ސަރުކާރުގެ ބައެއް ކުންފުނިތައް އެއްކޮށްލުމާ މެދު ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާ ކުރައްވާނެ ކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ބައްދަލުވުން ފެށްޓެވުމުގެ ކުރިން ރައީސް ވިދާޅުވީ، ރީޖަނަލް އެއާޕޯޓްސް ކުންފުނި އެމްއޭސީއެލްގެ ދަށަށް ގެންދިޔުން ނުވަތަ ދެ ކުންފުނި އެއްކޮށްލުމާއި، އެޗްޑީސީގެ ދަށަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެނައުން ނުވަތަ ދެ ކުންފުނި އެއްކޮށްލުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ތާވަލު ކުރެވިފައިވާ ކަމަށެވެ.

މީގެ އިތުރުން ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އާއި މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އެކީގައި މަސައްކަތް ކުރެވޭނެ ގޮތްތަކާ މެދު ވެސް މި ބައްދަލުވުމުގައި މަޝްވަރާ ކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި، ދުބާއީ އާއި ސިންގަޕޫރު ފަދަ ތަންތަނުގައި ވެސް އަމަލުކުރަމުން ދަނީ މިފަދައިންނެވެ.

"އިގްތިސޯދު ޑައިވާސިފައިކުރުމަށް އިންވެސްޓާ ރެޒިޑެންސީ ޕްރޮގްރާމެއް ތައާރަފް ކުރުން، މިކަމާ ބެހޭގޮތުން މަޝްވަރާކުރުން ވެސް މިއަދު އަޅުގަނޑުމެން އެޖެންޑާކޮށްގެން މި އުޅެނީ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ މިދިޔަ އޮގަސްޓް މަހުގެ ފަހުކޮޅު ވަޒީރުންގެ މަޖިލީހުގެ ލަފަޔާ އެކީ އެސްޓީއޯގެ ދަށަށް ފެނަކަ ގެންނަން ނިންމަވައިފައެވެ. ރައީސް އޮފީހުން ބުނީ ރައީސް އެ ބަދަލު ގެންނެވީ ޔޫޓިލިޓީ ސިނާއަތް ހަރުދަނާކޮށް، އާންމުންނަށް ފޯރުކޮށްދެވޭ ހިދުމަތް ރަނގަޅު ފެންވަރެއްގައި ފޯރުކޮށްދިނުމާ އެކު ފެނަކައިގެ ހިންގުން ހަރުދަނާކޮށް މާލީގޮތުން ބާރުވެރިކުރުމަށްޓަކައި ކަމަށެވެ.