މި ސަރުކާރުގެ އަމަލުތަކުން ގައުމުގެ މާލީ ނިޒާމަށް އޮތް އިތުބާރު އަދި ބީއެމްއެލްއަށް އޮތް އިތުބާރުވެސް ގެއްލެމުންދާ ކަަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

މިދިޔަ އާދިއްތަ ދުވަހު ބީއެމްއެލްއިން ރުފިޔާ ކާޑަށް ޑޮލަރު ދޫކުރުން ހުއްޓާލަން އިއުލާން ކުރުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތަކެއް ސަރުކާރަށް އަމާޒުވިއެވެ. އަދި އެ ނިންމުން ފަހުން ބީއެމްއެލް އިން ބަދަލުކޮށްފައިވާއިރު ސަރުކާރުން ވަނީ މިއީ އިދިކޮޅު ފަރާތްތަކާއި ގުޅިގެން ގެންނަން އުޅުނު ބައާވަތެއްކަމަށް ތުހުމަތުކޮށްފައެވެ.

މި ތުހުމަތުތަކާއި ގުޅިގެން މިއަދު އެމްޑީޕީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީރު ވިދާޅުވީ ބީއެމްއެލްއިން ބައާވާތެއް ހިންގަން އުޅޭކަމަށް ރައީސް ވިދާޅުވުމުން، އެއިން ދައްކުވައިދެނީ ކޮން ކަމެއްތޯ ވިސްނައިލަން ޖެހޭ ކަމަށެވެ.

އިތުރަށް އަމީރު ވިދާޅުވީ އިގުތިސާދެއްގެ އެންމެ މުހިންމު އެކައްޗަކީ އިތުބާރު ކަމަށެވެ. އަދި އެ އިތުބާރު ގެއްލޭ ފަދަ ގޮތަށް ދައުލަތެއްގެ ވެރިއެއް ނުވަތަ ދައުލަތަކުން ކޮށްގެން ނުވާނެ ކަންތައްތަކެއް ހުންނާނެ ކަމަށެވެ. ރާއްޖޭގެ މާލީ ނިޒާމަށް އިތުބާރު ގެއްލޭ ގޮތަށް، ވާހަކަ ދެއްކުމަކީ އިގުތިސާދު އަދި މާލީ ނިޒާމުގެ އިތުބާރު ގެއްލޭނެ ކަންތައްތަކެއްކަން ފާހަގަކުރަމުން އަމީރު ވިދާޅުވީ ބޭރުގެ ބޭންކުތަކާއި މާލީ އިދާރާތަކުގެ އިތުރުން އިންވެސްޓަރުންނާ، ވިޔަފާރިވެރިންނަށް ރާއްޖޭގެ މާލީ ނިޒާމާ ދޭތެރޭގައި އިތުބާރު ގެއްލުމުން ދިމާވާނެ ދަތިތަކަށް ސަރުކާރުން ވިސްނަންޖެހޭނެ ކަމަށެވެ.

މާލީ ހާލަތު ގޯސްވެފައިވަނީ ސަރުކާރުގެ ނާގާބިލު ކަމުންކަމަށް ވިދާޅުވާ ވާހަަކ ތަކުރާރުކުރައްވަމުން އަމީރު ވިދާޅުވީ މި އަހަރު އާމްދަނީ އިތުރުވާއިރު، ދައުލަތުގެ ރިޒާވް ދަށްވާންވީ ކީއްވެގެންތޯ ސުވާލު ކުރައްވައިފައެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ އިންތިގާލީ މަރުހަލާގައި އައު ސަރުކާރަށް ގައުމުގެ މާލީ ހާލަތު ރަނގަޅަށް އޮޅުވަންފިލުއްވައި ދެއްވާފައިވާނެ ކަމަށާއި އޭރު ސަރުކާރުން ތިބީ އެކި ގައުމުތަކުން ޖުމްލަ ދެ ބިލިއަން ޑޮލަރު ލިބޭނެ ކަމުގެ އުންމީދުގައި، ހާސްކަމެއް ނެތި ކަމަށެވެ.