޓުން ވަނީ އަދީބު ދައްކަވާ ވާހަކަތަކުގެ ތެދުދޮގު ޔަގީންކުރަން ތަހުގީގުން ކުރި ކަމެއް ދައުލަތަށް ބުނެދެވިފައި ނެތްކަމަށް ބުނެފައެވެ.
ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން ދަށު ކޯޓުގެ އެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފް ކުރީ މިދިޔަ މަހުގެ 11ގަ އެވެ. ހައި ކޯޓުގެ ރަޖިސްޓްރީން ދައްކާ ގޮތުގައި، މި މައްސަލަ ހައި ކޯޓުން މިހާރު ބަލައިގެންފައިވާއިރު ޕީޖީން ވަނީ މި މައްސަލައަކީ މައުލޫއީ ގޮތުން ބަލައި ގޮތެއް ކަނޑައަޅަން ޖެހޭ މައްސަލައެއް ކަމަށް ނިންމައިދިނުމަށް އެދިފައެވެ. އަދި މި މައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް އެންގުމަށްވެސް ޕީޖީ އިން އެދިފައިވެއެވެ.