މޫސުމާބެހޭ ގައުމީ އިދާރާ (މެޓް) އޮފީސް ތަރައްގީކުރުމަށް އެންވަޔަރަމަންޓް މިނިސްޓްރީން މިއަދު ސިސްޓަމެޓިކް އޮބްޒަވޭޝަން ފައިނޭންސިން ފެސިލިޓީ (އެސްއޯއެފްއެފް) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމަކީ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަމަންޓް ޕްރޮގްރާމް (ޔޫއެންއީޕީ) މެދުވެރިވެގެން އެސްއޯއެފްއެފް އާއެކު ވެވުނު އެއްބަސްވުމެކެވެ.

މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ މޫސުމާ ބެހޭ އޮބްޒަވޭޝަންގެ ވިއުގަ ގްލޯބަލް ބޭސިކް އޮބްޒަވޭޝަން ނެޓްވޯކްގެ މިންގަނޑަށް ފެތޭ ނެޓްވޯކަކަށް ހެދުމަށް 1.5 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދިނުމަށް ވަނީ ނިންމާފައެވެ.

މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެންވަރޮންމެންޓް މިނިސްޓަރު ތޯރިގު އިބްރާހީމް ވިދާޅުވީ އެސްއޯއެފްއެފްއާއެކު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން މެޓް އޮފީހުގެ ވެދާ އޮބްޒަވޭޝަން ނެޓްވޯކު، އަޕްގްރޭޑު ކުރެވިގެންދާނެ ކަމަށާއި އެގޮތުން ހުޅުލެ، ހދ. ހަނދިމާދޫ، ގދ. ކައްދޫ އަދި އައްޑޫ ސިޓީ ގަން އެއާޕޯޓުގައި ހުރި މެޓް އޮފީހުގެ ވަސީލަތްތައް އަޕްގްރޭޑް ކުރެވޭނެ ކަމަށެވެ.

އަދި ނ. މާފަރު އެއާޕޯޓުގައި ފުރިހަމަ ވަސީލަތްތަކާއެކު މެޓުގެ އޮފީހެއް އެޅުމަށް ހަމަޖެހިފައިވާ ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މި ފައިސާ ބޭނުން ކުުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގައި މިހާރު ގާއިމްކޮށްފައިވާ ހަތަރު މެޓު އޮފީހުގެ އޮބްޒަވޭޝަން ސިސްޓަމް އަޕްގްރޭޑު ކުރުމަށާއި ނ. މާފަރު އެއާޕޯޓުގައި އިތުރު އޮފީހެއް ގާއިމް ކުރުމަށް ކަމަށް އެންވަރޮންމެންޓް މިނިސްޓްރީން ވަނީ ބުނެފައެވެ.