މަސްވެރިކަމަށް ނިކުންނަ ދޯނިތަކުން މަސް ކިރުވަމުން އަންނަ އަދަދު މައްޗަށް ދާ ކަމަށާއި އެންމެ ގިނައިން މަސް ކިރުވާފައި ވަނީ މ. އަދި ގދ އަތޮޅުން ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ ލިމިޑެޓް (މިފްކޯ) އިން ބުނެފިއެވެ.

މިފްކޯއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި ދިޔަ މަހުގެ 24 އިން 29 އާ ދެމެދުގައި ޖުމްލަ 119 ދޯންޏަކުން 415 ޓަނުގެ މަސް ވަނީ ކިރުވާފައެވެ. އޭގެތެރެއިން އެންމެ ގިނަ އިން މަސް ކިރުވާފައި ވަނީ 29 އޮގަސްޓު ވަނަ ދުވަހުއެވެ. އެއީ 30 ދޯނިން 113.60 ޓަނުގެ މަހެވެ.

އެއަށް ފަހު އޮގަސް މަހުގެ 31 ވަނަ ދުވަހުން ފެށިގެން މި މަހުގެ 5 ވަނަ ދުވަހާ ދެމެދުގައި ކިރުވި މަހުގެ އަދަދު ވަނީ އެ ހަފްތާއަށް ވުރެ މައްޗަށް ގޮސްފައި ކަމަށް މިފްކޯއިން ބުނެއެވެ. އެ ގޮތުން މި މުއްދަތުގެ ތެރޭގައި 192 ދޯންޏަކުން 467.80 ޓަނުގެ މަސް ވަނީ ކިރުވާފައެވެ. މި މުއްދަތުގެ ތެރޭގައި އެންމެ ގިނައިން މަސް ކިރުވާފައި ވަނީ ސެޕްޓެމްބަރު 3 ވަނަ ދުވަހު، 44 ދޯނިން 135.6 ޓަނުގެ މަހެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން މިފްކޯއިން ބުނެފައި ވަނީ މި ދިޔަ ދެ ހަފްތާގެ ތެރޭގައި އެ ކުންފުންޏަށް މަސްކިރުވާ ދޯނީގެ އަދަދާއި މަސް ކިރުވާ މިނިްވަރު މައްޗަށް ގޮސްފައިވާ އިރު އެންމެ ގިނައިން މަސް ކިރުވަމުން އަންނަނީ މ. އަތޮޅާއި ގދ. އަތޮޅުން ކަމަށެވެ.