އިމިގްރޭޝަންގެ ޔުނީފޯމާ ވައްތަރު ހެދުމެއް އަޅައިގެން ސްކޭމް ވީޑިއޯ ކޯލްތަކެއް ކުރަމުންދާތީ އެކަމަށް ސަމާލުވުމަށް އިމިގްރޭޝަނުން އަންގައިފިއެވެ.

އިމިގްރޭޝަނުން ބުނީ އިމިގްރޭޝަން ޔުނިފޯމާ ވައްތަރު ޔުނިފޯމެއް އަޅައިގެން ތިބޭ ބަޔަކު ސްކޭމް ކޯލްތަކެއް ކުރަމުން އަންނަކަން އެ އިދާރާއަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އެ މީހުން ވީޑިއޯ ކޯލް ކުރަނީ "ވަޓްސްއެޕް" މެދުވެރިކޮށް ރާއްޖެއިން ބޭރު ގައުމެއްގެ ނަންބަރުން ކަމަށް އިމިގްރޭޝަނުން ބުނެއެވެ. އަދި މި މީހުން ތިބެނީ އިމިގްރޭޝަން ޔުނިފޯމާ ވައްތަރު ޔުނިފޯމެއް އަޅައިގެންކަން އެ އިދާރާއިން ވަނީ ފާހަގަކޮށްފައެވެ.

އިމިގްރޭޝަނުން ބުނީ މި މީހުން އާންމުންނަށް ގުޅައި އެމީހުންގެ ޒާތީ މައުލޫމާތާއި، ބޭންކު ކާޑުގެ މައުލޫމާތު ދިނުމަށް އެދޭ ކަމަށެވެ. ނަމަވެސް މިއީ އިމިގްރޭޝަން އޮފިސަރުންގެ އަމަލެއް ނޫންކަމުގެ ޔަގީންކަން އެ އިދާރާއިން ވަނީ ދީފައެވެ.

އިމިގްރޭޝަންގެ ނަމުގައި ރާއްޖެއިން ބޭރުގެ ނަންބަރުތަކުން މިދިޔަ މޭ މަހުގެ ތެރޭގައި ވެސް ވަނީ ސްކޭމް ކޯލްތަކެއްކޮށްފައެވެ. އޭރުވެސް އިމިގްރޭޝަންއިން ވަނީ މިގޮތަށް ގުޅާ މީހުންގެ ކޯލުތަކަށް ޖަވާބު ނުދިނުމަށާއި ބޭންކް ކާޑުގެ އެއްވެސް މައުލޫމާތެއް ނުވަތަ އޯޓީޕީ ކޯޑު އަދި ޒާތީ އެއްވެސް މައުލޫމާތެއް ނުދިނުމަށް އިލްތިމާސްކޮށްފައެވެ.