މި އަންނަ އަހަރު ކުރިއަށްގެންދިއުމަށް ނިންމާފައިވާ ސްކޫލް މަޝްރޫއުތަކުގެ ތެރޭގައި މަޖީދިއްޔާ ސްކޫލުގެ އިތުރު 40 ކްލާސް ރޫމްގެ އިމާރާތެއް ކުރިން ދަރުމަވަންތަ ސްކޫލް ހުރިތަނުގައި އެޅުމަށް ހަމަޖެހިފައިވާ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މަޖީދިއްޔާ ސްކޫލުގެ "ސައްތަވީ ބިނާ" އިފުތިތާހްކޮށްދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ އަލަށް ގާއިމް ކުރާ 40 ކްލާސްރޫމގް ތެރޭގައި ސްމާޓް ކްލާސްރޫމްތައް ވެސް ހިމެނިގެންދާނެ ކަމަށެވެ. އަދި މަޖީދިއްޔާ ސްކޫލުގެ އިސްދަރިވަރުންގެ ފަހުރެއްކަމުގައިވާ ދާރުލް އުލޫމާ ކުރިބޯށި އިމާރާތް ނެޝަނަލް އެޑިއުކޭޝަން މިއުޒިއަމެއްގެ ގޮތުގައި ތަރައްގީކުރުމަށް ނިންމާފައިވާ ކަމަށާއި މިކަމުގެ ސަބަބުން ކުރިއަށް އޮތް ޖީލުތަކަށް ރާއްޖޭގޭ ތާރީހީ ތައުލީމީ ހަޔާތުގެ މައުލޫމާތު ފޯރުކޮށްދެވޭނެ ކަަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހަޔާތުގައި ކުރާ ކޮންމެ ކަމެއްގައިވެސް ކާމިޔާބީއާ ހަމައަށް ދިއުމަށް ހިންމަތާއެކު ނުގުޑާފަދަ ވަރުގަދަ އަޒުމެއްގައި މަސައްކަތްކުރެއްވުމަށް ރައީސް ވަނީ ގޮވާލައްވާފައެވެ. އަދި އެމަނިކުފާނު ވަނީ الله ސުބްހާނަހޫވަތައާލާ އަންގަވާފައިވާގޮތަށް އެމީހަކަށް ކުޅަދާނަވެގެންވާ މިންވަރަކުން ހިތްމަތާއެކު މަސައްކަތްކޮށް ކާމިޔާބީ ދެއްވުން އެދި ވަކީލުކުރުމަށް ވެސް ބާރުއަޅުއްވާފައެވެ.

ރައީސް ވަނީ ދިރިއުޅުމުގައި ކުރުމަށް ކަނޑައަޅާ ކަންކަމުގައި ފަހަތަށް ނުޖެހި ކުރިމަތިވާ ދަތި އުނދަގޫ ހާލަތްތަކަށްވެސް ކުރިމަތިލައިގެން ކާމިޔާބީ ހާސިލުކުރުމަށް މަސައްކަތްކުރުމަށް އިލްތިމާސްކުރައްވާފައެވެ.

ރައީސް ވިދާޅުވީ ތައުލީމީ ދުވަސްވަރުގެ ހަގީގީ ބޭނުމަކީ ގައުމަށް ހިދުމަތްތަކެއް ކުރުމަށާއި އަމިއްލަ ހަޔާތް ބިނާކުރުމާއި މުޖުތަމައަށް ފައިދާހުރި ކަންތައްތަކެއް ކޮށްދިނުމަށްޓަކައި ތައުލީމު ހާސިލްކޮށް ތަމްރީނުވެގެން ނުކުތުން ކަމުގައެވެ. އަދި ކިޔެވުމުގެ އަދި ކިޔަވައިދިނުމުގެ ބޭނުމަކީ ތިމާގެ ފަރާތުން ގައުމަށް ކޮށްދެވޭނީ ކޮންކަމެއްތޯ ވިސްނާ، ފިކުރުކޮށް އެކަމެއް ކޮށްދިނުމަށް ތައްޔާރުވުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ މަޖީދިއްޔާ ސްކޫލުގެ ދާރުލް އުލޫމް ހޯލުގައި ކުރިއަށްދާ ފޮޓޯ މައުރަޒު ބައްލަވާލައްވާފައެވެ.

މަޖީދިއްޔާ ސްކޫލަކީ ދިވެހިރާއްޖޭގައި ހުރި އެންމެ ދުވަސްވީ ތައުލީމީ ބިނާއެވެ. މަޖީދީ "ސައްތަވީ ބިނާ" ރަމްޒުކޮށްދެނީ މަޖީދިއްޔާ ސްކޫލްގެ އިލްމީ ހިޔާވައްސެވެ. މި ސައްތަވީ ބިނާ އުފަންކުރުމުގެ އެންމެހާ މަސައްކަތެއް ކުރި ބަޔަކީ މަޖީދިއްޔާ ސްކޫލުގެ ކުރީގެ ދަރިވަރުންނެވެ.