ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރިއަށް އޮތް 3 އަހަރުގެ ތެރޭގައި ޑިޖިޓަލް ސްމާޓް މީޓަރު ބޭނުންކޮށްގެން ކަރަންޓު ބޭނުންކުރެވޭ މިންވަރު ދެނެގަނެވޭނެ ނިޒާމެއް ގާއިމްކުރެވިގެންދާނެ ކަމަށް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަޖީ މިނިސްޓަރު ތާރިގް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ދ. ކުޑަހުވަދޫގެ ހުރިހާ ގޭބިސީއެއްގެ ކަރަންޓް މީޓަރުތައް ޑިޖިޓަލް ސްމާޓް މީޓަރަށް ބަދަލުކުރުމަށް ކުރިއަށް ގެންދިޔަ މަޝްރޫއުގެ ނިމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ތާރިގް ވިދާޅުވީ ޑިޖިޓަލް ސްމާޓް މީޓަރުގެ އެހީއާއެކު، ކަރަންޓު އެންމެ ގިނައިން ބޭނުންކުރެވޭ މިންވަރާ، ވަގުތު ދެނެ ގަނެވޭނެ ކަމަށެވެ. އަދި ގޭބިސީތަކާއި، ރަށުގެ ކޮންމެ ސަރަޙައްދެއްގައިވެސް ކަރަންޓުގެ މައްސަލައެއް ދިމާވެއްޖެނަމަ ސްމާޓް މީޓަރް މެދުވެރިކޮށް އެނގިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ކަރަންޓް ލީކެއް އުޅޭނަމަ އޭގެ ސަބަބުވެސް އެނގިގެންދާނެ ކަމަށާއި މިއީ ހަކަތަ އިގުތިސާދު ކުރުމަށް އެޅިގެންދާ ފިޔަވަޅެއްކަމަށް ތާރިގް ވިދާޅުވިއެވެ.

މީގެ އިތުރުން ތާރިގް ވިދާޅުވީ ކަރަންޓު އެންމެ ގިނައިން ބޭނުންކުރެވޭ ވަގުތުތައް އެނގިގެންދާއިރު، ކަރަންޓު ބޭނުންކުރުމުގައި ރައްޔިތުން ސަމާލުވާނަމަ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ކަރަންޓުގެ އަގު ކުޑަވެގެންދާނެކަމަށެވެ.

ކުރިއަށް އޮތް އެއް އަހަރުގެ ތެރޭގައި ފެނަކަ އިން ހިދުމަތްދޭ ހުރިހާ ރަށެއްގައި ސްމާޓް މީޓަރު ހަރުކުރުމުގެ މަސައްކަތް ކުރެވިގެންދާނެކަން ފާހަގަކުރަމުން ތާރިގް ވިދާޅުވީ އޭރުން ހުރިހާ ރަށެއްގައިވެސް ޑިޖިޓަލް ސްމާޓް މީޓަރު ހަރުކޮށް، ކަރަންޓު ބޭނުންކުރާ މިންވަރު ބެލުމަށްފަހު "ޓައިމް އޮފް ޔޫސް ޓެރިފް" ތައާރަފު ކުރެވޭނެކަމަށެވެ.