ދިވެހިރާއްޖެއިން ތުރުކީއާއެކު އެކުލަވާލުމަށް މަސައްކަތް ކުރަމުންދާ ޕްރިފަރެންޝިއަލް ޓްރޭޑް އެގްރީމެންޓް (ޕީޓީއޭ)ގެ ދަށުން މަހުގެ 38 ބާވަތަކުން ޑިއުޓީ ކަނޑާލުމަށް ހުށަހެޅިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިފަދައިން ވިދާޅުވެފައި ވަނީ ދައުލަތުގެ މީޑިއާ 'ޕީއެސްއެމް'ގެ 'ރާއްޖެ މިއަދު' ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

ތުރުކީއާއެކު ޕީޓީއޭ އެކުލަވާލުމުގެ މަސައްކަތް ފަށާފައި ވާއިރު، 214 ބާވަތަކުން ޑިއުޓީ ކަނޑާލުމަށް ހުށަހެޅުއްވި ކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ. އަދި އޭގެ ތެރެއިން 38 ބާވަތަކުން 100 ޕަސެންޓް ޑިއުޓީ ކަނޑާލުމަށް ތުރުކީއިން ނިންމާފައި ވާކަން ސައީދު ފާހަގަ ކުރެއްވިއެވެ.

ސައީދު ވިދާޅުވީ ޑިއުޓީ ކަނޑާލުމަށް ދެން ހުށަހެޅުނު ބާވަތްތަކުގެ ޑިއުޓީ މުޅިން ކަނޑާލަނުދިން ކަމުގައިވިޔަސް ތުރުކީއިން މިހާރު ނަގާ ޑިއުޓީއަށް ވުރެ ވަރަށް ބޮޑުތަނުން ޑިއުޓީ ކުޑަކޮށްދީފައިވާ ކަމަށެވެ.

100 ޕަސެންޓް ޑިއުޓީ ކަނޑާލި ބާވަތްތަކުގެ ތެރޭގައި ރާއްޖެއިން އިސްކަންދިން ބާވަތްތައް ހިމެނޭކަން ސައީދު ފާހަގަ ކުރެއްވިއެވެ. އެގޮތުން މި ބާވަތްތަކުގެ ތެރޭގައި ރީނދޫ އުރަހަ ކަންނެލި، ކަޅުބިލަ މަސް، ލޯބޮޑު ކަންނެލި، ހިކިމަސް އަދި މަހުން ތައްޔާރުކުރެވޭ އެކި ބާވަތުގެ ކާނާ ހިމެނޭ ކަމަށް ސައީދު ވިދާޅުވިއެވެ.

ޔޫރަޕުގައި އެންމެ ގިނަ އަދަދަކަށް ޓޫނާ ޕްރޮސެސް ކުރަނީ ތުރުކީގައިކަން ފާހަގަ ކުރައްވާ ސައީދު ވިދާޅުވީ މި ބާވަތްތަކުން ޑިއުޓީ ކަނޑާލުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމަށް ކަމަށެވެ. އަދި މިހާރު ޕީޓީއޭގެ މަސައްކަތް ނިންމާލެވިފައިވާ ކަމަށާއި ލަފާ ކުރެވޭ ގޮތުގައި އެއްބަސްވުމުގައި ސޮއިކޮށް ޑިސެމްބަރު މަހު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު އެއްބަސްވުމަށް އަމަލުކުރަން ފެށޭނެ ކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ.