ސަރުކާރުގެ ސިޔާސަތަކީ އެ އިންޑަސްޓްރީއެއްގައި މަސައްކަތް ކުރާ ފަރާތްތަކުގެ އަޑުއަހައިގެން ކުރިއަށް ދިއުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ބޮޑު ކަންނެލި ޔޫނިއަން އަދި ގެދޮރުވެރިކަމާ ބެހޭ ޔޫނިއަންތަކާ ބައްދަލުކުރެއްވުމުގެ ކުރިން އެކަމުގެ މައުލޫމާތު ހިއްސާ ކުރައްވަމުންނެވެ.

މިއަދު މުހިންމު 2 ބައްދަލުވުމެއް އޮތްކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ބޮޑު ކަންނެލީގެ މަސްވެރިކަން މި ރާއްޖޭގައި ކުރިއަށް ގެންދިއުމުގައި ސަރުކާރުގެ ސިޔާސަތަކީ އެކަމުގައި މަސައްކަތް ކުރާ މަސްވެރިންގެ އަޑު އަހައިގެން ކުރިއަށް ދިއުން ކަމަށެވެ.

ސަރުކާރުގެ އަމާޒަކަށް ވާނީ އަދި ސަރުކާރުގެ ސިޔާސަތަކީ ކޮންމެ އިންޑަސްޓްރީއެއްގައި ވެސް މަސައްކަތް ކުރާ ފަރާތްތަކުގެ އަޑުއަހައިގެން ކަންތައްތައް ބައްޓަންކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.

ގެދޮރުވެރިކަމާ ބެހޭ އެކިއެކި ޔޫނިއަންތަކާ ބައްދަލުކުރައްވަން ރައީސް ނިންމަވާފައި ވާއިރު، އެބޭފުޅުންގެ ކަންބޮޑުވުންތަކާއި ހިއްސާ ކުރަން ބޭނުންވާ ވާހަކަތައް ހިއްސާކުރުމަށް މި ބައްދަލުވުމުގައި ފުރުސަތު ދެއްވާނެކަން ރައީސް ވަނީ ފާހަގަކުރައްވާފައެެވެ. އަދި މިފަދަ ޖަމިއްޔާ އަދި ކޮމިޓީތަކަކީ ވަރަށް ގިނަ ރައްޔިތުން ތަމްސީލް ކުރާ ބައެއްކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ މި ބައްދަލުވުމުން ގިނަ ކަންތައްތަކެއް އެނގިގެންދާނެ ކަމަށެވެ.

އެހެންކަމުން މި ބައްދަލުވުމުގެ ނަތީޖާއަކަށްވެގެންދާނީ ހުރިހާ ބޭފުޅުން ދައްކާ ވާހަކަ އަޑުއައްސަވައިގެން މިހާރު ކުރިއަށް ގެންދާ ކަންތައްތަކާއި އަދި ކުރިއަށް ގެންދަން ހުރި ކަންތައްތައް ހިޔާލާ މަޝްވަރާ ލިބިގެން ކުރިއަށް ގެންދިއުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ބައްދަލުކުރައްވާ ގެދޮރުވެރިކަމާ ބެހޭ ޔޫނިއަންތަކުގެ ތެރޭގައި ފަހި ޔޫނިއަން، ގިރާވަރު، މާލެ ސިޓީޒަންސް އެސޯސިއޭޝަން، ގުޅިފަޅު ރައްޔިތުންގެ އެސޯސިއޭޝަން، ހުޅުމާލެ ރައްޔިތުންގެ ކޮމިޓީ އަދި މާލެ ރަށްވެހިންގެ ޖަމިއްޔާ ހިމެނެއެވެ.