ބޭންކް އޮފް މޯލްޑިވެސް (ބީއެމްއެލް) ގެ ޑިރެކްޓަރުންގެ ބޯޑަށް ސަރުކާރުން ދެ ނަމެއް ހުށަހަޅައިފިއެވެ.

އެގޮތުން ސަރުކާރުން ހުށަހަޅާފައި ވަނީ މުހައްމަދު ޝާހިދާއި އަލީ އިރުފާންގެ ނަމެވެ.

މި ދެ ބޭފުޅުންގެ ތެރެއިން ޝާހިދު ވަނީ ޕެންޝަން އޮފީހުގެ ޗީފް ފައިނޭންޝަލް އޮފިސަރުގެ މަގާމު ފުރުއްވައި، މީރާގެ ބޯޑުގެ ސެކްރެޓަރީ ކަމާއި އެ އިދާރާގެ އެކި ޑިޕާޓްމަންޓުތަކުގެ ޑިރެކްޓަރު ޖެނެރަލްކަން ކުރައްވައިފައެވެ.

އޭނާ ވަނީ އިނގިރޭސިވިލާތުގެ އީސްޓް ލަންޑަން ޔުނިވާސިޓީން އެކައުންޓިން އާއި ފިނޭންސްގެ ދާއިރާއިން ބެޗެލާސް ހާސިލްކުރައްވައި، މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން މާސްޓާސް ހާސިލް ކުރައްވައިފައެވެ.

2018 ވަނަ އަހަރުން ފެށިގެން މާލީ ދާއިރާގެ އެކި ވަޒީފާތައް އަދާކުރައްވަމުން ގެންދަވާ އިރުފާން މިވަގުތު ހުންނެވީ ފިނޭންސް މިނިސްޓްރީގެ ޕަބްލިކް ފައިނޭންސް މޮޑަނައިޒޭޝަން އެންޑް ރިފޯމް ޕްރޮޖެކްޓްގެ ޑިރެކްޓަރުގެ ގޮތުގައެވެ. އޭނާ ވަނީ ވޯލްޑް ބޭންކުގެ ގްލޯބަލް ޕާޓްނާޝިޕް ފޯ އެޑިއުކޭޝަނ،ް ފައިނޭންސް އެންޑް ގްރާންޓް އޮޕަރޭޝަންގެ 'ވޮއިސް ސެކަންޑީ' ގެ މަގާމު ވެސް ފުރުއްވައިފައެވެ.

އޭނާ ވަނީ އިނގިރޭސިވިލާތުގެ ހެރިއޮޓް-ވަޓް ޔުނިވާސިޓީން އެކައުންޓިން އާއި ފިނޭންސްގެ ދާއިރާއިން ބެޗެލާސް ހާސިލްކުރައްވައި، ހަމަ އެ ގައުމުގެ ޔުނިވާސިޓީ އޮފް ދަ ވެސްޓް އިންގްލޭންޑުން ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާސް ހާސިލްކުރައްވައިފައެވެ.

ބީއެމްއެލުން ބާއްވާ އެކްސްޓްރާ އޯޑިނަރީ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 21 ވަނަ ދުވަހުގެ ހެނދުނު 10 ޖަހާއިރުއެވެ. ބައިވެރިވެވޭނީ މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ބީއެމްއެލްގެ ހިއްސާދާރުންގެ ދަފްތަރުގައި ރެޖިސްޓްރީވެފައިވާ ނަމައެވެ.

11 މެންބަރުންގެ މައްޗަށް އެކުލެވޭ ބީއެމްއެލްގެ ބޯޑުގައި މިވަގުތު ތިއްބެވީ އަށް މެންބަރުންނެވެ. ބޯޑުގައި ތިއްބެވި މެންބަރުންގެ ތެރެއިން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން ވަނީ ބޯޑު މެންބަރުކަމުން އިސްތިއުފާ ދެއްވައިފައެވެ.