ރެއާއި ދުވާލު ދިވެހި ފުލުހުންގެ ހިދުމަތުން ރައްޔިތުންނަށް ދެމުންދާ ޒިންމާދާރު ހިދުމަތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޝުކުރު އަދާކުރައްވައިފިއެވެ.
ފުލުހުންގެ ހިދުމަތަށް 20 އަހަރުގެ ފުރުމުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ފުލުހުން ދިވެހި ގައުމާއި ރައްޔިތުންނަށް ޓަކައި، ރެއާއި ދުވާލު ދެމުން ގެންދާ ޒިންމާދާރު ހިދުމަތަށް ފަހުރުވެރިވާ ކަމަށެވެ.
ދިވެހި ފުލުހުންގެ ހިދުމަތް އެންމެ ފުރަތަމަ ފެށިގެން ދިޔައީ ނޭޝަނަލް ސެކިއުރިޓީ ސާވިސްގެ ފިޔަވަތީގައި މާޗް 29، 1993 ގައެވެ. އަދި ރައީސް މައުމޫނުގެ ދައުރުގައި ދިވެހި ފުލުހުންގެ ހިދުމަތް ސެޕްޓެމްބަރު 1، 2004 ގައި ވަނީ މަދަނީ ހިދުމަތެއްގެ ގޮތުގައި ކަނޑައަޅުއްވާފައެވެ. އަދި ފުލުހުންގެ ހިދުމަތް ފޯރުކޮށްދޭން ޖެހޭނީ ގާނޫނަކުންކަން ކަނޑައަޅައި ރައީސް މައުމޫނު ވަނީ އޮގަސްޓު 5، 2008 ވަނަ ދުވަހު އެ ގާނޫނު ތަސްދީގު ކުރައްވާފައެވެ.
ފާއިތުވި 20 އަހަރުތެރޭ ދިވެހި ފުލުހުންގެ ހިދުމަތަށް ގިނަ ކުރިއެރުންތަކެއް ލިބިފައިވާއިރު، ޒަމާނީ ވަސީލަތްތައް ގާއިމުކޮށް ރައްޔިތުންނާއި ގާތުން މަސައްކަތްކުރުމަށް ފުލުހުން ވަނީ ގިނަ ހިދުމަތްތަކެއް ތައާރަފު ކޮށްފައެވެ.