ގިނަ ޓީވީ ސިލްސިލާތަކުން ފެނިފައިވާ އިންޑިއާގެ މަޝްހޫރު އެކްޓަރު ވިކާސް ސޭތީ 48، މަރުވެއްޖެއެވެ.

ކާޑިއޭކް އެރެސްޓެއް ޖެހިގެން އެކްޓަރު އިއްޔެ މަރުވިއިރު އޭނާ އައީ ޑިޕްރެޝަން ބައްޔަށް ފަރުވާކުރަމުންނެވެ. 2021 ވަނަ އަހަރުން ފެށިގެން އެކްޓަރުގެ މާލީހާލަތު ދަށްވަމުން އައިސް އޭނާ ނަފްސާނީވެ، އެ ބައްޔަށް ފަރުވާވެސް ކުރިއެވެ. 2003 ވަނަ އަހަރު އިންޑިއާގެ ފިލްމު އިންޑަސްޓްރީއަށް ނުކުތް ވިކާސް ވަނީ ކަރަން ޖޯހަރުގެ މަޝްހޫރު އެޕިކް ލަވް ސްޓޯރީ ކަބީ ހުޝީ ކަބީ ގަމް" ގައި ވެސް ހަރަކާތްތެރިވެފައެވެ.

ވިކާސް މަރުވުމާ ގުޅިގެން އިންޑިއާގެ ގިނަ ސެލެބްރިޓީންނެއް އޭނާއަށް ތައުޒިޔާކިޔަމުން އަންނައިރު ފޭނުން އަންނަނީ އޭނާގެ ހަނދާންތައް އާކުރަމުންނެވެ. ދެހާހުގެ އަހަަރުތަކުގައި ބެލުންތެރިންގެ މަގްބޫލުކަން ހޯދި އެކްޓަރު ވަނީ "ކަސޯޓީ ޒިންދަގީ ކޭ" ގެ ރޯލެއް ވެސް ކުޅެފައެވެ. ޑްރާމާ ސިލްސިލާ "ދީވަނާޕަން" އިން އާންމުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދި ވިކާސް ކުޅުނު ބައެއް ޓީވީ ޑްރާމާ ސިލްސިލާތަކުގެ ތެރޭގައި "ކިޔުކީ ސާސް ބީ ކަބީ ބަހޫ ތީ"، "ކަހީ ތޯ ހޯގާ" އަދި "ޔޭ ވާދާ ރަ ހާ" ހިމެނެއެވެ. އޭނާ މަރުވިއިރު އޭނާގެ އެއްމާބަނޑު ދެ ފިރިހެން ކުދިން ދުނިޔޭގައި އެބަތިއްބެވެ.