ބޮލީވުޑްގެ ކާމިޔާބު ފްރެންޗައިޒް ފިލްމު "ދޫމް" ގެ ހަތަރު ވަނަ ބައެއް އަންނާނެ ކަމުގެ އިޝާރާތެއް ދީފިއެވެ.

ބޮލީވުޑް ފިލްމުތަކުގެ ތެރެއިން އެންމެ ކާމިޔާބު އެއް ފްރެންޗައިޒް ކަމަށްވާ ދޫމް އަކީ ގިނަ ބައެއްގެ ބޮޑު ތަރުހީބެއް ހޯދާފައިވާ ފްރެންޗައިޒެކެވެ. ފިލްމު އުފެއްދި ކުންފުނި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ވަނީ ދޫމް ރިލީޒް ކުރިތާ 20 އަހަރު ފުރުން ފާހަގަކޮށްފައެވެ. ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި އެ ކުންފުނިން ބުނީ އަބީޝެކް ބައްޗަން އާއި އުދޭ ޗޯޕްޅާ ހާ އައިކޮނިކް "ޖޯޑެއް" ގެ ނަމެއް ހިއްސާކޮށްދޭން ބެލުންތެރިންގެ ގާތުން އެދިފައެވެ. އޮގަސްޓް 27، 2004 ގައި ރިލީޒްކުރި "ދޫމް" އަކީ މިދިޔަ އަހަރު މަރުވި ސަންޖޭ ގަންދުވީ ޑައިރެކްޓްކުރި ފިލްމެކެވެ.

ފިލްމުގެ ދެވަނަ ބައި 2006 ވަނަ އަހަރު ރިލީޒްކުރިއިރު އެ ފިލްމުން ފެނިގެންދިޔަ ތަރިންނަކީ އަބީޝޭކް، އުދޭގެ އިތުރުން ރިތިކް ރޯޝަން، އައިޝްވާރިއާ ރާއީ އަދި ބިޕާޝާ ބާސޫ އެވެ. ވިޖޭ ކްރިޝްނާ ފިލްމުގެ ތިން ވަނަ ބައި ޑައިރެކްޓްކުރިއިރު އެ ފިލްމު އާންމުންނާ ހަމައަށް އައީ 2013 ވަނަ އަހަރުއެވެ. އެ ފިލްމަކީ ކުޅަދާނަ އެކްޓަރު އާމިރު ހާން ޑަބަލް ރޯލުން ފެނިގެންދިޔަ ފިލްމެވެ. ފިލްމުގެ ހަތަރު ވަނަ ބައި ޑައިރެކްޓްކުރާނެ ޑައިރެކްޓަރަކާ ގުޅޭގޮތުން މިހާރު ކުންފުނިން މަޝްވަރާ ކުރަމުން އަންނައިރު ބެލެވޭ ގޮތުގައި މިފަހަރުގެ ފިލްމު ޑައިރެކްޓްކުރާނީ އަޔާންއެވެ. ޕްރޮޑިއުސަރު އަދިތިޔާ ޗޯޕްޅާ އާއި އަޔާންއާ ދެމެދު މިހާރު މަޝްވަރާތަކެއް ކުރިއަށްދާ ކަމަށް ބޭރުގެ މީޑިއާތައް ބުނެއެވެ.