ރަސްމީ ދަތުރުފުޅެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާ އަށް ވަރަށް އަވަހަށް ވަޑައިގަންނަވާނެ ކަން ރައީސް އޮފީހުން ހާމަކޮށްފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ރައީސް އިންޑިއާ އަށް ވަރަށް އަވަހަށް ވަޑައިގަންނަވާނެ ކަމަށާއި، އެ ދަތުރުފުޅަށް ރަނގަޅު ތާރީހަކާ މެދު މަޝްވަރާކުރެވެމުންދާ ކަމަށެވެ.

އެ ދަތުރުފުޅުގެ އިތުރު ތަފްސީލެއް އޭނާ ނުދެއްވިއެވެ.

އެންމެ ފަހުން ރައީސް އިންޑިއާ އަށް ވަޑައިގަތީ އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް، މިދިޔަ ޖޫން މަހުގެ ނުވަވަނަ ދުވަހުގައެވެ. އެއީ މިދިޔަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ރައީސް އިންޑިއާ އަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަށްޓަކައި ނިމިދިޔަ ސަރުކާރުގެ ދުވަސްވަރު ހިންގި 'އިންޑިއާ އައުޓް' ހަރަކާތަށް ފަހު ރައީސް ވެރިކަމަށް ވަޑައިގަތުމުން އިންޑިއާ އާ އެއްކޮށް އޮތް ގުޅުން އޭރު ހީނަރުވެގެން ދިޔައެވެ. އެ ގުޅުން އިތުރަށް ގޯސްވީ ތިން ޑެޕިއުޓީ މިނިސްޓަރަކު މޯދީ އަށް ކުޑައިމީސްކޮށް މީސްމީޑިއާގައި ޕޯސްޓްކުރުމާ ގުޅިގެންނެވެ. ނަތީޖާއެއްގެ ގޮތުން ރާއްޖެ އަށް އައި އިންޑިއާގެ ފަތުރުވެރިން ވެސް މަދުވިއެވެ.

ނަމަވެސް އޭގެ ފަހުން ދެ ގައުމުގެ ގުޅުން ވަނީ އަލުން ބަދަހިވާން ފަށައިފައެވެ.